ރައްޔިތުންގެ މަޖިލިސް

އިސްލާހުތަކަކާއެކު މެންބަރުންގެ ތާއީދު އެންޓި-ޑިފެކްޝަން ބިލަށް

ވަކި ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށް އިންތިހާބުވުމަށްފަހު ދައުރުގެ ތެރޭގައި ޕާޓީ ބަދަލުކުރުމުން ރައްޔިތުންގެ މަޖިލީހާއި އަތޮޅު ކައުންސިލް، ރަށު ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑި ގެއްލޭ އެންޓި-ޑިފެކްޝަން ބިލަށް އިސްލާހުތަކަކާއެކު ތާއީދުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އެންޓި-ޑިފެކްޝަން ބިލްގެ ބަހުސް ފަށާފަ އެވެ. މަޖިލީހަށް މި ބިލް ހުށަހެޅުއްވީ ބާރަށު ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު އަބްދުﷲ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބިލް ހުށަހަޅުއްވަމުން މެންބަރު އަހުމަދު އަބްދުﷲ ވިދާޅުވީ ބިލްގެ މަގުސަދުތަކުގެ ތެރޭގައި ރައްޔިތުން އިންތިހާބުކުރާ މަގާމުތަކުގައި ތިބޭ މީހުންނަކީ ތަފާތު ސިޔާސީ އަދި މާލީ ނުފޫޒުން އެއްކިބާވެފައިވާ ބަޔަކަށް ހެދުން ހިމެނޭ ކަމަށެވެ. އަދި ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ލިބިފައިވާ ބަޔަކަށް ހެދުން ހިމެނޭ ކަމަށެވެ.

ރައްޔިތުން އެތައް ބުރަ މަސައްކަތަކުން އިންތިހާބުކުރުމަށްފަހު ޕާޓީ ބަދަލުކުރުމުން ރައްޔިތުންނަށް ނުތަނަވަސްކަން ލިބޭ ކަމަށާއި ބިލުގެ މަގުސަދުތަކުގެ ތެރޭގައި އެކަންކަމަށް ހައްލު ހޯދައިދިނުން ހިމެނޭ ކަމަށް މެންބަރު އަހުމަދު އަބްދުﷲ ވިދާޅުވި އެވެ.

"އެންޓި-ޑިފެކްޝަން ބިލް ރައްޔިތުންގެ މަޖިލީހަށް އަޅުގަނޑު މި ހުށަހަޅަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ގާއިމުކޮށްފައިވާ އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ރައްޔިތުން އިންތިހާބުކުރާ ދައުރުގެ ތެރޭގައި އެ އިންތިހާބުކުރި ސިޔާސީ ފިކުރުގައި ދެމިތިބޭ ބައެއްކަން ކަށަވަރު ކުރުމަށްޓަކައި،" އަހުމަދު އަބްދުﷲ ވިދާޅުވި އެވެ.

ބިލަށް އިސްލާހުތަކެއް ގެންނަންޖެހޭ: ހަސަން ލަތީފު

ބިލްގެ ބަހުސްގައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވީ އެންޓި-ޑިފެކްޝަން ބިލަކީ މުހިންމު ބިލެއް ކަމަށާއި ބިލަށް ފުރިހަމައަށް ތާއީދުކުރައްވާ ކަމަށެވެ.

ހަސަން ލަތީފު ވިދާޅުވީ ރައްޔިތުންގެ ތާއީދާއި އިތުބާރު ރައްޔިތުންގެ މަޖިލީހާއި މަޖިލީހުގެ މެންބަރުންނާއި ސިޔާސީ ޕާޓީތަކާއި ސިޔާސީ މަސައްކަތްކުރާ މީހުންނަށް އޮތީ ކިހާވަރަކަށްތޯ ބަލާލަންޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންނަށް އެބަ ފެނޭ އެކިއެކި ދިރާސާތަކުން ދައުލަތުގެ އެކިއެކި ފަރާތްތަކާމެދު ރައްޔިތުން ދެކޭ ގޮތް ވަޒަންކޮށްފަ ހުރި ދިރާސާތަކުން ދައްކާ ގޮތުގައި ރައްޔިތުންގެ މަޖިލީހާ ދޭތެރޭގައި އިތުބާރުކުރަނީ ވަރަށް ކުޑަ ޕަސަންޓެއްގެ ރައްޔިތުން،" ހަސަން ލަތީފު ވިދާޅުވި އެވެ.

އޭގެ އެންމެ ބޮޑު ސަބަބަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކުރާ މަސައްކަތްތަކުގެ ތެރޭގައި އެ މެންބަރުން ހަވާލުވި މަސައްކަތް ނޫން މަސައްކަތްތަކަށް މާބޮޑަށް އިސްކަންދީ ރައްޔިތުންގެ ފަރާތުން ރައްޔިތުން ތަމްސީލުކުރާ ބައެއްގެ ގޮތުގައި ނޫން ގޮތަކަށް މާބޮޑަށް ސިފަވުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއީ ގަނެވިއްކުމުގެ މާރުކޭޓެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލިސް ބަދަލުވެގެން ދިޔުން،" ހަސަން ލަތީފު ވިދާޅުވި އެވެ.

ޕާޓީއަކަށް ނިސްބަތްވާ މެންބަރަކުވެސް އެ ޕާޓީގެ އަސާސްތައް ދޫކޮށް ގަނެ ވިއްކުމުގެ ތެރެއިން ސަރުކާރުގެ ނުފޫޒަށް ލެނބިގެންދާތަން ފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ބިލްގައި ރިކޯލް ވޯޓުގެ ވާހަކަ ހިމަނާފައިވާއިރު ކޮމިޓީ މަރުހަލާގައި ރިކޯލް ވޯޓު ނެގޭނެ އުސޫލުތައް އިތުރަށް ފުރިހަމަކުރަންޖެހޭ ކަމަށް ހަސަން ލަތީފު ވިދާޅުވި އެވެ.

އެގޮތުން ރައްޔިތުން ބޭނުންވާ ގޮތް ނޫން ގޮތަކަށް މެންބަރު ކަންކަން ކުރާނަމަ ރިކޯލް ވޯޓަކަށް އެހޭނެ ގޮތެއް އޮންނަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

ޕާޓީން މެންބަރަކު ވަކިކުރި ނަމަވެސް އެ މެންބަރު މަޖިލީހުގައި އިނުމާމެދު ރައްޔިތުން ގާތުން ވޯޓަކަށް އެހެންވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މި ބިލަށްވުރެ ކުރިން ޕާޓީތަކުގެ ގާނޫނު އިސްލާހުކުރަންޖެހޭ: ހަސަން އަހުމަދު

ބިލްގެ ބަހުސްގައި އިނގުރައިދޫ ދާއިރާގެ ޕީއެންސީ މެންބަރު ހަސަން އަހުމަދު ވިދާޅުވީ ބިލަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށާއި ނަމަވެސް މި ބިލަށްވުރެ ކުރިން ސިޔާސީ ޕާޓީތަކުގެ ގާނޫނު އިސްލާހު ކުރަންޖެހޭ ކަމަށެވެ.

"އެ ގާނޫނުތަކަށް ބަދަލު ނުގެނެސް މިކަން ކޮށްގެން އަޅުގަނޑަކަށް ހިޔެއް ނުވޭ އަޅުގަނޑުމެން ދެކޮޅު ޖެހިދާނެ ހެންނެއް. ފުރަތަމަ ކުރަން އޮތް ކަން ނުކޮށް ދެން ހުރި ކަންތައް ތި ކުރަނީ. ކުރީމާ މި ގައުމު ދަނީ ހަރާބުގެ މައްޗަށް،" ހަސަން އަހުމަދު ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކުގެ ލީޑަރުން ރަނގަޅުވާންޖެހޭ ކަމަށް ވިދާޅުވެ ޕާޓީ ބަދަލު ކުރެއްވި ސަބަބު ހަސަން އަހުމަދު ވިދާޅުވި އެވެ.

"އިހުލާސްތެރިކަމާއި ތެދުވެރިކަމާއެކީ ގިނަ ދުވަހު މަސައްކަތްކުރި ޕާޓީ ބަދަލުކުރީ އެ ޕާޓީގެ ލީޑަރުން އަޅުގަނޑު ބަލައިނުގަނެ އަޅުގަނޑު ނޫން ގޮތެއް ހޯދަން އެދިފަ ކޮމިޓީގައި ވިލަރެސް ކޮމިޓީގައި އެހެން ވިދާޅުވެފަ އޮތީމަ،" ހަސަން އަހުމަދު ވިދާޅުވި އެވެ.

ހަސަން އަހުމަދު ވިދާޅުވީ އިހުލާތެރި މަސައްކަތްކުރާނަމަ ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅަންޖެހޭ ކަމަށެވެ.

އެ ގޮތުން ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ކައުންސިލް އިންތިހާބުތައް އެއް މުއްދަތުގައި ބާއްވަން އިސްލާހު ހުށަހެޅުއްވުމަށް ގޮވާލެއްވި އެވެ.

"އޭރުން ދިވެހިރާއްޖޭގެ ބަޖެޓަށްވެސް ލުއިވާނެ. 500 މިލިއަން ހަރަދެއް ނުކުރާނެ. އިރުކޮޅުކޮޅަކާއި ޕްރޮމޯޝަން ދޭކަށް ނުޖެހޭނެ. ވެރިމީހާ ވިދާޅުވީމާ ވިދާޅުވާހާ ގޮތަކަށް މިތާ އައިސް އަމަލުކުރާކަން ނުޖެހޭނެ،" ހަސަން އަހުމަދު ވިދާޅުވި އެވެ.

މަޖިލީހުން ބަޖެޓު ފާސްކުރި ނަމަވެސް ރަށްރަށުގައި ނަރުދަމާ އާއި އެ ނޫންވެސް ހިދުމަތް ނުލިބިގެން މިނިސްޓަރު އަރިހުގައި އާދޭސް ދަންނަވަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.