ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި ވޯޓަށް އެހުމަށްޓަކައި މަޖިލީހުގެ ޖަލްސާ މިއަދު ފަށައިފި އެވެ.
ރިޔާސަތުގައި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އިންނެވިއިރު އެމަނިކުފާނާއި މަޖިލީހުގެ އިދާރީ މޭޒުގެ ވަށައިގެން ސިފައިންނާއި އެމްޑީޕީގެ މެންބަރުން ތިއްބެވި އެވެެ. ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕީޕީއެމް ޕީއެންސީގެ މެންބަރުން ތިއްބެވީ ޗެމްބަރުގައި ކޮޅަށެވެ.
ޖަލްސާ ފެއްޓެވުމަށްފަހު މެންބަރުންނަށް އިލްތިމާސް ކުރައްވާ އަސްލަމް ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށްދާއިރު މަޖިލީހުގެ ގަވައިދާ އެއްގޮތަށް އަމަލުކުރެއްވުމަށް މެންބަރުންނަށް ނަސޭހަތްތެރިވެފަ އެވެ.
އޭގެފަހުގައި ވަޒީރުންނަށް ރުހުން ދިނުމަށްޓަކައި ވޯޓަށް އެހުމުގެ ކުރިން ޖަހަންޖެހޭ ރަނގަބީލް ޖެއްސެވުމަށް މަޖިލީހުގެ އިދާރީ މުވައްޒަފުންނަށް އަސްލަމް ވަނީ އަންގަވާފަ އެވެ. އަދި އޭގެއިރުކޮޅެއް ފަހުން އެމަނިކުފާނު ވަނީ މަޖިލީހުގެ ސިސްޓަމަށް ދިމާވި މައްސަލައެއް ހައްލުކުރުމަށްޓަކައި ކުޑަވަގުތުކޮޅަކަށް ޖަލްސާ މެދުކަނޑާލެއްވި ކަމަށް އިއުލާންކުރައްވާފަ އެވެ.
ވަޒީރުންނަށް ރުހުން ދިނުމަށް މިއަދު ކުރިއަށް ގެންދާ މިޖަލްސާ އަކީ ދައުރުން ބޭރުގައި ބާއްވާ ފުރަތަމަ ޖަލްސާ އެވެ. ވަޒީރުންނަށް ރުހުން ދިނުމަށް ފުރަތަމަ ޖަލްސާ އިއްޔެ ބޭއްވި ނަމަވެސް އެ ޖަލްސާގައި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކުރިއަށް ގެންދެވިފައެއް ނުވެ އެވެ. މަޖިލީހުގެ ޖަލްސާ ކުރިއަށް ނުގެންދެވުނީ ސަރުކާރަށް ތާއީދު ކުރައްވާ މެންބަރުން މަޖިލީހުގައި އަޑުގަދަކުރައްވާ ނިޒާމު ގެއްލުވާލުމުންނެވެ.
މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދިއުމަށް ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން ހުރަސް އަޅުއްވަނީ އެމްޑީޕީއާއި ދަ ޑިމޮކްރެޓްސް އިން ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމުމާ ގުޅިގެން އެކަމާ ދެކޮޅުގެ ހެއްދެވުމުގެ ގޮތުންނެވެ.
އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްގެ މެންބަރުންނަށް ރުހުން ނުދިނުމަށް އެއްބަސްވެވޭ ވަޒީރުންގެ ތެރޭގައި ހިމެނެނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރުގެ އިތުރުން ބަންޑާރަނައިބް އަހްމަދު އުޝާމް އެވެ.
އެމްޑީޕީން ރުހުން ނުދޭން ނިންމި އިތުރު ވަޒީރެއްގެ ގޮތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ހިމެނެ އެވެ. އެކަމަކު ޑިމޮކްރެޓުން ރުހުން ނުދޭން ނިންމި ވަޒީރުންގެ ލިސްޓުގައި ސައީދު ނެތް ކަމަށް އެ ޕާޓީގެ ބައެއް މެންބަރުން ވިދާޅުވެ އެވެ. ދަ ޑިމޮކްރެޓްސް އިން ރުހުން ނުދޭން ނިންމި އިތުރު ވަޒީރެއްގެ ގޮތުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ހިމެނެ އެވެ. ނަމަވެސް އެމްޑީޕީން ރުހުން ނުދޭން ނިންމި ވަޒީރުންގެ ލިސްޓްގައި މޫސާ ޒަމީރު ނެތް ކަމަށް އެމްޑީޕީގެ މެންބަރުން ވިދާޅުވެ އެވެ.
ވެރިކަން ކުރާ ޕީޕީއެމް ޕީއެންސީ އިން ގަބޫލުކުރާ ގޮތުގައި ވަޒީރުންނަށް ރުހުން ނުދޭން މަސައްކަތް ކުރަނީ ސަރުކާރަށް ޖެއްސުންކޮށް ސަރުކާރު ހުއްޓުވާލުމަށެވެ.