ރައްޔިތުންގެ މަޖިލިސް

ޖަލްސާ ނުފެށިގެން އަސްލަމް ވަޑައިގެންފި

ވަޒީރުންނަށް ރުހުން ދިނުމާމެދު ގޮތެއް ނިންމުމަށް ވޯޓަށް އެހުމަށް އޮތް ޖަލްސާ އަލުން ފެށުމަށްފަހު މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ރިޔާސަތު ދޫކުރައްވާ ވަޑައިގެންފި އެވެ.

މިރޭ 8:00 ޖެހުމާއެކު ޖަލްސާ ފެށުމަށް އަސްލަމް ރިޔާސަތަށް ވަޑައިގަތެވެ. ނަމަވެސް ސަރުކާރަށް ތާއީދުކުރައްވާ ޕީޕީއެމް ޕީއެންސީގެ މެންބަރުން ރިޔާސަތުގެ މޭޒު ވަށައިގެން ތިއްބަވާ މައިކު އަތުލައްވައި މަޖިލީހުގެ ނިޒާމު ގެއްލުވާލުމުން އަސްލަމް ވަޑައިގެންނެވީ އެވެ.

މިރޭ ފެށުމަށް މިމަސައްކަތް ކުރާ ޖަލްސާ އަކީ މިއަދު ހެނދުނު ފެށި ޖަލްސާގެ ދަންފަޅި އެކެވެ. ވަޒީރުންނަށް ރުހުން ދިނުމުގެ ދަންފަޅި މެންދުރުފަހު 1:30ގައި ފެށުމަށްވެސް އަސްލަމް މަސައްކަތް ކުރެއްވި އެވެ. ނަމަވެސް އޭރުވެސް ޖަލްސާ ނުފެށުނީ ސަރުކާރަށް ތާއީދު ކުރައްވާ މެންބަރުން މަޖިލީހުގެ ޗެމްބަރު ތަޅުލެއްވުމުންނެވެ.

ވަޒީރުންނަށް ރުހުން ދިނުމަށް ބާއްވާ މިޖަލްސާ އަކީ ދައުރުން ބޭރުގައި ބާއްވާ ޖަލްސާ އެކެވެ.

މިޖަލްސާ ކުރިއަށް ގެންދަން ދަތިވެގެން މިއުޅެނީ އެމްޑީޕީއާއި ދަ ޑިމޮކްރެޓްސް އިން ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމުމާ ގުޅިގެންނެވެ.

ވެރިކަން ކުރާ ޕީޕީއެމް ޕީއެންސީ އިން ގަބޫލުކުރާ ގޮތުގައި ވަޒީރުންނަށް ރުހުން ނުދޭން މަސައްކަތް ކުރަނީ ސަރުކާރަށް ޖެއްސުންކޮށް ސަރުކާރު ހުއްޓުވާލުމަށެވެ.