އަހުމަދު ސަލީމް (ރެޑްވޭވް)

ޖަލްސާ ހުއްޓުވާލި ސަބަބު ސާފުކޮށްދީފި

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާ ހުއްޓުވާލި ސަބަބު ސަރުކާރަށް ނިސްބަތްވާ ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ސާފުކޮށްދީފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކުލަވާލައްވާފައިވާ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރުހުން ދިނުމަށް އިއްޔެ ވަނީ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް ބާއްވާފަ އެވެ.

މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވަޒީރުންނަށް ރުހުން ދިނުމަށް ވޯޓަށް އެހުމަށް ހަމަޖެއްސީ މެންދުރުފަހު 1:30ގަ އެވެ. ނަމަވެސް ޑިމޮކްރެޓުންނާއި އެމްޑީޕީގެ މެންބަރުންނަށް ނުވަދެވޭނެހެން ޕީޕީއެމް ޕީއެންސީގެ މެންބަރުން ވަނީ މަޖިލީހުގެ ޗެމްބަރުގެ ދޮރު ތަޅުލާފަ އެވެ. ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކުރިއަށް ގެންދަން ރޭ ޖަލްސާއެއް ފެށި ނަމަވެސް އެ ޖަލްސާވެސް ކުރިއަށް ނުގެންދެވި ވަނީ ނިންމާލާފަ އެވެ.

ރައްޔިތުންގެ މަޖިލިސް އިދާރާ ކައިރީގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް މިއަދު ވަނީ ޖަލްސާއަށް ހުރަސް އެޅި ސަބަބުތައް ސާފުކޮށްދެއްވާފަ އެވެ.

މަޖިލީހުގެ ދަފުތަރުގައި އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންތަކެއް ޕީއެންސީއަށް ބަދަލުވިކަން އިއްޔެގެ ޖަލްސާގައި އިއުލާނުކޮށްފައިވާއިރު މަޖިލީހުގެ ކޮމިޓީތަކަށް ވަނީ ބަދަލުތައް އައިސްފަ އެވެ.

ސަލީމް ވިދާޅުވި ގޮތުގައި ޖަލްސާއަށް ހުރަސް އެޅީ ކޮމިޓީތައް އަލުން އެކުލަވާނުލައި ކޮމިޓީތަކުން ޕީއެންސީގެ މެންބަރުން ބޭރުކޮށް ކޮމިޓީތައް ކުރިއަށް ގެންދަން މަޖިލީހުގެ ރައީސް މަސައްކަތް ކުރެއްވުމުންނެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކުރިއަށް ގެންދަން ރޭ ޖަލްސާއެއް އެޖެންޑާކުރިއިރު އެ ޖަލްސާއަށް ހުރަސް އެޅީ ޕީއެންސީއަށް ފަހުން ސޮއިކުރެއްވި ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމަށް އަނިޔާވެ ޖަލްސާގައި ބައިވެރިވެވަޑައިނުގެންނެވޭތީ ކަމަށް ސަލީމް ވިދާޅުވި އެވެ.

ބައެއް ވަޒީރުންނަށް ރުހުން ނުދޭން އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް އިން ނިންމާފައިވާއިރު ވަޒީރުންނަށް ރުހުން ނުދޭން އެޕާޓީތަކުން ނިންމި ސަބަބު ހާމަނުކުރާކަން ސަލީމް ފާހަގަކުރެއްވި އެވެ.

މެންބަރު ޝަހީމަށް އަނިޔާވީ އެމްޑީޕީގެ ބައެއް މެންބަރުން މަޖިލިސް ޗެމްބަރުގައި ރިޔާސަތު މޭޒުގެ ވަށާލައިގެން ތިއްބަވަނިކޮށް ޝަހީމް އެތަނަށް ވަދެވަޑައިގަންނަވަން އުޅުމުގެ ތެރޭގައި ހިނގާދިޔަ ހަމަނުޖެހުމުގައެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއެއްގައި މަޖިލިސް ރައީސްގެ މޭޒުކޮޅު ކައިރިން ޝަހީމް އާއި އެމްޑީޕީގެ ކެނދިކުޅުދޫ މެންބަރު އަހްމަދު އީސާ ވެއްޓޭ ތަން ފެނެ އެވެ. އެ ވަގުތު ޝަހީމަށް ކޮންމެވެސް ވަރެއްގެ އަނިޔާއެއްވެ ކަންފަތުގައި އަތްއަޅުއްވާ ތަން ފެނެ އެވެ. އެކަމަކު ތެދުވެ އަލުން ރިޔާސަތު މޭޒު ކައިރިއަށް ޝަހީމަށް ވަޑައިގަންނަވަން އުޅުއްވާ މަންޒަރުވެސް ވީޑިއޯގައި ފެނެ އެވެ.