ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި ޕީއެންސީއަށް ފަހުން ސޮއިކުރެއްވި ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމަށް އަނިޔާވެއްޖެ އެވެ.
މަޖިލީހުގެ ބައެއް މެންބަރުންގެ ފަރާތުން އަވަސްއަށް މައުލޫމާތު ލިބިފައިވާ ޝަހީމަށް އަނިޔާވީ އެމްޑީޕީގެ ބައެއް މެންބަރުން މަޖިލިސް ޗެމްބަރުގައި ރިޔާސަތު މޭޒުގެ ވަށާލައިގެން ތިއްބަވަނިކޮށް ޝަހީމް އެތަނަށް ވަދެވަޑައިގަންނަވަން އުޅުމުގެ ތެރޭގައި ހިނގާދިޔަ ހަމަނުޖެހުމުގައެވެ.
މަޖިލީހުގެ ޗެމްބަރުގެ ތެރޭގައި ހިނގާދިޔަ ހަމަނުޖެހުންތަކުގެ ބައެއް ވީޑިއޯތައް ސޯޝަލްމީޑިއާގައި މިހާރު ވަނީ އާންމުވެފަ އެވެ. އެތަނުން ވީޑިއޯއެއްގައި މަޖިލިސް ރައީސްގެ މޭޒުކޮޅު ކައިރިން ޝަހީމް އާއި އެމްޑީޕީގެ ކެނދިކުޅުދޫ މެންބަރު އަހްމަދު އީސާ ވެއްޓޭ ތަން ފެނެ އެވެ. އެ ވަގުތު ޝަހީމަށް ކޮންމެވެސް ވަރެއްގެ އަނިޔާއެއްވެ ކަންފަތުގައި އަތްއަޅުއްވާ ތަން ފެނެ އެވެ. އެކަމަކު ތެދުވެ އަލުން ރިޔާސަތު މޭޒު ކައިރިއަށް ޝަހީމަށް ވަޑައިގަންނަވަން އުޅުއްވާ މަންޒަރުވެސް ވީޑިއޯގައި ފެނެ އެވެ.
ޝަހީމްގެ ގައިގައި އީސަ ޖެއްސެވި ކަމަށް ބައެއް މީހުން ބުނި ނަމަވެސް އީސާ ގަސްދުގައި ޖައްސަވާ ތަނެއް ވީޑިއޯ އަކުން ނުފެނެ އެވެ.
ޝަހީމަށް އަނިޔާވެގެން އޭނާ މިހާރު ވަނީ އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
ސަރުކާރަށް ތާއީދުކުރައްވާ ޕީޕީއެމް ޕީއެންސީގެ ބައެއް މެންބަރުން ވިދާޅުވި ގޮތުގައި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އެމަނިކުފާނުގެ ކޮޓަރިކޮޅުގައި އިންނެވީ ޗެމްބަރު ތެރޭގައި މެންބަރުން މާރާމާރީ ހިންގަވަން ފުރުސަތު ދެއްވައިގެންނެވެ.
މެންބަރުންގެ މެދުގައި ހަމަނުޖެހުން ހިނގާފައި މިވަނީ ވަޒީރުންނަށް ރުހުން ދިނުމުގެ ޖަލްސާ މިއަދު ކުރިއަށް ގެންދަން ނިންމާފައި ވަނިކޮށް އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްގެ މެންބަރުން ބައެއް ވަޒީރުންނަށް ރުހުން ނުދޭން ފާސްކޮށްފައި ވަނިކޮށެެވެ.