ރައްޔިތުންގެ މަޖިލިސް

އެންޓި-ޑިފެކްޝަން ބިލް މަޖިލީހަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބުވާ ޕާޓީ ބަދަލުކުރުން ހުއްޓުވާ، އެންޓި-ޑިފެކްޝަން ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މިބިލް މަޖިލީހަށް ހުށަހެޅުއްވީ ބާރަށު ދާއިރާގެ އެމްޑީޕީ މެންބަރު އަހްމަދު އަބްދުﷲ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މި ބިލު މަޖިލީހަށް ތައާރަފުކޮށް ފުރަތަމަ ކިޔުން އިއްވާފަ އެވެ.

މި ބިލް ހުށަހަޅާފައި މިވަނީ އެމްޑީޕީގެ ޓިކެޓުގައި މަޖިލީހަށް އިންތިހާބުވުމަށްފަހު ބައެއް މެންބަރުން ޕާޓީ ބަދަލުކުރައްވާފައި ވަނިކޮށެވެ.

އެ ގޮތުން އެމްޑީޕީގެ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރައްވާ 13 މެންބަރަކު އެމްޑީޕީ ދޫކޮށް ދަ ޑިމޮކްރެޓްސް އުފެއްދި އެވެ. މީގެ އިތުރުން އެމްޑީޕީގެ 13 މެންބަރަކު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވަނީ ވެރިކަންކުރާ ޕީއެންސީއާ ގުޅިވަޑައިގެންފަ އެވެ.

އެންޓި ޑިފެކްޝަން ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަން ހާމަކޮށް އެމްޑީޕީން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބުނީ އެ ގާނޫނު އެކުލަވާލަނީ އެ ޕާޓީގެ މެންބަރުންތަކެއް ޕީއެންސީއާ ގުޅުމުން ނޫން ކަމަށެވެ.

މިއީ މަޖިލިސް އިސްލާހުކުރުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި އެމްޑީޕީއާ ރައްޓެހި ޕާޓީތަކާއި ގުޅިގެން ކުރާ މަސައްކަތެއް ކަމަށްވެސް އެމްޑީޕީން ބުނެފައިވެ އެވެ.