ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ނަޝީދުގެ ބޮޑު ތުހުމަތެއް: ރައީސް އުޅުއްވަނީ ދައުލަތް ހުއްޓުވަން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ދިވެހި ދައުލަތް ހުއްޓުވާލެއްވުމަށް މަސައްކަތް ކުރައްވާ ކަމަށް ތުހުމަތުކުރައްވާ އެ މަސައްކަތް ހުއްޓާލެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.

ރައީސް ނަޝީދު މިފަދަ ތުހުމަތެއް ކުރައްވާފައި މިވަނީ މަޖިލީހުގެ ރައީސްގެ ހައިސިިއްޔަތުން އެމަނިކުފާނު ސޮއިކުރައްވާ ރައީސް ސޯލިހަށް މިއަދު ފޮނުއްވި ސިޓީފުޅެއްގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ ތިންވަނަ މާއްދާއާ ހަވާލާދީ ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ހުރުމަތާއި ގަދަރު ހިފެހެއްޓުމަކީ މަޖިލީހުގެ ރައީސްގެ މަސްއޫލިއްޔަތެއް ކަމަށެވެ. އަދި މަޖިލީހުގެ ގަވައިދަށް އުނިކަން އަންނަ ފަދަ އެއްވެސް އަމަލެއް ހިންގައިފިނަމަ ނުވަތަ މަޖިލީހުގެ ގަވައިދަށް އުނިކަމެއް އަތުވެދާނެ ކަމަށް ބެލެވޭ އެއްވެސް ކަމެއް ފާހަގަކުރެވިއްޖެނަމަ އެކަމެއް ހުއްޓުވުމަށް ކުރަންޖެހޭ ކަންކަން ކުރުމަކީވެސް މަޖިލީހުގެ ރައީސްގެ ޒިންމާއެއް ކަމަށް ހަނދާންކޮށްދެއްވާފައިވެ އެވެ.

"އަދި ގާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމުގެ މަސްއޫލިއްޔަތު މަތިކޮށްފައިވަނީ މަޖިލީހުގެ ރައީސް އަށެވެ،" މަޖިލީހުގެ ރައީސްގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ހަނދާންކޮށްދެއްވާ ސިޓީގައި ވިދާޅުވެފައިވެ އެވެ.

މަޖިލީހުގެ ރައީސްއަށް ޒިންމާތަކެއް އޮތް ނަމަވެސް ރައީސް ސޯލިހް ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީގެ މަޖިލިސް މެންބަރުން މަޖިލީހަށް ހާޒިރުވެ ހާރިޒީގައި ސޮއިކުރައްވައި ޖަލްސާ ކުރާ މާލަމަށް ވަދެވަޑައިނުގަންނަވާ ކަމަށް ސިޓީގައި ފާހަގަކުރައްވާފައިވެ އެވެ.

ނަޝީދު ތުހުމަތުކުރައްވާ ގޮތުގައި އެމްޑީޕީގެ މެންބަރުން އެގޮތަށް އަމަލުކުރައްވަނީ މަޖިލީހުގެ ޖަލްސާ ފެށުމަށް ބޭނުންވާ ގާނޫނީ އަދަދު ހަމަކުރެއްވުމަށް ދަތިކުރައްވައި، މަޖިލީހުގެ ޖަލްސާތައް ފެށުމަށް ހުރަސް އެޅުއްވުމަށެވެ. އަދި އެގޮތަށް އެމްޑީޕީގެ މެންބަރުން އަމަލުކުރައްވަނީ ރައީސް ސޯލިހް ކަނޑައެޅިގެން އެކަމުގައި ބައިވެރިވެވަޑައިގެން ކަމުގައި ދެކެވަޑައިގަންނަވާ ކަމުގައިވެސް ނަޝީދު ވިދާޅުވެފައިވެ އެވެ.

"އެހެންކަމުން ދިވެހި ދައުލަތުގެ ބާރުތައް މަނިކުފާނުގެ އަތްޕުޅު މައްޗަށް ނަންގަވައި ދިވެހި ދައުލަތް ހުއްޓުވާލެއްވުމަށް ތިޔަ ކުރައްވާ މަސައްކަތްތައް ހުއްޓާލެއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އަޅުގަނޑު އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުންމަތީ ދެމިހުންނާނޭ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހުއްޓުނަ ނުދީ މަޖިލިސް ކުރިއަށް ގެންދިއުމަށް އަޅުގަނޑު ކުރަންޖެހޭ އެންމެހައި ކަންކަން ކުރާނެ ކަމުގައި ދަންނަވަމެވެ،" ނަޝީދުގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބައިވެރިވުމަށް އެމްޑީޕީގެ މެންބަރުން ދެކޮޅު ހައްދަވަނީ ސަރުކާރުން ވައުދު ފުއްދުމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލްތައް އެޖެންޑާ ނުކޮށް، ރައީސް ނަޝީދުގެ މަސްލަހަތު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ރައްޔިތުންގެ ހިޔާލު ހުރި ގޮތް ބެލުމަށް ވޯޓެއް ނެގުމާ ގުޅޭ ގަރާރު ޖަލްސާއަށް އެޖެންޑާ ކުރުމުން ކަމަށް ބައެއް މެންބަރުންގެ ފަރާތުން އަވަސް އަށް އެނގިފައިވެ އެވެ.