ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ގުޅޭ ރިޝްވަތުގެ މައްސަލަތަކެއް ފުލުހުންނަށް ހުށަހަޅައިފި އެވެ.
އަވަސްއަށް މައުލޫމާތު ދެއްވަމުން މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ ރިޔާސީ އިންތިހާބާ ދިމާކޮށް މަޖިލީހުގެ ބައެއް މެންބަރުން ޕާޓީ ބަދަލުކުރާތީ އެކަމުގައި ރިޝްވަތުގެ އަމަލުތަކެއް ހިނގާ ކަމަށް ތުހުމަތުކުރެވޭތީ އެ މައްސަލަތައް ބަލައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.
"ގާތްގަނޑަކަށް މިއަދު މެންދުރުފަހުގެ ވަގުތެއްގައި އެ މައްސަލަ ވަނީ ފުލުހުންނަށް ހުށަހަޅާފައި،" ޒިޔާއު ވިދާޅުވި އެވެ.
އެމްޑީޕީ ދޫކުރައްވާ ދަ ޑިމޮކްރެޓްސްއަށް ސޮއި ކުރެއްވި ބައެއް މަޖިލިސް މެންބަރުންނާއި ބައެއް އާންމު މެންބަރުން އަނބުރާ އެމްޑީޕީއާ ގުޅިވަޑައިގަންނަވާތީ ރައީސް ނަޝީދު މިއަދު ވަނީ ކޯފާއިސްކުރައްވާ ޓްވީޓެއްވެސް ކުރައްވާފަ އެވެ.
ރައީސް ނަޝީދު ކޯފާވީ އެމްޑީޕީގައި ތިއްބެވުމަށްފަހު ދަ ޑިމޮކްރެޓްސްއަށް ސޮއި ކުރެއްވި ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފާއި، ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމުންނެވެ.
އެމްޑީޕީގެ ކުރީގެ ރައީސް، ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ގެންދަވަނީ ލަދެއްނެތި، ބިރެއްނެތި، ދައުލަތުގެ ފައިސާ ބޭނުންކުރައްވައިގެން މަޖިލިސް މެންބަރުންނާއި އެހެންވެސް މީހުންނަށް ރިޝްވަތު ދެއްވަމުން ކަމަށެވެ.
"ތިޔަކަމުން ވާނެ މޮޅެއް ނޯންނާނެ. ވާނީ މަނިކުފާނު ފަލީހަތް،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ދަ ޑިމޮކްރެޓްސްގެ އިސް ބޭފުޅުންވެސް ތުހުމަތުކުރައްވާ ގޮތުގައި އެ ޕާޓީގެ މެންބަރުން އެމްޑީޕީއަށް އަލުން ގެންދަނީ ފައިސާ ދީގެންނެވެ. ނަމަވެސް އެމްޑީޕީން އެ ތުހުމަތު ދޮގުކުރެ އެވެ.