ދަ ޑިމޮކްރެޓްސް

އިދިކޮޅުގެ ކެމްޕޭނަށް ސަރުކާރުން ދަނީ ހުރަސް އަޅަމުން: ޑިމޮކްރެޓްސް

ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރަށަކަށް ވަޑައިގެންފިނަމަ އެމަނިކުފާނު ފިޔަވައި އެހެން އެއްވެސް ކެންޑިޑޭޓަކަށް އެރަށުގައި ކެމްޕޭން ކުރުމަށް ފުލުހުން ހުރަސް އަޅަމުންދާ ކަމަށް ދަ ޑިމޮކްރެޓްސް އިން ބުނެފި އެވެ.

ދަ ޑިމޮކްރެޓްސް އިން ނެރުނު ނޫސްބަޔާނެއްގައި ވަނީ ރައީސް ސޯލިހު އިއްޔެ ކުޅުދުއްފުށި ސިޓީއަށް ވަޑައިގަންނަވާތީ އެހެން އެއްވެސް ސިޔާސީ ޕާޓީއަކަށް ނުވަތަ ކެންޑިޑޭޓަކަށް އެ ސިޓީގެ އެއްވެސް ހިސާބެއްގައި ކެމްޕޭން ހަރަކާތް ނުހިންގޭނެ ކަމަށް ފުލުހުން އަންގާފައިވާ ކަމަށް ބުނެފަ އެވެ.

މީގެ އިތުރުން ޅ. ނައިފަރުގައި ހުރި ޑިމޮކްރެޓުންގެ ޕޯސްޓަރުތަކަށް ސަރުކާރު ޕާޓީގެ މެންބަރުން ފުލުހުންގެ ހާޒިރުގައި ގެއްލުންދީ ޑިމޮކްރެޓުންގެ ބައެއް ހަރަކާތްތެރިންނަށް ހަމަލާދީފައިވާ ކަމަށް އެ ޕާޓީން ވަނީ ތުހުމަތުކޮށްފަ އެވެ.

"ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިންނަވަނީ އިދިކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލާން ރަޔަޓު ގިޔަރުގައި ތިބި ފުލުހުންނާއި ސިފައިން ލައްވާ ނަހަމަ ބާރުގެ ބޭނުން ހިއްޕަވާ، އަނިޔާވެރިކަމާއެކު މީހުން ހައްޔަރުކުރަމުން،" ޑިމޮކްރެޓުންގެ ބަޔާނުގައި ބުނެފައިވެ އެވެ.

ޑިމޮކްރެޓުން ބުނީ ރިޔާސީ ކެމްޕޭނުގެ ބޭނުމަށް ރައީސް ދައުލަތުގެ މުދަލާއި، ވަސީލަތާއި، ފައިސާއާއި، މުވައްޒަފުން ބޭނުންކުރާ ކަމަށާއި އެކަން ޓްރާންސްޕޭރަންސީ މޯލްޑިވްސްއިންވެސް ފާހަގަކޮށްފައިވާ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ ހުންނަވާ ރަށެއްގައި ނަމަ އެމަނިކުފާނު ނޫނިއްޔާ ކެމްޕޭނު ކުރުން މަނާކުރުމާއި، ޑިމޮކްރެޓުންގެ ކެމްޕޭނު ޕޯސްޓަރާއި، ދިދަފަތި ވީދައި ގެއްލުންދީ ހަލާކުކުރުމަކީ އެހެން ކެންޑިޑޭޓުންނަށް ދުސްތޫރީގޮތުންނާއި، ޤާނޫނީގޮތުން ލިބިވަޑައިންނަވާ ކެމްޕޭނު ކުރުމުގެ ޙައްޤާއި، ސުލްޙަވެރި ސިޔާސީ ޙަރަކާތް ހިންގުމުގެ ޙައްޤަށް ސީދާގޮތުން ހުރަސް އެޅުން،" ޑިމޮކްރެޓުންގެ ބަޔާނުގައި ބުނެފައިވެ އެވެ.

ކެމްޕޭން ހުއްޓާލުމަށް އަންގާ އެންގުންތަކަށް ތަބާ ނުވާނެ ޑިމޮކްރެޓުން ވަނީ ބުނެފަ އެވެ. އަދި ކެމްޕޭނަށް ހުރަސްއެޅުން ހުއްޓާލުމަށްވެސް އެ ޕާޓީން ވަނީ ގޮވާލާފަ އެވެ.

ޑިމޮކްރެޓުން ވަނީ އެ ޕާޓީގެ ކެމްޕޭނު މުދަލަށް ގެއްލުންދީ ހަރަކާތްތެރިންނަށް ނައިފަރުގައި ހާނިއްކަކޮށްފައިވާ މައްސަލަ ތަހުގީގުކުރުމަށާއި ކެމްޕޭނަށް ސަރުކާރުން ހުރަސް އެޅުން ހުއްޓުވުމަށްވެސް ގޮވާލާފަ އެވެ.