( 22 ޖުލައި 2024 އާ ގުޅޭ )
އިސްކުރީނާ އިނގިލި ކައިރިކޮށްލާފައި އޭނާ ދުރުކޮށްލީ ގޮތެއް ނުނިންމިގެންނެވެ. އޭނާގެ ސިކުނޑީ ތެރޭ މަންމަ ދެއްކި ވާހަކަތައް ތަކުރާރުވަމުން ދިޔަ އެވެ. އަދި މަންމަ ދިން ފޮޓޯގަނޑު ވެސް އޭނާގެ އަތުގައި އެބައޮތެވެ. ހަމައެއާއެކު ސޫޒަން އޭނާގެ އިންތިޒާރުގައި ކައިވެނި ކުރާން ތައްޔާރަށް އިންކަން ވެސް އިޒީކިއަލް ހަނދާން އެބަހުއްޓެވެ. ބޮލަށް ބަރުވެގެން އޭނާ ދެ ލޯ މަރާލި އެވެ. އެހިނދު ލޮލަށް ސިފަވެގެން އައީ މިޔާ އެވެ.
"ޑެމްއިޓް." ކުއްލިއަކަށް ލޯ ހުޅުވާލުމާއެކު އިޒީކިއަލްއަށް ބުނެވުނެވެ. ހަމައެއާއެކު ގަސްދަކާނުލާ ފޯނުގެ އިސްކުރީނުގައި އިނގިލި ޖެހި މިޔާގެ ނަންބަރަށް ޑަޔަލް ކުރެވިއްޖެ އެވެ. އިޒީކިއަލް ވަގުތުން ކޯލު ކަނޑާލައިފި އެވެ. މީހާ ހާސްވެ ކަންބޮޑުވެފައިވާ ވަގުތެއްގައި މިޔާގެ މަތިން ހަނދާންވީތީ އޭނާ ވެސް އަޖައިބުވި އެވެ. އެހެންވިޔަސް އެއީ އޭނާގެ އަމިއްލަ އިޚްތިޔާރުން ބޭރުގައި ކުރެވުނު ކަމެކެވެ. ނަމަވެސް އެހެން އެވީ ކީއްވެތޯ ހިތާއި ސުވާލު ކުރެވުނެވެ. އެ ސުވާލުގެ ޖަވާބަށް އިންތިޒާރު ކުރުމެއްނެތި އިޒީކިއަލް ޖެހިގެން ހުރި ސީޓަށް ފޯނު އެއްލާފައި ކާރު އިސްޓާޓު ކޮށްލައިފި އެވެ. މިހާރު ވެސް ވަރަށް ގިނަ ވަގުތު ފިކުރު ކުރުމުގައި ބޭކާރު ކުރެވިއްޖެކަން އެނގި ހުރެ އެވެ.
ގަޑިން ރޭގަނޑު އަށެއް ޖެހުމާ ކައިރިވަނީ އެވެ. ޖޯޑުކޮށްލެވިފައިވާ ދެ އަތަށް ދަތްދޮޅި ދީގެން ސިޓިންރޫމާ އިންވެގެން ހުންނަ ބަދިގެއާ ދިމާ ހުރި ކާމޭޒުދޮށުގައި ސޫޒަން އިނެވެ. އިރުއިރުކޮޅުން އޭނާގެ ނަޒަރު ދިމާ ކުރިމަތީ މޭޒުގައި ބާއްވާފައި އޮތް ފޯނުގެ އިސްކުރީނަށް ހުއްޓެވެ. ޔަގީނުން ވެސް އޭނާ ވަގުތު ގުނަމުން އެ ދަނީ އިޒީކިއަލް އަންނާނޭ އިރަކަށެވެ. ގޭގައި ލައިގެން އުޅޭ އާދައިގެ ހެދުމެއްގައި އޭނާ އިންއިރު އެއީ ހަވީރު ފަރިކަމާއި ނަލަކަން މަތީ ކައިވެނި ހެދުމުގައި ފެނުނު ސޫޒަންއެއް ނޫނެވެ. އެކަމުގެ އެއްވެސް އަސަރެއް މިހާރު އޭނާއަށް ބަލާލުމުން ފެންނާކަށް ނެތެވެ.
ގެއަށް ވަން އިޒީކިއަލް މަޑު ހިނގުމެއްގައި ބަދިގެއާ ދިމާއަށް އައެވެ. އޭނާއަށް ކާމޭޒުދޮށުގައި އިން ސޫޒަން ފެނުނެވެ. އަތުގައި އޮތް ފޯނު މޭޒު މަތީ ބާއްވާލާފައި އިޒީކިއަލް ލައިގެން ހުރި "ބްލޭޒަރ" ބާލައި ދެފަތް ކޮށްލާފައި މޭޒު ކައިރީ ހުރި ގޮނޑީގެ ފަހަތުގައި އަޅުވާލި އެވެ. އަދި އޭނާ އައިސްއަލަމާރި ކައިރިޔަށް ގޮސް ފެންފުޅި އެއް ނަގަމުން ވާހަކަދައްކަން ފެށީ ސޫޒަން ހަރަކާތެއް ވެސް ކޮށްނުލީމަ އެވެ.
"އައި އޭމް ސޮރީ ސޫޒީ." ބަދިގެ ކަބަޑުސެޓު ކައިރީ ހުރެ އިޒީކިއަލް ވާހަކަދެއްކި އެވެ. އޭނާއަށް ސޫޒަންއާ ކުރިމަތިލާން އުނދަގޫވެފައި ހުރި ކަހަލަ އެވެ. ކައިވެނި ކުރާން ވީ ވަޢުދު ނުފުއްދުނީމާ ހެން ހީވެ އެވެ. ގައިމު ވެސް އިޒީކިއަލް ފެންނަނީ ވަރުބަލިކޮށެވެ. އެ ވަރުބަލިކަމުގެ އަސްލަކީ ކާފަ އޮތް ނާޒުކު ހާލަތާއި މަންމަ ދެއްކި ވާހަކަތަކެވެ. ފެންކޯވަރެއް ބޯލާފައި ފެންފުޅި އައިސްއަލަމާރިއަށް ލާފައި އިޒީކިއަލް އެނބުރިލި އެވެ.
"އަހަރެން މިހުރީ ވަރަށް ބޯގޮވާފައި. ކޮޓަރިއަށް މިދަނީ. ބޭނުމީ އެކަނިވެލަން. ސޫޒީ ވެސް ދޭ އަރާމުކޮށްލަން." އިޒީކިއަލް މިހެން ބުނެފައި ހިނގައިގަތީ މައްޗަށް އަރަން ހުރި ސިޑިއާ ދިމާއަށެވެ.
"އި.ޒީ.ކި.އަ.ލް" އަޑަށް ބާރުލާފައި ސޫޒަން ގޮވާލި އެވެ. ސިޑީގެ ހަރުފަތަށް ފައި ނަގަނަގާ ހުރި އިޒީކިއަލްގެ ހަރަކާތް މަޑުޖެހުނެވެ. އޭނާގެ ނަޒަރު ސޫޒަންއާ އަމާޒުވި އެވެ.
"ޕްލީޒް. މިވަގުތަކުނޫން." އިޒީކިއަލް ނިކަން އަވަހަކަށް ބުންޏެވެ. އަދި ބައެއް ހަރުފަތްތައް ދޫކޮށްލައި ވީހާ ވެސް ހަލުވިކަމާއެކު އިޒީކިއަލް އަރައިގެން ގޮސްފި އެވެ.
ސޫޒަންގެ އަރުތެރޭން ނުރުހުމުގެ ބާރު އަޑެއް ނުކުތެވެ. އޭނާ ހަޤީޤަތަށް ބޭނުންވީ އަޑުގެ ކޮޅަށް ހަޅޭލަވައިގަންނާށެވެ. ނަމަވެސް އޭނާއަށް މަޖުބޫރުވީ ހުރިހާ ރުޅިވެރިކަމެއް އެތެރެއަށް ހިންދާލާށެވެ. އޭނާގެ ހަޤީޤީ ސިފަ ހާމަވެދާނޭތީ އެވެ. މީހުންގެ ކުރިމަތީ އޭނާ އަޅައިގެން އުޅޭ މައުސޫމްކަމުގެ މޫނުމަތި ވެއްޓި ދެއްކުންތެރިކަމުގެ ޠަބީޢަތާ ނުގުޅޭ ކަމެއް ފާޅުވެދާނެތީ އެވެ. ދަތްކުނޑިވިކައިގެން ހުރެ ސޫޒަން މޭޒުދޮށުން ތެދުވި އެވެ. މޭޒުމަތީ އޮތް އިޒީކިއަލްގެ ފޯނާއި ގޮނޑީގައި އަޅުވާފައި އޮތް ބްލޭޒަރ ސޫޒަންގެ ލޮލުގައި އަޅައިގަތެވެ. ބަދިގެއިން ނުކުންނަން އުޅެފައި ވެސް އޭނާ މަޑުކުރީ އެވެ. ފެންނަ ހިސާބުގައި މީހަކު އުޅޭތޯ ބަލާލާފައި ސޫޒަން ނެގީ އިޒީކިއަލްގެ ފޯނެވެ.
"ޔޫ... ޔޫ... ސިކް ބާސްޓަރޑް." އައި ރުޅީގައި ސޫޒަންއަށް ފޯނު ހޫރާނުލެވުނީ ކިރިޔާ އެވެ. އޭނާގެ ރުޅި އިންތިހާއަށް ދިޔައީ އެވެ. އިޒީކިއަލްގެ "ކޯލް ލޮގް" ތެރެއިން އެންމެ ފަހުން އޭނާ ގުޅާފައި އޮތީ މިޔާއަށްކަން އެނގިގެންނެވެ. މި ހުރިހާއިރު އޭނާ އިންތިޒާރުގައި އިނީ އިޒީކިއަލްގެ ފަރާތުން މެސެޖެއް ވިޔަސް ލިބޭނޭ ކަމަށެވެ. ކައިވެނި ކޮށްދޭން އައި މީހުން އެނބުރި ދިޔައިރު ވެސް އިޒީކިއަލްގެ ޚަބަރެއް ވީއެއް ނޫނެވެ. ހުރިހާ ކަމެއް ބޭކާރުވީ އެވެ. ދެންމެދެންމެ ސޫޒަންގެ ހުވަފެނުގައި ކުލަޖެހެނީއޭ ހީވެފައި ވެސް އޭނާ ހޭލައްވާލީ އިޒީކިއަލްގެ ކާފަ އެވެ.
"އެމީހާގަނޑު މަރުވާނެނަމަ ކޮންފަދަ." އިޒީކިއަލްގެ ކާފަގެ މަތިން ހަނދާންވުމާއެކު ސޫޒަންގެ ދުލުން ބޭރުވި އެވެ.
"މި މިޔާގެ ކިބައިން ވެސް ސަލާމަތްވާން އެބަޖެހޭ. އެ އަންހެނާއާ ދިމާވި ފަހުން އިޒީކިއަލް ވެސް ހީވަނީ މޮޔަވެގެން އުޅޭ ފިރިހެނެއްހެން. ހަމަބިމަށް ތިރިކޮށްލަންވީ." އިހު އޮތް ގޮތަށް މޭޒުމަތީ ފޯނު ބާއްވާފައި ސޫޒަން ހިނގައިގަތީ ކޮޓަރިއަށް ދާށެވެ. ސިކުނޑީގައި މޮޅު ރޭވުމެއް އޭނާ ރާވަންފެށި އެވެ.
އެނދުގައި އިށީނދެ ހަމަޖެހިލުމާއެކު ސޫޒަން ފުންކޮށް ދެ ފަހަރަކު ނޭވާލީ އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލުމަށެވެ. އެއަށްފަހު އޭނާގެ ފޯނުން ނަންބަރަކަށް ގުޅާލުމާއެކު ކަންފަތަށް އެއަރޕޮޑްސް ހެޔޮވަރުކޮށްލައިފި އެވެ. ފޯނުކޯލު ނެގުމާއެކު ސޫޒަން ހެލޯއޭ ބުނެފި އެވެ. އެއާއެކު އިވިގެން ދިޔައީ ފިރިހެނެއްގެ އަޑެވެ.
"ސޫޒީ... ގުޅަން ހިތަށް އަރާފައި ހުއްޓާފައި ތި ގުޅީ. ކީއްވެތަ ކައިވެންޏަށް ދަޢުވަތު ނުދިނީ. އަހަރެން ދުނިޔޭގައި ހުއްޓާ ވެސް ގާޒީ ލައްވާ އަހަރެންގެ ހައްޤު ތި އަދާކުރުވީ. ކޮބާ ކައިވެނި ކުރެވުނީތަ؟... އިޒީކިއަލް ނުކުރި ދޯ. ޚަބަރު ލިބުން ގޮތުގައި ކައިވެނިކުރާ މީހުން އެނބުރި ދިޔައީ އިޒީކިއަލް ނައިސްގެން. އޭނާ އަނެއްކާ ވެސް ސޫޒަން މޮޔަ ހެއްދީ. އޭނާ ހިޔެއްނުވޭ ސޫޒަންއާ އިންނަން ބޭނުންވާ ހެންނެއް. އޭނާ އަދިވެސް އެ ދުވަނީ އެ އެލް.ސީ.އެލްގައި މާޔާގެ ފަހަތުން. އަނެއްކާ އެހެން އުޅޭފައި އޭނާއާ ނީނދެފިއްޔާ ރަނގަޅު." ފިރިހެން މީހާގެ އަޑުގައި އެއްވެސް ސީރިއަސްކަމެއް ނެތެވެ. އެ އަޑު އަހަން އިން ސޫޒަންއަށް މޫނު ކުނިކޮށްލެވުނެވެ.
"ދެން ހެޔޮ... މާގިނަ ވާހަކަދައްކާނެ ކަމެއްނެތް. އަހަރެން މިގުޅީ ކަމަކު." ސޫޒަންގެ އަޑުގައި އަމުރުވެރި ގޮތް ހުއްޓެވެ.
"ބުނަން ސޫޒަން. ލޭގެ ގުޅުމަކީ ކަނޑާލެވޭނޭ ގުޅުމެއްނޫން. އަހަރެންމީ ބައްޕަ. އިޒީކިއަލް ކަހަލަ މީހުންނަށް މާބޮޑަށް އިތުބާރު ކުރާކަށް ނުވާނެ. އެކަހަލަ މީހުންނަށް މިނިވަންކަން އޮންނަނަމަ އަދި އަމުދުން ގޯސްވީ. ތީ އަހަރެންގެ ދަރިއެއް. އެހެންވީމަ ކަމެއްދަމެއް ބޮޑުވީމާ ގުޅާނީ އަހަންނަށްކަން ވެސް އެނގޭ. އެގޮތަށް އަހަރެން ވެސް ކަމެއް ޖެހުނީމާ ގުޅަން ހުރި މީހަކީތީ. އެކަމަކު އެންމެފަހުން ވެސް ކަމެއްކޮށްދޭން އެދުނީމާ އެކަން އޮތީ ނުވެފައި." އެ ފިރިހެން މީހާ ބުންޏެވެ.
"ބޭކާރު ވާހަކަ ނުދައްކާ. ބަފައެއް ކަމަކު ކަލޭ ހަނދާންނެތުނީތަ؟. އަހަރެންނަށް އިޒީކިއަލްއާ ނީނދެވިގެން މިއުޅޭ ހަޤީޤީ ސަބަބަކީ ތީ. ކަލެއާ ހެދި މިހާލު މަށަށް ޖެހުނީ. އެހެންނޫންނަމަ އެ ޢާއިލާއިން އަހަރެން ބޭރުކޮށެއް ވެސް ނުލާނެ. އަދި އަހަރެމެން ދެމަފިރިންނަށް ވާނެތާ ކޮންދުވަހެއް." ސޫޒަން ހިތްހަމަނުޖެހުނު ވަރުން ވާހަކަދެއްކުނީ ހަޅޭލަވާ އުސޫލުންނެވެ.
"އަހަރެންގެ ބޮލަށް ކަނޑާލަން ނޫޅޭ. އެކަން ހިނގީ ސޫޒަންގެ ދޯދިޔާކަމުން. އަހަރެން ނުލާހިކު ރަނގަޅަށް ކިޔައިދިނިން" އެ ފިރިހެން މީހާ ވަގުތުން ރައްދު ދީފި އެވެ. އެ ހިނގައިދިޔަ ކަމެއްގެ ޒިންމާ އޭނާ އުފުލަން ބޭނުންނުވާކަން ވަރަށް ސާފެވެ.
"ހުއްޓާލާ... ތި ވާހަކަތައް ދައްކާކަށްނޫން މިގުޅީ. އަހަރެންނަށް ދެން ކެތެއްނުވާނެ... އަހަރެންނަށް ނުލިބުނު އެއްޗެއް އެހެން މީހަކަށް ވެސް ލިބޭކަށް ނޭދެން. ލިބުނަކަ ވެސް ނުދޭނަން... ކަލޭ ބޭނުމީ އިޒީކިއަލްގެ ކޮންޓްރެކްޓްތަކާއި ބިޑުތަކާ ބެހޭ މަޢުލޫމާތެއްނު. މައްސަލައެއްނެތް... އެކަން ކޮށްދޭނަން. އެކަމަކު އަހަރެން ބުނާ ކަމެއް ކޮށްދެވިއްޖެއްޔާ." ސޫޒަންގެ ސިކުނޑީގައި އޮތް ރޭވުން ކިޔާދޭން ފެށި އެވެ.
* * * * *
ރޯގާވެފައި ހުރި މާޔާ ނޭފަތް ދަމަމުން ކޮޓަރިން ނުކުމެގެން ބަދިގެއަށް އައީ ހެނދުނުގެ ނާސްތާކުރާށެވެ. ހުންވައްތަރުވެ ބޮލުގައި ރިއްސާތީ އޭނާ އޮފީހަކަށް ނުނިކުމެވެ. އެހެންވެ ހެނދުނުހެނދުނާ ތެދުވުމުގެ ބަދަލުގައި އޭނާ ރަނގަޅަށް ނިދާލީ އެވެ. ހޫނުހޫނު ކޮފީޖޯޑު ހިފައިގެން އޭނާ ނުކުތީ ބެލްކަންޏެވެ. އެތަނުގައި ހުރި ކުޑަ ވަށްމޭޒު މަތީ ޖޯޑު ބަހައްޓާލަމުން މޭޒުދޮށުގައި އޭނާ އިށީނެވެ. ހަރުވާޅުގެ ޖީބަށް ލާފައި އޮތް ފޯނު ނަގައި ބަލާލީ ދެނެވެ. ގަޑިން ހެނދުނު އެގާރަ ޖަހައިފި އެވެ. މާޔާގެ ސަމާލުކަން އަތުލީ ގަޑިއެއް ނޫނެވެ. ފޯނަށް އައިސްފައި އޮތް އިޒީކިއަލްގެ މިސްކޯލެވެ.
"މިސްކޯލެއް... ކީއްކުރަންބާ. އަހަރެންނަށް އުނދަގޫ ނުޖެއްސޭތާ ގިނަދުވަސްވީ ކަންނޭނގެ." މާޔާއަށް ބުނެވުނެވެ. އެޕާޓްމެންޓްގެ ބެލްއަޅާލި އަޑު އިވުނީ އެވަގުތެވެ. ވަގުތުން މާޔާއަށް މޫނު ހަދާލެވުނެވެ.
"ފޯނު ނުނެގީމަ އައީ ކަންނޭނގެ." މިހެންބުނެ މާޔާ ޗަސްޖަހާލި އެވެ. އިޒީކިއަލްއާ ކުރިމަތިލާނޭ ހަކަތައެއް އޭނާގެ ނެތެވެ. އެއަށްވުރެ އޭނާ މާ ވަރުބައްޔެވެ.
ދެތިން ފަހަރަށް ބެލްޖެހުމުން ކަންނެތްގޮތަކަށް މަޖުބޫރުވެގެން ތެދުވާހެން މާޔާ ތެދުވި އެވެ. ދެ އަތަށްކިރެމުން ކަހަލަ ގޮތަކަށް މާޔާ އައިސް ދޮރުގައިވާ ބިއްލޫރިކޮޅުން ބޭރު ބަލާލުމެއްނެތި ދޮރު ހުޅުވާލީ އެވެ. އިޒީކިއަލްއޭ ޔަޤީންކޮށްގެން ހުރި މާޔާގެ ދެ ލޯ ބޮޑުވެގެން ދިޔައީ ލިބުނު ސިހުމުގަ އެވެ. ދޮރުމަތީ ހުރި ޒުވާނާއަކީ ގައިމު ވެސް އިޒީކިއަލްއެއް ނޫނެވެ. ހަ ފޫޓާ ގާތްކުރާ އިސްކޮޅާއި ކަސްރަތީ ފިރިހެންވަންތަ ހަށިގަނޑުގެ އިތުރުން އޭނާއަށް ލިބިފައިވަނީ ބިދޭސީއެކޭ ހީވާ ފަދަ އަލި ހަންގަނޑެކެވެ. ބޯކިރު ފޮދެއްހާ ހުދު ދަތްތައް ދިލުވާލައިގެން ހުރިއިރު ކޮލަށް އެޅިފައިވާ އަޑިކޮޅުން ތަފާތު ރީތިކަމެއް ލިބިފައިވި އެވެ.
"ދެން ތިހެން ހަމަ ބަލަން ހުންނާނީތަ؟. އެތެރެއަށް ވަންނާކަށް ނުބުނާނަންތަ؟." މާޔާގެ ކަނާއަތްފަރާތު ކޮލުގައި ކޮއްޓާލަމުން އެ ޒުވާނާ ބުނެލި އެވެ.
"އޯ... ޔެސް. ކަމް އިން." ލޮލަށް ފެންނަ މަންޒަރު ޤަބޫލުނުކުރެވިފައި ހުރިހެން މާޔާ ބުނެލި އެވެ.
"ކޮންއިރަކު ރާހިން އައީ؟. އަޅެ އަންނަކަން އަންގާލިނަމަ." އެތެރެއަށް ވަދެ އެޕާޓްމެންޓްގެ ދޮރު ރާހިން ލައްޕާލިތަން ބަލަން ހުރެފައި މާޔާ ބުންޏެވެ.
"ނުބުނެ އައީ މާޔާ ސަޕްރައިޒްކޮށްލަން. އެކަމަކު މިހެން ގެއަށް އައިސް މީޓުކުރާކަށްނޫން ހުރީ. ހެނދުނު އޮފީހުން ބައްދަލު ކުރާން ބޭނުންވީ. ވަރަށްދެރަ... އޮފީހަށް ދިޔަފަހުން އެނގުނީ މާޔާ ލީވް ނެގިކަން. އޯ!... ޔޫ ޕުއާ ތިންގް. ޔޫ ލުކް ޓެރިބަލް. ބޭހެއް ކައިފިންތަ؟. ހިނގާ ހޮސްޕިޓަލަށް." މާޔާގެ ގާތުގައި ހުއްޓިލައި އެ މޫނުގައި ދެ އަތުން ރާހިން ހިފަހައްޓާލި އެވެ.
"އާދައިގެ ރޯގާއެއްމީ. ރަނގަޅުވެދާނެ... އާދޭ އިށީންނަން." ރާހިންގެ އަތް ދުރުކޮށްލަމުން މާޔާ ބުންޏެވެ. ސޯފާއާ ދިމާއަށް ރާހިން ހިނގައިގަތުމުން މާޔާ ބެލްކަންޏަށް ނުކުމެ މޭޒުމަތީ ބެހެއްޓި ކޮފީތަށި ހިފައިގެން އެނބުރި އައެވެ. އަދި ރާހީންގެ ވައަތްފަރާތަށް ހުރި ސޯފާގޮނޑީގައި މާޔާ އިށީނެވެ.
"ކޮފީ." ރާހިން އަހާލި އެވެ. ހިނިތުންވުމަކާއެކު މާޔާ ބޯޖަހާލީ އެވެ.
"ފެނުނީމަ ހާދަ އުފާވެއްޖޭ. އެކޮޅުގައި އަހަރެން އެކަނި އުޅޭންވީމާ ވަރަށް ހަނދާންވޭ މާޔާ މަތިން. މިއަދު އޮފީހަށް ނުކުތުމުން ދުރުދުރުން ނަމަވެސް އަހަރެންނާ ހަމައަށް ސުވާލުތައް އައި. އެންމެންނަށް ވެސް އެނގޭ ތީ އަހަރެންނަށް ވަރަށް ޚާއްޞަ މީހެއްކަން... މާޔާ. ހިނގާ އިންނަން. މިހާރު މިވަގުތު ވެސް އަހަރެން ރެޑީ." ރާހިންގެ އަޑުގައި ސީރިއަސްކަމެއްވި އެވެ.
(ނުނިމޭ)