(4 ޑިސެމްބަރ 2024 އާ ގުޅޭ)
"އަތިރިމައްޗަށް ނުކުންނަމާ. ހުރެއެއްނު އިށީނދެވޭނެހެން. އެކަހަލަ ތަނެއްގައި މަޑުކޮށްލަން އޯކޭތަ." އިޒީކިއަލް ދެން ވެސް އެހީ މާޔާގެ ޚިޔާލަކަށެވެ.
"އޯކޭ." މާޔާ ބުންޏެވެ. އެއާއެކު އިޒީކިއަލް އެދުނީ ދެ މީހުން ހިނގާލާފައި ދިއުމަށެވެ. އެގޮތް ވެސް މާޔާއަށް އެންމެ ރަނގަޅެވެ.
"ކޮންވާހަކައެއް ބުނަން އުޅުނީ." ހިނގަމުން އަތިރިމައްޗާ ހަމައަށް އާދެވިފައިވަނިކޮށް މާޔާ އަހާލި އެވެ.
"ތަނެއްގައި މަޑުކޮށްލާފަ އެ ވާހަކަ ދައްކަމާ." އިޒީކިއަލް ބުންޏެވެ. އެއާއެކު މާޔާ ބޯޖަހާލައިފި އެވެ.
ކެފޭތައް ކުރިމަތީ އަތިރިމަތީގައި ހުރި ބެންޗުތަކުން ބެންޗެއްގައި އިޒީކިއަލްއާއެކު މާޔާ އިށީނެވެ. އެތަނުން ކެފޭއަކުން ކޮފީއެއް ގެނެސްދޭންތޯ އިޒީކިއަލް އަހާލި އެވެ. އެއާއެކު ނުހަނު އަވަހަށް މާޔާ ނޫނެކޭ ބުނެފި އެވެ.
"އިޒިކް ދައްކަން އުޅޭ ވާހަކައެއް ނޭނގޭތީ އެކަމާ މި ވިސްނެނީ. ޕްލީޒް. އިތުރަށް މަޑުނުކޮށް ބުނެބަލަ." މާޔާ އެދުނެވެ.
"މިޔާގެ ފެމެލީއާ ގުޅުން ހުރި ވާހަކަތަކެއް. ބުނީންތާ ބައްޕަ ކުއްލިއަކަށޭ މަރުވީ. އަދި ބައްޕަގެ ހުރިހާ މުދަލަކާއި ގެއަށް ދަންދެން ބޮޑުދައިތަގެ ނަންމައްޗަށް ބަދަލުކުރީއޭ." އިޒީކިއަލް ބުންޏެވެ.
"އާން. އެއީ އެކަންވީގޮތް." މާޔާ އެއްބަސްވި އެވެ.
"އެކަންތައްވެފައި އޮތް ގޮތް އަހަރެން ބަލާލާފައިން. މިޔާގެ ބައްޕަގެ ވަކީލާއި ބޮޑުދައިތަގެ ރޭވުމެއް އެއީ. ގެއަކީ މިޔާގެ ބައްޕަގެ ގެއެއް. ގޭގެ ރަޖިސްޓްރީ ބަދަލުކުރުމަކީ ފަސޭހަކަމެއްނޫން. އެކަން ކުރާން މިޔާގެ ބޮޑުދައިތަ ވަރަށް މަސައްކަތް އެބަކުރޭ. ކުޑަތަންފުކެއް ލަސްވީނަމަވެސް އޭނާއަށް އެކަން ކާމިޔާބުވާނެ. އޭނާ އުޅެނީ އިސްފަނޑިޔާރަކަށް ރިޝްވަތުދީގެން ރަޖިސްޓްރީ ބަދަލުކޮށްލަން. މިޔާގެ ނަންމަތީ މިޔާގެ ސޮޔާއެކީ ތައްޔާރުކޮށްފައި ހުރި ފޭކު ލިޔުންތަކެއް ވެސް އެބަހުރި. އެ ގެ ބޮޑުދައިތައަށް މިޔާގެ ރުހުމުގައި ދެނީކަމަށް... އަދި ބުނަން. މިޔާ މިހާރު ތިއުޅޭ އެޕާޓްމެންޓްގެ ޚަބަރު ވެސް އޭނާ އޮތީ ބަލާފައި. 5 އަހަރުފަހުން މިޔާ ފެންނަން ފެށުމުން މިޔާ ދިރިއުޅެނީ ކޮންތާކުތޯ އޭނާ ބެލީ. މިހާރު ތިއުޅޭ ތަނަކީ މިޔާގެ ނަންމަތީގައި ގަނެފައި ހުރި ތަނެއްކަން އޭނާއަށް އެނގޭ." އިޒީކިއަލްގެ ވާހަކަ މި ހިސާބަށް ދިއުމާއެކު މާޔާ ވާހަކަދެއްކި އެވެ.
"އިޒިކް އަހަރެން ދޫކޮށްލަމުން ދިން ފައިސާއިން ކުޑަ މިންވަރެއް އަހަރެން ނެގީ، ދެން އެ ހުރިހާ ލާރިއެއް އަހަރެން ދިނީ ނާނުއަށް. ޒާހިލްގެ ވައިފްއަށް... އޭނާ އަމިއްލަ ދިރިއުޅުމެއް ހޯދަން. އެކަމަކު އަހަރެން ކައިރީ ނުބުނެ އޭނާ ކުރިކަމެއް އެއީ. އަސްލު އެތަނަކީ އަހަރެންގެ އަމިއްލަ ތަނެއްގެ ގޮތުގައެއް އަހަރެން ނުދެކެން. އެއީ އަހަރެންނާއި ފައިނާނުގެ ތަނެއް." މާޔާ ހަޤީޤަތް ހާމަކުރި އެވެ.
"އެހެންވިޔަސް ތަން އޮތީ މިޔާގެ ނަންމަތީ. ކޯޓުން ބަލާނީ މިޔާ ދިރިއުޅޭނެ އިތުރު ބޯހިޔާވަހިކަމެއް އޮތްތޯ. އެހެންބަލާއިރު އެ އެޕާޓްމެންޓަކީ މިޔާގެ ތަނެއް. އެހެންވީމަ މިޔާގެ ބޮޑުދައިތަގެ ނަމަށް ގޭގެ ރަޖިސްޓްރީ ބަދަލުކޮށްލުން އެއީ ފެންފޮދެއް ބޯލުންހާ ފަސޭހަކަމެއް. މިޔާ ތިހުރީ އެއިން އެއްވެސް ކަމަކާ ނުބެހެން ނިންމައިގެން. އެކަމަކު އަހަރެންނަށް ފެންނަ ގޮތުގައި އެއީ އަދި ރަނގަޅު ވިސްނުމެއްނޫން. މިޔާ ވިސްނާލަބަލަ... އެއީ މިޔާ ބައްޕަގެ ބުރަ މަސައްކަތް. އެގެއަކީ މަންމައާއި ބައްޕައާއެކު މިޔާ ދިރިއުޅުނު ތަން. އަމިއްލަ ހައްޤަކަށް ޓަކައި ތެދުވުމަކީ ކުރާންޖެހޭ ކަމެއް. އެމީހުންނަށް މަޒީދުގެ އެކައްޗެއް ވެސް ނުލިބޭނެ. މަޒީދު އެ ހުރިހާކަމެއް ކުރީ މިޔާގެ މުސްތަޤްބަލަށް ވިސްނާފައި. މިޔާތީ ހުރި ހަމައެކަނި ކުއްޖާ." އިޒީކިއަލް ބުންޏެވެ.
"އިޒިކްއަށް ކިހިނެއް ތި ހުރިހާކަމެއް އެނގެނީ." މާޔާއަށް ކުރެވުނީ ބޭކާރު ސުވާލެއްކަން ވިސްނުނީ ދުލުން ސުވާލު ބޭރުވީ ފަހުންނެވެ. 5 އަހަރު ކުރީން މާޔާގެ މެޑިކަލް ރިޕޯޓު ހޯދި މީހަކަށް އެފަދަ އެހެން ސިއްރު މަޢުލާމާތެއް ހޯދުމަކީ ދަތިކަމަކަށްނުވާނޭ މާޔާގެ ޟަމީރު ބުންޏެވެ.
"މިޔާގެ ބޮޑުދައިތަވަނީ މަޒީދު މަރުވި ހަފްތާ ތެރޭގައި މަޒީދުގެ ކުންފުނިން އާމިލްގެ އެކައުންޓަށް ބޮޑު އަދަދެއް ވަދެފައި. މިޔާގެ ބޮޑުދައިތައާ ކުރިމަތިލާންވީ ވަގުތުމީ... ލިސެން މިޔާ. އަހަރެން މިހުރީ މިޔާއަށް އެ ހުރިހާ އެއްޗެއް ހޯދައިދޭން. ލީގަލް ހުރިހާކަމެއްގައި އަރްހަމް އަހަރެމެންނަށް އެހީވާނެ. އަހަރެންނަށް ޔަގީންކަން އެބައޮތް އަހަރެމެންނަށް މީތި ވިންވާނެކަން." އިޒީކިއަލް ބުންޏެވެ.
ބަހެއް ނުކިޔާ އިރުކޮޅަކު މާޔާ އިނީ ވިސްނާށެވެ. މުދަލާއި ތަނަވަސްކަމަށް އިންސާނާ ދަހިވެތިވެ ކޮންމެ އިމެއް ވެސް ފަހަނައަޅާފާނެކަން މާޔާއަށް ވެސް އެނގެ އެވެ. ދުނިޔޭން އެފަދަ އެތައް މަންޒަރެއް އަންނަނީ ފެންނަމުންނެވެ. ޒާހިލްއާއި ފައިނާނުގެ ކައިވެނި ޙަފްލާއިން ބައްދަލުވީއިރު ޖާހިދާ ބަދަލުވެފައިވާވަރު މާޔާއަށް ހުރީ ފެނިފަ އެވެ.
"ދޮންތައަށް... އައި މީން ބޮޑުދައިތައާއި އޭނާގެ ދަރިފުޅަށް ވާނީ ކިހިނެއް؟." ވިސްނަން އިނދެފައި މާޔާ އަހާލި އެވެ.
"އެމީހުންނާމެދު މިޔާ ވިސްނަނީ ކީއްކުރަން. މިޔާގެ ބައްޕަ މަރުވީ ހާޓްއެޓޭކެއް ޖެހިގެންނެއްނޫނޭ. އެކަމުގައިވެސް މިޔާގެ ބޮޑުދައިތަގެ އަތް އެބައޮތް. ޢާއިލާކަމުގައި ދެކޭވަރަށްވުރެ އެއީ ނުބައިބައެއް. މަޒީދު މަރުވީއެއްނޫން މަރާލީ." އިޒީކިއަލް ބުންޏެވެ.
"އެކަމަކު ކިހިނެއް؟." މާޔާއަށް ވަރަށް ބޮޑު ސިހުމެއް ލިބުނެވެ.
"ތައްޔާރުކުރި ޑެތް ސެޓްފިކެޓްއަކީ ހަޤީޤަތުގެ އެއްބައި. މިޔާގެ ބޮޑުދައިތަ އެކަމުގެ ތެރެއަށް ވެސް ވަނީ. މިއަދު ހަވީރު ޒާހިލްއާއި އަހަރެންނާ އެ ޑަކްޓަރާ ވާހަކަދެއްކީ. މަޒީދަކީ ކޮލެސްޓޯރަލަށް ބޭސްކާ މީހަކަށްވާއިރު އޭނާއަށް ހާޓްއެޓޭކެއް ޖެހުމުގެ އަސްލަކީ ބޭސް ނެގުން ހުއްޓާލުން." އިޒީކިއަލް ބުންޏެވެ.
"ނޫން. އެއީ ދޮގެއް. ބައްޕަ ބޭހަށް ފަރުވާކުޑައެއް ނުކުރާނެ. ކޮންމެތާކަށް ދިޔަޔަސް ދާނީ ބޭސްތައް ހިފައިގެން." މާޔާއަށް ވަގުތުން ބުނެވުނެވެ.
"މިޔާތަ ބައްޕަގެ ބޭސްތައް ބަލަހައްޓަނީ." އިޒީކިއަލް އަހާލި އެވެ. އެއާއެކު މާޔާގެ ދެ ލޯ ބޮޑުކޮށްލެވުނެވެ. އޭނާ ނޫނެކޭ ބުނާން ބޯހޫރާލި އެވެ.
"ހީކުރަނީ ބައްޕަ އަމިއްލައަށް ކަމަށް އެކަން ބަލަހައްޓަނީ. އަނެއްކާ ދޮންތަ ވެސް ހަނދާންކޮށްދޭނެ ބައްޕައަށް ބޭސްކާން." މާޔާ ބުންޏެވެ.
"ބޭސް އޮޅުވާލާފައިވަނީ. ކޮލެސްޓްރޯލު ބޭހެއްނޫން ކަމުންދިޔައީ. މަޒީދު އަމިއްލައަށް ނުބައި ބޭހެއް ކާނެހެން އަހަރެންނަށް ވެސް ޤަބޫލެއް ނުކުރެވޭ. އެކަން ކުރާނީ ކާކު؟. މިޔާއާއި މިޔާގެ ބައްޕަގެ ކަންތައްތަކާއި ގޭތެރޭގެ ހުރިހާކަމެއް ބަލަހައްޓަމުން ދިޔައީ ކާކު؟. މިޔާގެ ބޮޑުދައިތަ ދުރާލާ ރާވައިގެން ކުރިކަމެއްމީ. މަޒީދު ވެސް އަމިއްލަ ދައްތައަކަށް ޝައްކެއް ނުކުރާނެހެން ހީވަނީ." އިޒީކިއަލް ބުންޏެވެ.
މިޔާއަށް ހީވީ ބޭރަށް ލަމުންދިޔަ ނޭވާ ހިނދުރީގައި ތާށިވީހެންނެވެ. ޖާހިދާގެ ޢަމަލުތައް ގޮސްފައިވާ ހިސާބުންނެވެ. އޭނާގެ ބައްޕައަކީ މީހުންނަށް ނުބައި މީހެއްނޫނެވެ. ޖާހިދާ ހާލުގައި ޖެހުނު ދުވަހު ކައިރިޔަށް ގެނެސް ހުރިހާކަމެއް ބަލަހައްޓައިދިނީތީ އެކަމަށް ޝުކުރުވެރިވާން އެނގުނީ އެފަދަ ނުބައިގޮތަކަށް ހެއްޔެވެ. ދުނިޔެއަށް ދަހިވެތިވިޔަސް އެއީ ބޮޑުވަރޭ މާޔާގެ ހިތަށް އެރި އެވެ. އޭނާ ހުރިހާ ވެސް މީހަކީ ބައްޕަ ވިއްޔާ އެވެ. އެ ބައްޕައާ އޭނާ ވަކި އެކުރީ ގަދަކަމުންނެވެ. ބައްޕަގެ ފުރާނަ ދުއްވާލައިގެންނެވެ. އަދި މުޅި ދުނިޔެއަށް މިޔާ ބިކަކޮށްލީ އެވެ.
"މިޔާ..." އިޒީކިއަލް ކުއްލިއަކަށް މާޔާގެ އަތުގައި ހިފާލި އެވެ. މާޔާގެ ކޯތާފަތް ތެމެމުންދިޔަކަން ޚުދު އޭނާއަށް އިޙްސާސް ކުރެވުނީ ދެނެވެ. އިޒީކިއަލް ގޮވާލުމުން އެއްޗެއް ބުނަން މާޔާ އަނގަ ހުޅުވާލި އެވެ. އެހެންނަމަވެސް އޭނާއަށް އެއްޗެއް ނުބުނެވުނެވެ. ލޮލުން ފައިބަމުންދިޔަ ކަރުނަވީ އިތުރެވެ. މިޔާއަށް ރޮވެނީ އެވެ. އިޒީކިއަލް އަވަސްއަވަހަށް މިޔާގެ އަތުގައި ހިފައި ކޮޅަށް ނަގައިފި އެވެ. ކައިރި ހިސާބުގައި ހުރި ގޮނޑިތަކުގައި މީހުން ތިބީމަ އެވެ. މިޔާ ގޮވައިގެން އޭނާ ފޭބީ ރާޅުފަށް ފެންނަ ހިސާބަށެވެ.
"ދެން ހުއްޓާލާ." އިޒީކިއަލްއާ ގާތްކޮށްލަމުން އޭނާ ބުންޏެވެ.
މާޔާ ހަމައަކަށް އެޅެން ވަގުތުކޮޅެއް ނެގި އެވެ. ހުރިހާ ހަޤީޤަތެއް ނޭނގޭއިރު ވެސް މާޔާއާ މެދު ޖާހިދާ ކަންތައް ކުރިގޮތުން އޭނާ ހުރީ ބޮޑުދައިތަ ދެކެ ފޫހިވެފަ އެވެ. ޢާއިލާ މީހެއްގެ ގޮތުގައި ދުށުން ހުއްޓާލީ ވެސް އެހެންވެ އެވެ. ބޮޑުދައިތައަކީ ރަނގަޅު މީހެއްނޫންކަން އެކަމުގެ ސަބަބުން މާޔާ އެދުވަހު ޤަބޫލުކުރާން މަޖުބޫރުވި އެވެ. މިހާރު އަދިއަމުދުން ހުރިހާ ހަޤީޤަތެއް އެނގުމަށްފަހު ޖާހިދާއާމެދު މާޔާގެ ހިތުގައި އޮތް ކުޑަކުޑަ ހަމްދަރީގެ އަސަރު ވެސް ފިލައި ހިނގައްޖެ އެވެ. މާޔާއަށް އުޅެވޭނޭ ގޮތް މިއަދު ފެނިފައި އޮތެއްކަމަކު އޭނާ ޖާހިދާގެ އަތުން ހުރިހާ އެއްޗެއް އަތުލަން ބޭނުމެވެ. އެއީ ބައްޕަގެ މަރުގެ ބަދަލު ހިފުމަށެވެ. ބައްޕަގެ ހެޔޮކަމުގެ ނަޖާއިޒް ފައިދާ ނެގީމަ އެވެ. ދެ ލޮލާއި މޫނު ފުހެލާފައި އިޒީކިއަލްއާ ދުރަށް މާޔާ ޖެހިލި އެވެ. އަދި އިޒީކިއަލްއަށް ބަލާލަމުން ވާހަކަދައްކަން ފެށި އެވެ.
"އަހަރެން ކިހިނެއް ހަދަންވީ." މާޔާ އަހާލި އެވެ.
"މިޔާ ރެޑީތަ ފައިޓްކުރަން." އިޒީކިއަލް ބޭނުންވީ ޔަޤީންކަމެވެ.
"ހޫމް. ދޮންތައަށް އެއްޗެއް ވިސްނޭނީ ނިކަމެތިކަމާ ފަގީރުކަމާ ކުރިމަތިލާން ޖެހުނީމަ. ބައްޕަގެ އެއްވެސް އެއްޗެއް ދޫކޮށްލާކަށް ބޭނުމެއްނޫން. އިޒިކް ބުނޭ އަހަރެން ހަދަންވީ ގޮތެއް... އަހަރެން ރެޑީ." މާޔާ ބުންޏެވެ.
"އަރްޙަމްއާ ވާހަކަދައްކައިގެން އަހަރެން އެކަން ކުރިޔަށް ގެންދާނަން. ކޯޓަށް މިޔާ ދާންޖެހޭނެ. އަރްޙަމް ކިޔާދޭނެ ކަންތައްކުރަންވީ ގޮތް. މިޔާގެ ބޮޑުދައިތަ ކައިރިޔަށް އިހަށް ނުދާތި. އަހަރެމެން ބައްދަލުވާނީ ކޯޓުން. އާމިލްއާ ހުރިހާ މީހުން ކޯޓަށް ހާޟިރު ކުރުވާނަން. އެމީހުން ކުރި ކަންތައް ފަޅާއަރާނެ. އެކަމަކު އަދި އެބައޮތް މައްސަލައެއް. މިޔާގެ ބައްޕަގެ ހަށިގަނޑު ބެލި ޑަކްޓަރު ހުރިހާ ވާހަކައެއް ކިޔާދިނަސް އޭނާ ކޯޓާ ހަމައަށް ދާކަށް އެއްބަހެއްނޫން." އިޒީކިއަލް ބުންޏެވެ.
"ކުރެވެން ހުރި ކަމެއް ކުރާނީ. ގައިމު ވެސް ދެން ބައްޕައެއް އެނބުރިއެއް ނާންނާނެ." މާޔާ ބުންޏެވެ.
މަޒީދުގެ ވާހަކަ ނިމުމަކަށް އައުމުން އިޒީކިއަލް ފެށީ ކައިވެނީގެ ވާހަކަ އެވެ. މާޔާގެ މޫނުމަތީގައިވީ މާޔޫސްކަމުގެ ތެރެއިން ހިނިތުންވުމެއް ފާޅުވެގެން އައެވެ. އެ ހިނިތުންވުމަކީ އިޒީކިއަލްގެ މަޤްޞަދު ކަހަލަ އެވެ. އޭނާ މާޔާގެ އަތުގައި ހިފާލައިގެން އަތިރިމަތީގައި ހިނގަންފެށި އެވެ.
"ކޮންތާކަށް މިދަނީ؟." މާޔާ އަހާލި އެވެ.
"މިޔާ ބޭނުންތަނަކަށް. ތި ގެއަށް ވެސް ދެވިދާނެ." އިޒީކިއަލް ސަމާސާކަން އެކުލެވޭ ރާގެއްގައި މިހެން ބުނެ މާޔާގެ އަތަށް ދަމާލައި ގާތްކޮށްލި އެވެ. މާޔާ ރަކި ހިނިތުންވުމަކާއެކު އިސް ޖަހާލީ އެވެ.
"ކީއްވެ އެއްޗެއް ނުބުނީ." ބޯއަރިކޮށް މާޔާގެ މޫނަށް ބަލަން މަސައްކަތް ކުރަމުން އިޒީކިއަލް ބުންޏެވެ. ދެން ވެސް މާޔާ އެއްޗެއް ނުބުންޏެވެ.
ގެއާ ހަމައަށް އިޒީކިއަލްއާއެކު މާޔާއަށް އާދެވުމުން ދުވާރު ކައިރީ ބާއްވާފައި އޮތް އިޒީކިއަލްގެ ކާރު ކައިރީ ދެ މީހުން މަޑުކޮށްލި އެވެ. އޭރު ވެސް އިޒީކިއަލް ހުރީ މާޔާގެ އަތުގައި ހިފާލައިގެންނެވެ. މާޔާ ދާން އިޒީކިއަލް ނޭދޭ ކަހަލަ އެވެ. އޭނާ ކާރުގައި ލެނގިލި އެވެ. އަދި މާޔާއަށް ބަލާލި އެވެ.
"މިޔާ... އަހަރެން..." އިޒީކިއަލް އެއްޗެކޭ ބުނަން އުޅެފައި ހުއްޓާލި އެވެ.
"ތިހެން ނުހަދަބާ... ބުނަން އުޅެފައި ހުއްޓާލީމާ ވަރަށް ހިތްނުތަނަވަސްވޭ." އިޒީކިއަލްގެ ވައަތު މުލައްދަނޑީގައި އަތް ޖައްސާލަމުން މާޔާ ބުންޏެވެ.
"އަހަރެންނަށް އެނގޭ ސޮރީ އިޒް ނޮޓް އިނަފްކަން. އަހަރެން ވަރަށް ރިގްރެޓްވޭ މިޔާއާ މެދު ކަންތައް ކުރެވުނު ގޮތުން... އަސްލު އެހެންވެ އަހަން ނުކެރުނީ ވެސް... ބަޓް... އައި ނީޑް ޓު ނޯ." އިޒީކިއަލް ވާހަކަދެއްކީ އުނދަގޫކަމާއެކީ އެވެ.
"ކޮންކަމެއް؟." މާޔާ އަހާލި އެވެ. އޭނާގެ ވިސްނުމަކަށް އިޒީކިއަލް އެނގެން ބޭނުންވަނީ ކޮންކަމެއްކަން ދޭހައެއް ނުވެ އެވެ.
"ރާހިން ވެސް... މިޔާ ވެސް އަހަރެންނާ ދިމާއަށް ބުނިން ދޯ، ފާއިތުވި 5 އަހަރު މިޔާ އުޅުނު ހާލެއް އަހަންނަކަށް ނޭނގޭނެޔޭ. މިޔާ ކުރި ހިތާމައާއި އުފުލި ތަކުލީފެއް އަހަރެންނަށް އަންދާޒާ ވެސް ނުކުރެވޭނެޔޭ... ތެދަށް ބުނަންޏާ އަހަރެން ހީކުރީ މިޔާއަށް ފައިސާގެ ދަތިކަމެއްނެތީމާ ދިރިއުޅުމައިގެން ކުރިޔަށް ދާނީކަމަށް. އައި ވޯޒް ރޯންގް... އެންޑް އައިމް ސޯ ސޮރީ. މިޔާ... އަހަރެން އެނގެން ބޭނުމީ އެ ދުވަސްތަކުގެ ވާހަކަ. މިޔާ އުޅުނީ ކިހިނެއްކަން. ޑިވޯސްއަށްފަހު މިޔާ ކީއްކުރީ؟. ކޮންތާކަށް ދިޔައީ؟." އެންމެފަހުން އިޒީކިއަލް ކުރާން ބޭނުންވެ ނުކެރިފައި ހުރި ސުވާލުތައް ކޮށްފި އެވެ. ދެމެދުގައި އެތައްކަމެއް ޚިއްޞާކުރެވުނުއިރު ވެސް މާޔާ ނުދައްކާ އޮތް ވާހަކައަކީ އެއީ އެވެ. އިޒީކިއަލް ވަރިކުރީމާ އޭނާގެ ދިރިއުޅުން އަނދިރިވެގެން ދިޔަވަރު މާޔާ ކިޔާނުދޭން ހުރީކީ ނޫނެވެ. އިޒީކިއަލް ވެސް ނާހާތީ އެ ވާހަކަތައް ނުދެއްކިފައި ހުރީ އެވެ. ހާލަތު ބަދަލުވެގެން އައި ނަމަވެސް މާޔާގެ ހަނދާނުން އެއްވެސް ކަމެއް ފިލައިގެން ނުދެ އެވެ. އެ ހަނދާންތައް ފިލައި ނުވެސް ދާނެ އެވެ.
(ނުނިމޭ)