ވާހަކަ

މިލްކުވާނެބާ

( 25 ނޮވެމްބަރ 2024 އާ ގުޅޭ )

ބޭރުން ކިތަންމެ އާދައިގެ ގޮތަކަށް ފެނުނަސް ގޭތެރެއަށް ވަނުމުން ގޭގެ ޙައިބަތު މާޔާއަށް ފެނިގެންދިޔަ އެވެ. މާޔާގެ ވައަތްތިލައިގައި ހިފާލަމުން އިޒީކިއަލް ކުރިޔަށް ދަމާލި އެވެ. އޭނާއާއެކު އަންނާށޭ ބުނެލި އެވެ. ހާމަފެންޑާގައި އެންމެން އެބަތިބިކަމުގައި އިޒީކިއަލް ބުންޏެވެ. އޭނާގެ ދިގު ފިޔަވަޅުތަކާއި އެއްހަމަ ކުރުމަށް މާޔާ ކުޑަކޮށް ދުވެލާފައި އައެވެ.

މާޔާ ހަމަޖެހެން މަސައްކަތް ކުރިކަމުގައި ވިޔަސް އޭނާގެ ހިތް ވަނީ އަވަސްވެފަ އެވެ. އިޒީކިއަލްގެ ޢާއިލާއާ ބެހޭ ގޮތުން އޭނާ އޮތީ ކިޔާދީފަ އެވެ. އޭނާގެ ޢާއިލާގައި ތިބި ހަމައެކަނި ބަޔަކީ މަންމައާއި ކާފަ ކަން ބުނެދީފަ އެވެ. އޭގެ އިތުރުން ސޫޒަންގެ ސަބަބުން އެ ޢާއިލާއަށް ލިބުނު ދެރަ ވެސް އިޒީކިއަލް ވަނީ ކިޔާދީފަ އެވެ. އާ ފެށުމަކުން ފަށަން ތައްޔާރުވާއިރު އިޒީކިއަލްގެ ގަސްދަކީ އޭނާގެ ދިރިއުޅުމުގެ ހުރިހާކަމެއްގައި މާޔާ ޝާމިލް ކުރުމެވެ. ހުރިހާކަމެއް ޚިއްޞާކުރެވޭވަރު ބައިވެރިއެއްގެ ގޮތުގައި މާޔާ ބަލައިގަތުމެވެ.

ހާމަފެންޑާއަށް އިޒީކިއަލް ނުކުތެވެ. އޭނާ މާޔާގެ އަތުން ދުލެއް ނުކުރެ އެވެ. އުނދޯލި ކައިރީ ގޮނޑި ބަހައްޓާފައި ހުރިއިރު އެތަން އެވަނީ އެވަގުތަށް ޓަކައި ތައްޔާރު ކޮށްފައިކަން އެނގެ އެވެ. އުނދޯލީގައި އިން ސަރީކާ ފެނުމާއެކު އެއީ އިޒީކިއަލްގެ މަންމަކަން މާޔާއަށް އެނގުނެވެ. ހައިކްގެ އައިޕެޑްގައި ޢާއިލާ މީހުންގެ ފޮޓޯ ހުއްޓެވެ. އެކުއްޖާ ވަނީ އެ ފޮޓޯތައް މާޔާއަށް ދައްކާފަ އެވެ. ބައްދަލުނުވީ ނަމަވެސް އާސިފާއި ސަރީކާ ވަކިކުރާން މާޔާއަށް އެނގެނީ އެހެންވެ އެވެ.

"މަންމާ." އުނދޯލިން ތިރިއަށް ދެމިގަނެގެން ކަހަލަ ގޮތަކަށް ފޭބި ހައިކް ދުވެފައި އައިސް މާޔާގެ ގައިގާ ބައްދާލައިފި އެވެ.

"މީތަ އެމަންޖެ." ގޮނޑީގައި އިން އާސިފް އަހާލީ ސަރީކާ ގާތު އެވެ. އިޒީކިއަލްއާއި މާޔާއަށް ބަލަމުން ސަރީކާ ހޫން ލައްވާލިއިރު އޭނާގެ ތުންފަތުގައި ހިނިތުންވުމެއްވި އެވެ.

މާޔާގެ އެއް އަތުގައި ދަރިފުޅު ހިފަހައްޓާލައިގެން ހުރިއިރު އަނެއް އަތްވަނީ އިޒީކިއަލްގެ އަތުތެރޭ އެވެ. އާސިފްއާއި ސަރީކާގެ ގާތަށް މާޔާ ގެންނަން އެ ދެބަފައިން ކެތްމަދުވެފައިވާ ކަހަލަ އެވެ. މާޔާ އިށީންނަން ގޮނޑި ދެއްކީ ވެސް ކުޑަކުޑަ ހައިކް އެވެ. މާޔާ އިށީނުމާއެކު އޭނާގެ އުނގަށް ހައިކް އަރައި ހަމަޖެހިލައިފި އެވެ. ޖެހިގެން ހުރި ގޮނޑީގައި އިޒީކިއަލް އިށީނެވެ. ކޮޅަށް ތެދުވެ ހުރި ސަރީކާ ވެސް އަލުން އުނދޯލީގައި އިށީނެވެ.

"ދަރިފުޅު ކިހިނެއްތަ؟" ލުއި ހިނިތުންވުމަކާއެކު އާސިފް ވާހަކަދެއްކި އެވެ. މާޔާއަށް ލިބުނު ހައިރާންކަމާ އެއްވަރަށް ހިތަށް ފުން އަސަރެއް ކުރުވި އެވެ. އާސިފްގެ ދުލުން ދަރިފުޅާއޭ ބުނުމުގެ އިތުރުން އެ އަޑުގައިވީ ގާތްކަމާއި އޯގާތެރިކަމުންނެވެ. އެ ޢާއިލާއިން މާޔާ ޤަބޫލުކުރާ ކަމުގެ ހެއްކަކަށް އެކަންވި އެވެ. މަޑަމަޑުން ރަނގަޅޭ މާޔާ ބުނެލި އެވެ. އެއާއެކު ދެން ވާހަކަދެއްކީ ސަރީކާ އެވެ.

"އިޒީކިއަލްގެ ކާފަ މީ، މަންމަމެން ވަރަށް އުފާވެއްޖެ މިޔާއާ ބައްދަލުވީމަ. ދަރިފުޅުމެން މެދުގައި ކަންތައްވީގޮތް އިޒީކިއަލް މަންމަމެންނަށް ކިޔާދިން." ސަރީކާގެ ވާހަކަ މެދުކަނޑާލީ އާސިފެވެ.

"ކާފަ އެނގެން ބޭނުމީ މިޔާގެ ނިންމުން. އިޒީކިއަލްއާ ދެކުދީން ކައިވެނި ކުރާން ބޭނުންވާކަން އެނގޭ. އިޒީކިއަލް ދަރިފުޅަށް މަޖުބޫރެއް ކުރީތަ؟. ކާފައަށް އެނގޭ އިޒީކިއަލްގެ ގޮތް. ކާފައަށް އެނގޭ ދަރިފުޅާ މެދު އިޒީކިއަލް ކަންތައް ކުރީ ކިހިނެއްކަން ވެސް. ދެ ކުދީން ތި ތިބީ އެއް ފަހަރު ކައިވެނިކޮށް ވަރިވެފައި. ދެވަނަ ފަހަރަށް ކައިވެނި ކުރާން އުޅޭއިރު ވަރަށް ބޮޑަށް އެ ނިންމުމާމެދު ޔަޤީންވެގެން ގުޅޭންވާނީ." އާސިފް ބުންޏެވެ.

"ކާފާ." އިޒީކިއަލްއަށް ގޮވާލެވުނެވެ. އެހިނދު މާޔާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެ އެވެ. އާސިފްގެ ވާހަކަ ހުރި ގޮތުން އިޒީކިއަލް ގަޔާނުވީ އެވެ. މާޔާގެ ކުރިމަތީ އޭނާގެ ޝަކުވާ ނުކުރާށޭ ބުނާ ކަހަލަ އެވެ.

"އަޅުގަނޑު ރަނގަޅަށް ވިސްނާފައި އެއްބަސްވީ." މާޔާ މިހެންބުނެލީ އުނގުގައި އިން ހައިކް ގަޔާ ކައިރިކޮށްލަމުންނެވެ. އޭނާގެ އެ ޢަމަލުން އާސިފްއާއި ސަރީކާއަށް ވެސް މާޔާގެ ނިންމުމުގެ ފަހަތުގައިވަނީ ކޮންސަބަބެއްކަން ނަގައިގަންނާކަށް އުނދަގުލެއްނުވި އެވެ. ހަމައެއާއެކު އެ މީހުންނަށް މާޔާއާއި އިޒީކިއަލްގެ ދެމެދުގައި ލޯބި އޮތްކަން ފެނެ އެވެ. ޚާއްޞަކޮށް އިޒީކިއަލްގެ ބެލުމުގައިވާ ޝައުގުވެރިކަން އެމީހުންނަށް ފާހަގަވެ އެވެ. ޚުދު ސަރީކާއަށް ވެސް މާޔާއާ ހެދި އިޒީކިއަލްގެ ޢަމަލުތައް ހުރިގޮތް ވަނީ ފެނިފަ އެވެ. އިޒީކިއަލް އެއްގޮތަކަށް ވެސް ރާހިންއަށް މާޔާ ދޫކޮށްލާކަށް ބޭނުންނުވާކަމެވެ.

ހަވީރުގެ ސަޔާއެކު އެތައް މަޝްވަރާތަކެއް ކުރެވުނެވެ. އިޒީކިއަލްއާއި މާޔާގެ ކައިވެންޏަކީ ސިއްރުން ކުރެވޭ ކައިވެންޏަކަށް ހަދާން އާސިފް ބޭނުމެއްނޫނެވެ. އިޒީކިއަލްއަކީ އެ ޢާއިލާގެ ހުރިހާ އެއްޗެއްގެ ވާރިސެވެ. ވިޔަފާރި ދުނިޔޭގެ އެންމެންނަށް އާސިފް އެނގޭ ފަދައިން އިޒީކިއަލް އެނގޭނެ އެވެ. ކޯޓުން އެންމެ އަވަހަށް ލިބެން އޮތް ތާރީޚަކާއެކު އިޒީކިއަލްއާއި މާޔާގެ ކައިވެނި ކުރާގޮތަށް ނިންމި އެވެ. ކާފަގެ އުންމީދުތައް ފުރިހަމަކޮށްދޭން އިޒީކިއަލް މިފަހަރު ދެކޮޅެއް ނުހެދި އެވެ. އާސިފްއާއި ސަރީކާގެ ޚިޔާލުތައް ވެސް އިޒީކިއަލްއާއި މާޔާ ބަލައިގަތީ އުފަލުންނެވެ. ފުރަތަމަ ފަހަރަށް އާސިފްއާއި ސަރީކާ ތިބީ އިޒީކިއަލްގެ ދިރިއުޅުމަށް ޚިޔާރުކުރި އަންހެންކުއްޖާއާ މެދު ހިތްހަމަޖެހިފަ އެވެ.

ހައިކްއަށް ޓަކައި އެ ކުއްޖާ ނިދާގަޑި ޖެހެންދެން މާޔާ މަޑުކުރި އެވެ. އެ ފުރުޞަތުގައި ސަރީކާގެ މަސައްކަތަކަށްވީ މާޔާގެ ޠަބީޢަތާއި އޭނާގެ އުޅުން ހުރި ގޮތް ދެނެގަތުމެވެ. މާޔާގެ ފުށުން ފެންނަ ހިތްހެޔޮކަން ދެއްކުންތެރި ސިފައަކަށްވާން ސަރީކާ ބޭނުމެއްނުވެ އެވެ. އޭނާ ބޭނުމީ ޢާއިލާއާ ގުޅިގެން އުޅޭނެ ޅީދަރިއެކެވެ. ސަރީކާއާއި އާސިފްގެ ޝަރުތަކަށްވީ އިޒީކިއަލްއާއި މާޔާ ކައިވެނިކޮށްގެން އެ ގޭގައި ދިރިއުޅުމެވެ. އެ ގެއަކީ އިތުރު ބައެއް އުޅޭ ގެއެއް ނޫނެވެ.

"މިދަނީ މިޔާ ގެއަށްލާން." މާޔާއާއެކު ނުކުންނަން ދަމުން އިޒީކިއަލް ބުނީ ސަރީކާއަށެވެ. އޭނާ އޭގެ ދެ ކުދީންނާއެކު ދޮރާ ހަމައަށް ނުކުތެވެ. އިޒީކިއަލްއާއެކު މާޔާ އައިސް ކާރަށް އެރި އެވެ. އެ މީހުން މިސްރާބުޖެހީ ހުޅުމާލެއަށެވެ.

* * * * *

ހިލްމީ އައިސް އިޒީކިއަލްގެ އޮފީހަށް ވަނެވެ. އޭރު ޒާހިލް ވެސް އެ އޮފީހުގައި އިނެވެ. މޭޒުދޮށުގައި އިން އިޒީކިއަލްގެ މޫނުމަތިން ފެންނަނީ ސީރިއަސްކަމެވެ. ހިލްމީ ފެނުމާއެކު ކުރިމަތިން ޒާހިލް އިން ގޮނޑިއާ ޖެހިގެން ހުރި ގޮނޑި ދައްކާލި އެވެ. ފިޔަވަޅު އަވަސްކޮށްލާފައި ހިލްމީ އައިސް އެ ގޮނޑީގައި އިށީނެވެ.

"ފަށަންވީތަ؟." ޒާހިލް އަހާލި އެވެ. އެއާއެކު އިޒީކިއަލް ބޯޖަހާލައިފި އެވެ. ޒާހިލްގެ އަތުގައި އޮތް އައިޕެޑްގެ އިސްކުރީނު ހުޅުވާލުމާއެކު އޭނާ ވާހަކަދައްކަން ފެށި އެވެ.

"ވާދީހިޔާއަކީ މަޒީދުގެ އަމިއްލަ ގެއެއް. އެ ގޭގައި މިހާރު ދިރިއުޅެނީ އޭނާގެ ދައްތަ ޖާހިދާ. އެއްބައި ހުންނަނީ ކުއްޔަށް ދޫކޮށްފައި. އެ ލާރި ވަންނަނީ ޖާހިދާގެ އެކައުންޓަށް."

"ގޭގެ ރަޖިސްޓްރީ." ޒާހިލްގެ ވާހަކައިގެ ތެރެއިން އިޒީކިއަލް އަހާލި އެވެ.

"ރަޖިސްޓްރީ ބަދަލުކުރާން ޖާހިދާ ވަރަށް މަސައްކަތް އެބަކުރޭ. އެކަން ކޮށްދޭނޭ ޤާޟީއެއް އޭނާ ގަނެފި. ކޯޓުގައި އެކަން ކުރިޔަށް ވެސް އެބަދޭ. އެކަމުގެ ތެރެއަށް މިޔާ ނުވަދެއްޖެނަމަ ޖާހިދާ އެ ގޭގެ ރަޖިސްޓްރީ އޭނާގެ ނަންމައްޗަށް ބަދަލުކޮށްލާނެ. މިހާ ދުވަހު އޭނާއަށް އެކަން ކޮށްދޭނޭ މީހަކު ނުވެފައި ހުރީ. ތިންހަތަރު ފަހަރެއް މަތިން އެކަން ކުރެވޭތޯ އޭނާ ވަރަށް ޚަރަދުކޮށްފަވަނީ. ފެންވަރުން ވަކީލުން ނެގި، އެކަމަކު ކޯޓުގެ އެތެރެއިން އެކަން ނިންމަން ޖެހޭތީ ނުވެފައި އޮތީ." ޒާހިލްގެ ވާހަކަ ކުރިޔަށް ގެންދިޔަ އެވެ.

"އެއީ ކޮންޤާޟީއެއް؟. އާމިލްގެ ޚަބަރު ބެލިންތަ؟." އިޒީކިއަލް ސުވާލުކުރި އެވެ.

"ޔޯގާ ކުލާސް ނަގަން އުޅޭ އިސްފަނޑިޔާރު." ކުޑަކޮށް ހީނލަމުން ޒާހިލް ބުންޏެވެ.

"ޠާރިގުތަ؟." އިޒީކިއަލް އަހާލި އެވެ.

"އާން. އޭނަ. ރުފިޔާއަށް އޭނާ ނުކުރާނެކަމެއް ނޯންނާނެ. އެކަން ނޭނގޭ މީހަކު އުޅޭތަ. ދެން އާމިލް ދޯ. މަޒީދުގެ މަރަށް ހަފްތާއެއް ނުވެގެން އުޅެނިކޮށް އޭނާގެ އެކައުންޓަށް ބޮޑު އަދަދެއް ވަން. މަޒީދުގެ ކުންފުނިން އެ ލާރި ފޮނުވާފައި ހުރީ. މަޒީދުގެ މަރާއެކީ ވިޔަފާރީގެ ހުރިހާކަމެއްގެ ވެރިޔަކީ ޖާހިދާ. ހަޤީޤީ މިލްކުވެރިޔަކީ މިޔާ. އެކަމަކު ޖާހިދާއަށް ހުރިހާއެއްޗެއް ދީފައިވަނީ މިޔާގެ ރުހުމުގައި އޭނާ އަމިއްލައަށް ކަމަށްވަނީ. އެހެންވީމަ އެމީހުން މިޔާ ލައްވާ ސޮއިކުރުވި ލިޔުމަކީ އެއީ. ކުންފުނި ޖާހިދާގެ ނަންމައްޗަށް ބަދަލުކުރި ލިޔުން. މަޒީދު މަރުވިއިރު މިޔާ ހުރީ 18 އަހަރަށްވެފައެއްނު. އެހެންވީމަ އޭނާގެ އަތުން އަތުލީއޭ ބުނާނޭ ފުރުޞަތެއް ނެތްތާ. މަކަރާހީލަތުން ކުރިކަމެއް އެއީ. އާމިލް ވެސް ބައިވެރިވެގެން. ކުންފުނީގެ ހުރިހާ ލީގަލްކަމަކާ ހަވާލުވެ ހުރީ އާމިލް. އަދިވެސް އޭނާ އެކަންކަން ބަލަހައްޓަނީ. މަޒީދުގެ ކުއްލި މަރާ ބެހޭ ގޮތުން ހޯދަން މަސައްކަތް ކުރީން. މަޒީދުގެ ހަށިގަނޑު ބަލައި މަރުގެ ސެޓްފިކެޓް ތައްޔާރުކުރި ޑަކްޓަރު އަތަކު ނުޖެހުން. އޭނާ މިހާރު އެތާކުނޫން މަސައްކަތް ކުރަނީ. އެކަމަކު އޭނާ ހޯދަމުން މިދަނީ. އަހަރެން ބަލާލިން މިކޮޅުގައި އޭނާ އުޅޭތޯ. އެބައުޅޭ... އޭނާގެ ޑީޓެއިލްސް ނަގާފައި ހުންނާނީ. އަނެއްހެން ރިކޯޑެއްނެތް." ޒާހިލް ކިޔާދިނެވެ.

"ހިލްމީ، ޠާރިގާ ބައްދަލުވާނޭ ގޮތް ހަމަޖައްސާލާ. ޒާހިލް. އެ ޑަކްޓަރުގެ ބަހެއް ލިބޭތޯ މަސައްކަތްކޮށްލަދީ. އެމީހުން ކޮންމެވެސް ކަހަލަ ލިޔުމެއް ތައްޔާރުކޮށްގެން ނޫނީ ޠާރިގު ލައްވާ ވެސް އެކަމެއް ނުކުރެވޭނެ. ތިބުނީ މިހާރު އެކަން ކުރިޔަށްދަނީއޭ. އެހެންވީމަ ޠާރިގަށް ހުރިހާ ޑޮކިއުމެންޓެއް މިހާރު އޮންނާނީ ލިބިފައި. އެ ގެއަކީ މިޔާގެ ހައްޤެއް. އެހެން މީހަކަށް ލިބުނަކަ ނުދޭނަން." އިޒީކިއަލް ބުންޏެވެ.

"މިޔާއަށް އެނގޭތަ؟." ޒާހިލް އަހާލި އެވެ.

"އަދި ނުބުނަން. އެކަމަކު ބުނާނަން." އިޒީކިއަލް ޖަވާބުދިނެވެ.

"މިޔާ ކައިރީ ބުނަން އަހަރެންނަށް ފެންނަނީ. މިޔާ މިކަމުގެ ތެރެއަށް ވަދެއްޖެނަމަ އެމީހުންނަށް އެކައްޗެއް ވެސް ނުލިބޭނެ." ޒާހިލް ބުންޏެވެ.

"އެމީހުންނަށް ލިބޭކަށް ނުޖެހޭ. އެއީ ހުސްވެސް މިޔާގެ އެއްޗިއްސޭ." އިޒީކިއަލް ބުނެލި އެވެ.

"އަރޭއާއެކީ މިރޭ ހިނގާބަލަ ކޮފީއަކަށް އަރަން. އެއީ އަހަރުމެންގެ ލީގަލް މީހަކީ." އަރްޙަމަށް ގުޅަން ޒާހިލް ޚިޔާލު ދިނެވެ.

"ރަނގަޅުވާނެ. ޒާހިލް އޭނާއަށް ގުޅާ." އިޒީކިއަލް ބުންޏެވެ.

ހިލްމީއާ ހަވާލުކުރެވުނު ކަންތައް ކުރާން އޭނާ ތެދުވެގެން އެ ތަނުން ހިނގައްޖެ އެވެ. އަމިއްލަ ވާހަކައިގައި ޖެހިފައި ޒާހިލާއި އިޒީކިއަލް ތިބީ އެވެ.

* * * * *

ރޭގަނޑުގެ ވަގުތެވެ. ދިހައެއް ޖަހައިފި އެވެ. އިޒީކިއަލްގެ ފޯނުކޯލެއް އައީ މާޔާއާއި ފައިނާނާ ވެގެން ޚިޔާރުކޮށްފައިވާ ކައިވެނީގެ ހެދުންތަކުގެ ފޮޓޯތައް ބަލަން އެނދުގައި އޮއްވަ އެވެ. މަޑުމަޑުން ކައިވެންޏަށް ތައްޔާރުވުމުގެ ކަންކަން ނިމެމުންދަނީ އެވެ.

"ހެލޯ." އިޒީކިއަލްގެ ކޯލަށް މާޔާ ޖަވާބުދިނެވެ.

"މިގަޑީގައި ބައްދަލުކޮށްލަންތަ؟." އިޒީކިއަލް އަހާލި އެވެ. މާޔާއަށް ފުރަތަމަ ވެސް ބަލާލެވުނީ ގަޑިއަށެވެ.

"މިގެއަށްތަ؟." މާޔާއަށް ބުނެވުނެވެ.

"މިޔާ ކޮމްފޮޓޯބަލް ނޫނިއްޔާ ބޭރުންވިޔަސް އެންމެ ރަނގަޅު. ވަރަށް މުހިންމު ވާހަކައެއް ދައްކަންވެގެން." އިޒީކިއަލް ބުންޏެވެ. އޭނާގެ އަޑުގައި ސަމާސާ ކުރުމެއް ނުވާކަން މާޔާއަށް ވެސް ފާހަގަވި އެވެ.

"މި ރެޑީވެލަނީ. ދީ ޓެން މިނެޓްސް." މާޔާ ބުންޏެވެ.

"ރެޑީވެލައިގެން ފައިބާ. އަހަރެން މިހުރީ ތިރީގަ." އިޒީކިއަލް ބުންޏެވެ. މާޔާއަށް ލިބުނީ ހައިރާންކަމެވެ. އެހެންވިޔަސް އިޒީކިއަލް ކައިރީ އެޕާޓްމެންޓްއަށް އަންނާށޭ ބުނާކަށް މާޔާއަކަށް ނުކެރުނެވެ.

ތައްޔާރުވެލައިގެން މާޔާ ތިރިއަށް ފޭބިއިރު ދުވާރު ކައިރީ އޮތް ކާރުގައި ލެނގިލައިގެން ފޯނާ ކުޅޭން އިޒީކިއަލް ހުއްޓެވެ. މާޔާ އައިސް އިޒީކިއަލް ކައިރީ މަޑުކޮށްލަންވާއިރަށް ޖީންސުގެ ޖީބަށް އޭނާ ފޯނު ކޮށްޕާލައިފި އެވެ.

"ކޮންތާކަށް ދާނީ." އިޒީކިއަލް އަހާލި އެވެ.

"އިޒިކް ބުނެބާ." މާޔާ ބުންޏެވެ.

"އަތިރިމައްޗަށް ނުކުންނަމާ. ހުރެއެއްނު އިށީނދެވޭނެހެން. އެކަހަލަ ތަނެއްގައި މަޑުކޮށްލަން އޯކޭތަ." އިޒީކިއަލް ދެން ވެސް އެހީ މާޔާގެ ޚިޔާލަކަށެވެ.

"އޯކޭ." މާޔާ ބުންޏެވެ. އެއާއެކު އިޒީކިއަލް އެދުނީ ދެ މީހުން ހިނގާލާފައި ދިއުމަށެވެ. އެގޮތް ވެސް މާޔާއަށް އެންމެ ރަނގަޅެވެ.

"ކޮންވާހަކައެއް ބުނަން އުޅުނީ." ހިނގަމުން އަތިރިމައްޗާ ހަމައަށް އާދެވިފައިވަނިކޮށް މާޔާ އަހާލި އެވެ.

"ތަނެއްގައި މަޑުކޮށްލާފަ އެ ވާހަކަ ދައްކަމާ." އިޒީކިއަލް ބުންޏެވެ. އެއާއެކު މާޔާ ބޯޖަހާލައިފި އެވެ.

(ނުނިމޭ)