މި ކިޔައިދެނީ ކ. ކާށިދޫ އިން އުފެދިގެން އަންނަ ތަރިއެއްގެ ވާހަކަ އެވެ. އުމުރުން އެންމެ 18 އަހަރުގެ ޒުވާން އިސްމާއިލް ރަޔާންގެ ވާހަކަ އެވެ. އޭނާ އަކީ މިހާރު ފުޓުބޯޅައިގެ މައިދާނުގައި ވިދަމުންދާ ޒުވާން ކުޅުންތެރިޔެކެވެ.
ރަޔާން ބުނާ ގޮތުގައި އޭނާ ފުޓުބޯޅައަށް ޝައުގުވެރިވީ ބޭރުގެ މޮޅެތި ކުޅުންތެރިންގެ ވީޑިއޯތައް ބަލަން ފެށުމުންނެވެ. އެ ވީޑިއޯތަކުން ފެނުނު ހުނަރުވެރި ކުޅުންތެރިންނަށް ލޯބިޖެހި، އެކަމަށް ޝައުގުވެރިވެ، ރަށުގައި ރައްޓެހިންނާއެކު ކުޅެން ފެށީ އެވެ. ރަށުގައި ބޭއްވި މުބާރާތްތަކުގައި ބައިވެރިވެ ކުޅެމުން ދިޔައިރު، އޭނާގެ ހުނަރު ވަރަށް ބޮޑަށް ފާހަގަކުރެވިގެން ދިޔަ އެވެ.
ރަޔާންގެ ކުޅިވަރުގެ ހަޔާތަށް އައި އެންމެ ބޮޑު ބަދަލަކީ މާލެއިން ކާށިދޫއަށް ދިޔަ އީގަލްސްގެ ކޯޗު ޓޯޑުއަށް އޭނާގެ ކުޅުން ފާހަގަވުމެވެ.
ޓޯޑު ކޯޗު ހޯދައިދިން ފުރުސަތެއްގައި މާލޭގެ އީގަލްސް ކްލަބުން ފުރުސަތު ލިބުނެވެ. އެއާއެކު ރަޔާން މާލެ އައިސް، އީގަލްސްގެ ޒުވާން ޓީމުގައި ކުޅެން ފެށި އެވެ.
ރަޔާންގެ ކުޅުމުގެ ފެންވަރު ރަނގަޅުވަމުން ގޮސް އޭނާގެ ހުނަރު ވަރަށް ބޮޑަށް ތަރައްގީ ކުރި އެވެ. އެއާ އެކު އުމުރުން 18 އަހަރުގައި 20 އަހަރުން ދަށުގެ ގައުމީ ފުޓުބޯޅަ ޓީމަށް ކުޅުމުގެ ފުރުސަތު ލިބުނެވެ. އަދި އިންޑޮނޭޝިއާގައި ބޭއްވި 20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިން މުބާރާތުގައި ރާއްޖެ ތަމްސީލުކުރުމުގެ ޝަރަފްވެސް ލިބުނެވެ.
ރަޔާން ދަނީ މާލޭގައި ބާއްވާ ފުޓުސަލް އަދި ފުޓުބޯޅަ މުބާރާތްތަކުގައި މިހާރުވެސް ކުޅެމުންނެވެ. އޭނާގެ އަމާޒަކީ ފުޓުބޯޅައިގެ މައިދާނުގައި އިތުރަށް ކުރިއަށް ދިއުމެވެ. ރާއްޖެއިން ނަމަ އަލީ އަޝްފާގު ފަދަ ކާމިޔާބު ކުޅުންތެރިއަކަށް ވުމެވެ.
"އަހަރެންގެ އެންމެ ބޮޑު އުންމީދަކީ ސީނިއަ ގައުމީ ފުޓުބޯޅަ ޓީމުގައި ޖާގައެއް ހޯދުން. އެއީ ވަރަށް ބޮޑު ކާމިޔާބީއެއް ގޮތުގައި އަހަރެން ދެކެން. އިރާދަކުރެއްވިއްޔާ އެ ލަނޑުދަނޑި ހާސިލުކުރާނަން،" އަވަސްއާ ވާހަކަ ދައްކަމުން ރަޔާން ބުންޏެވެ.
ރަޔާންގެ ކުޅުމުގެ ވާހަކަ ދައްކާއިރު އޭނާގެ ހުނަރުވެރިކަމާއި ޓީމް ސްޕިރިޓް ތަފާތެވެ. ބޯޅަ ކޮންޓްރޯލް ކުރުމުގައި އޭނާގެ ހުނަރު މޮޅެވެ. އަދި ޓީމުގެ އެހެން ކުޅުންތެރިންނާއެކު ގުޅިގެން ކުޅޭ ކުޅުމަކީ އޭނާގެ ކުޅުމުގެ މުހިންމު އެއް ބައެވެ.
ރަޔާންގެ ކުޅުން ދެކެފައިވާ މީހުން ބުނާ ގޮތުގައި އޭނާގެ ކުޅުމުގައި ހުރި ދުވެލި އަދި ހުނަރު އެއީ އެހެން ކުޅުންތެރިންނާ އޭނާއާ ތަފާތުވާ ސަބަބެކެވެ.
"ރަޔާންގެ ކުޅުމުގައި ހުރި ހާއްސަ ކަމަކީ އޭނާގެ ހަލުވިކަން. ދުވެފައި ދާއިރު ބޯޅަ ކޮންޓްރޯލް ކުރުމުގެ ގާބިލުކަން އޭނާގެ ކިބައިގައި ވަރަށް ބޮޑަށް ހުރޭ. އަދި ޓީމް މޭޓުންނާ ގުޅިގެން ކުޅޭ ކުޅުމަކީ ވެސް ވަރަށް ރީތި ކުޅުމެއް،" ރަޔާންގެ ކޯޗަކުން ބުންޏެވެ.
ރަޔާންގެ ކުޅުމުގެ ފެންވަރު މަތިވަމުން ދިޔަ ނަމަވެސް އޭނާ ދަނީ އަމިއްލައަށް ވެސް ހުނަރު ތަރައްގީ ކުރުމަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ. ކޮންމެ ދުވަހަކުވެސް ދެ ގަޑިއިރު ވަންދެން ޓްރެއިނިންގައި ވަގުތު ހޭދަކުރެ އެވެ. އަދި ކުޅުމުގެ ވީޑިއޯތައް ބަލައި، އެއިން ފިލާވަޅު ދަސްކުރެ އެވެ. އެއީ އޭނާގެ އެންމެ ބޮޑު އުއްމީދު ކަމަށްވާ ސީނިއާ ގައުމީ ފުޓްބޯޅަ ޓީމުން ޖާގަ ހޯދުމަށް ކުރާ މަސައްކެތެވެ.
"އަހަރެންގެ އަމާޒަކީ ދުވަހަކު ވެސް ހުއްޓުމެއް ނެތި ކުރިއަށް ދިއުން. ކޮންމެ ދުވަހަކީ ވެސް އާ އެއްޗެއް ދަސްކުރާ ދުވަހަކަށް ހަދަން. އޭރުން އިރާދަކުރެއްވިއްޔާ އަހަރެންގެ ހުވަފެން ހަގީގަތަކަށް ވާނެ،" ރަޔާން ބުންޏެވެ.
ކުރިއަށް ދިއުމަށް ރަޔާންގެ އެންމެ ބޮޑު ހިތްވަރަކީ އޭނާގެ އާއިލާ އެވެ. އޭނާ އެކަން ބަލައިގަންނަނީ ޝުކުރުވެރިކަމާ އެކު އެވެ.
ރަޔާންގެ ހުނަރާއި ހިތްވަރުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ފުޓުބޯޅައިގައި ރަޔާންގެ ނަމަކީ ވިދާނެ ނަމެކެވެ. ރަޔާންގެ ފަދަ ޒުވާން ކުޅުންތެރިން އުފެދުމަކީ ރާއްޖޭގެ ފުޓުބޯޅައަށްވެސް ލިބޭނެ ކުރިއެރުމެކެވެ. އަދި މިފަދަ ކުޅުންތެރިން އުފެދިގެން ދިއުމަކީ މިހާރު މަރުވެފައި އޮތް ރާއްޖޭގެ ފުޓުބޯޅައަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރަކަށްވެސް ވާނެ އެވެ.
ރަޔާން، މޮޅު ކުޅުންތެރިޔަކަށް ވުމަށް ކުރާ ދަތުރުން ދައްކުވައިދެނީ ހިތްވަރާއި މަސައްކަތުން ކާމިޔާބީ ހޯދާނެ ކަމެވެ. ކާށިދޫގެ އާދައިގެ ގެއަކުން ނިކުމެ ފެށި ދަތުރުގައި، ގިނަގުނަ ގޮންޖެހުންތަކަކާ ކުރިމަތިލައި، އެތައް ހުރަސްތަކެއް މިހާރުވެސް އޭނާ ވަނީ ގިރާކޮށްފަ އެވެ. މިއަދު ރަޔާން އަކީ ރާއްޖޭގެ ފުޓުބޯޅައިގެ މައިދާނުގައި އެންމެ އުއްމީދީ ޒުވާން ކުޅުންތެރިންގެ ތެރެއިން އެކަކެވެ.