ޓީސީ

ޝާޒްގެ ވަކިވުމާއި ނިޒާމަށް އޮތް ބޮޑު ޗެލެންޖު

ކޯޗްގެ މަގާމަކީ އެންމެ ޕްރެޝަރު ބޮޑު ވަޒީފާ ކަމާއި ހަމަ ކޮންމެ ވަގުތެއްގައިވެސް މަގާމު ގެއްލިދާނެކަން ވިސްނައި އެ ހާލަތުގައި އުޅެން ދަސް ކުރަން ޖެހޭ ކަމަށް މީޑިއާގައި، މި ސީޒަންގައި އެންމެ ގިނައިން ވާހަކަ ދެއްކި އެއް ކޯޗަކީ، ޓީސީ ސްޕޯޓްސް ކުލަބުގެ ކުރީގެ ކޯޗް ޝާޒްލީ މުހައްމަދު (ޝާޒް) އެވެ. ޕްރީ އަދި ޕޯސްޓް މެޗު ޕްރެސްތަކުގައި ދެފަހަރެއްގެ މަތިން އޭނާ އެ ވާހަކަ ދެއްކި އެވެ. އޭނާ އެންމެ ފަހުން އެވާހަކަ ދެއްކީ، ސުޕަ ޔުނައިޓެޑް ސްޕޯޓްސްގެ ކޯޗް ކަމުން އަހްމަދު ނާޝިދު (ނާދު) ދުރަށް ދާން ޖެހުމުން އެ ކަމަށް އިޝާރާތް ކޮށެވެ.

"ނަތީޖާ ރަނގަޅަށް އިންދައި ކޯޗު ބަދަލުވުމަކީ ހަގީގަތުގައި ފުޓްބޯޅައަށް އެހާ ރަނގަޅު ކަމެއް ނޫން." ނާދުގެ ވަކިވުމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޝާޒް ބުނެފައި ވެއެވެ. ޝާޒްވެސް ޓީސީ ދޫކޮށްލަން ޖެހުނީ އެކަހަލަ ހާލަތެއްގެ ތެރެއިންނެވެ. އާދައިގެ ޓީމަކާ އެކު ނުކުމެ ރަނގަޅު ނަތީޖާތަކެއް، ޝާޒްއަށް ނެރެވިދާނެ ކަމަށް ގިނަ ބަޔަކަށް ގަބޫލެއް ނުކުރެވުނެވެ.

މިދިޔަ ސީޒަންގެ މެދުތެރޭގައި ޓީސީގެ ކޯޗް ކަމާ ޝާޒް ހަވާލުވި އިރު އެ ޓީމަށް އޮތީ އުނދަގޫ ހާލަތެއް ކުރިމަތި ވެފަ އެވެ. މުސާރަ ނުދެވި ދިގު މުއްދަތެއް ފާއިތުވުމުން ކުޅުންތެރިން ވަނީ ޕްރެކްޓިސް މެދުކަނޑާލާފަ އެވެ. އެހާލަތުގައި ޓީސީގެ ޓީމު ޕްރެކްޓިހަށް ނެރެ މަސައްކަތް ފެށި އެވެ. ލީގްގެ ތިން ވަނަ ބުރުގައި ޓީމަށް އިތުރުވި ކުޅުންތެރިންނާއެކު ޓީސީ އިތުރަށް ވަރުގަދަ ވި އެވެ. ޝާޒް އޭރު މީޑިއާގައި ބުނެފައިވާ ވާހަކަތަކުންނަމަ، މިދިޔަ ސީޒަންގެ ލީގްގެ ތިން ވަނަ ބުރުން އެންމެ ރަނގަޅު ނަތީޖާ ނެރުނީ ޓީސީ އެވެ. މި ސީޒަނާ ކުރިމަތިލިއިރު ކުލަބަށް ކުރިމަތިވި މާލީ ގޮންޖެހުންތަކާއެކު ޓީސީގެ ޓީމު މުޅިން ބަދަލުވި އެވެ. ސީނިއާ ގިނަ ކުޅުންތެރިން ޓީމު ދޫކޮށްލި އެވެ.

"މެނޭޖުމެންޓްގެ ވަރަށް ބޮޑު ބޭނުމެއް ބަޖެޓް ކުޑަ ކުރުން. އެއަށް ބަލާއިރުގައި އެންމެ ރަނގަޅަށް މި ކަން ކުރެވޭނެ ކަމަށް މި ފެންނަނީ ޒުވާން ކުޅުންތެރިންނާއެއްކޮށް މަސައްކަތް ކޮށްގެން," ޓީސީގެ މެނޭޖުމެންޓަށް ކުރިމަތި ވެފައިވާ މާލީ ހާލަތަށް އިޝާރާތްކޮށް ޝާޒް ކުރިން ބުނެފައި ވެއެވެ.

"އެހެންވީމަ ޓީސިގެ މިހާރުގެ މެނޭޖުމެންޓްގެ ވިސްނުމާއެއްކޮށް އޭރެއްގެ ހުންނަ ކޯޗަކު މަސައްކަތް ކުރަން ޖެހޭނީ. އެގޮތަށް މަސައްކަތް ކުރާއިރު ލީގްގައި އެބަތިބި ހުރިހާ ޓީމެއްގައި ހެން ސީނިއާ ކުޅުންތެރިންނާއި ޔަންގު ކުޅުންތެރިން ހިމެނޭ މިކްސްއެއް. ޓީސީގައި އެކަނި ކަންނޭންގެ އެކަން ނެތީ. އެހެންވެއްޖެއްޔާ އެކަން ވާނީ ހަގީގަތުގައި ބޮޑު ޗެލެންޖަކަށް."

ޒުވާން ގައުމީ ޓީމުގައި ޝާޒް އާއެކު މަސައްކަތް ކުރި ގިނަ މުހިންމު ކުޅުންތެރިން ޓީސީއަށް އިތުރުވެ، ޒުވާން ކުޅުންތެރިންނާއެކު ރަނގަޅު ނަތީޖާތަކެއް ފުރަތަމަ ބުރުގައި ނެރުނެވެ. ދެ ވަނަ ބުރުގެ ފުރަަތަމަ މެޗާ ޓީސީން ކުރިމަތިލާން ތައްޔާރުވި އިރު ޓީސީގެ ކޯޗް ކަމުން ޝާޒް އިސްތިއުފާ ދީފި އެވެ. އެއީ ލިޔުމުގައި އޮތް އިސްތިއުފާއެއް ހެއްޔެވެ. އޭގެ ފަހަތުގައި ސިއްރުގައި ނުރަނގަޅު ރޭވުމެއް އޮތީ ހެއްޔެވެ. ޓީމު ރަނގަޅު ފޯމެއްގައި ވަނިކޮށް ކޯޗް މަގާމު ދޫކޮށްލަން ބޭނުން ވުމުން، ކޯޗް މަގާމުގައި ދެމިހުރުމަށް ބާރު އެޅުމުގެ ވިސްނުމެއް ޓީސީގެ މެނޭޖުމެންޓުން އިސް ނުކުރީ ކީއްވެ ހެއްޔެވެ.

ޓީސީގެ ހުންނަ ކޯޗަކު މަސައްކަތް ކުރަން ޖެހޭނީ މެނޭޖުމެންޓުގައި އޭރެއްގެ އޮންނަ ވިސްނުމާ އެކުގައި ކަމަށް ޝާޒް ބުނި ނަމަވެސް، ދެ ވަނަ ބުރާ ކުރިމަތިލިއިރު މެނޭޖުމެންޓްގެ ވިސްނުމާ ހިލާފަށް އެހެން ވިސްނުމުގައި ޝާޒް މަސައްކަތް ކުރީ ހެއްޔެވެ. ޓީމުގެ އޮންނަ ވިސްނުމާ ތަފާތުކޮށް ކޯޗަކު މަސައްކަތް ކުރާނަމަ، ސުލޫކީ ފިޔަވަޅުތައް އެޅުމުގެ މަރުހަލާއެއް ކުލަބުގައި އޮންނަން ޖެހެ އެވެ. ކުލަބުގައި އޮތް މާލީ ހާލަތައް ރިއާޔަތް ނުކޮށް އޭގެ ބޭރުން އިތުރު ޑިމާންޑްތަކެއް ޝާޒްގެ ފަރާތުން ކުރިމަތި ކުރި ތޯވެސް މިއީވެސް ސުވާލެވެ. ޝާޒް އާއި ޓީސީން ވެސް މި ސުވާލުތަކުގެ ޖަވާބު މީޑީއާއަށް ތިލަ ކުރަން ޖެހެ އެވެ.

ޓީސީގެ ކޯޗް ކަމަށް، އެ ޓީމުން ގެނައީ، ކުރިން އެ ޓީމަށް ކާމިޔާބު ހޯދައިދިން މުހައްމަދު ނިޒާމް އެވެ. ނިޒާމް ކޯޗް ކަމަށް ހަމަޖެއްސުމަށް ފަހު ޓީސީން ބުނެފައި ވަނީ، އެ ޓީމުގެ ކޯޗް ކަމަށް ނިޒާމް ހަމަޖެއްސީ ދުރު ރާސްތާ ޕްރޮޖެކްޓަކަށް ކަމަށެވެ. މިއީ ނިޒާމްގެ ޗެލެންޖު ފެށޭ ހިސާބެވެ.

ދުރު ރާސްތާ ޕްރޮޖެކްޓްގައި ނިޒާމްގެ ތަޖުރިބާ

ޓީސީގެ ކޯޗް ކަމުން 2018 ވަނަ އަހަރުގެ ސީޒަނަށް ފަހު ނިޒާމް ވަކިވި އެވެ. އޯގަސްޓް 2019 ގައި ދުރު ރާސްތާ ޕްރޮޖެކްޓެއްގެ ދަށުން 16 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗް ކަމާ އޭނާ ހަވާލުވި އެވެ. އެފްއޭއެމުން އޭނާ އާ ހަވާލު ކުރީ 2023 ގައި ބާއްވާ، އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ވަރުގަދަ ޓީމެއް ބިނާ ކުރުމަށެވެ. ބަންގުލަދޭދޭޝްގެ ކުލަބު، ސައިފް ސްޕޯޓިން އިން ލިބުނު ފުރުސަތުގައި ޒުވާން ގައުމީ ޓީމުގެ ކޯޗް ކަމުން ނިޒާމް އިސްތިއުފާ ދިނެވެ.

އެފްއޭއެމްގެ ވަސީލަތްތަކާއި، ބޭރުގެ ޓްރެއިނިން ކޭމްޕްތަކުގެ ފުރުސަތުތައް ލިބުނު ލޯންގް ޓާމް ޕްރޮޖެކްޓް ވަކި ހިސާބަކުން ނިޒާމް އަތް ދޫކޮށްލީ ބޭރު ކުލަބެއްގެ ފުރުސަތަށެވެ. ޓީސީގައި މިފަށާ ދުރު ރާސްތާ ޕްރޮޖެކްޓްގައި ނިޒާމްއަށް ކިހާ ދުވަހަކު ހިފަހައްޓާލެވިދާނެތޯ ސުވާލު އުފެދެ އެވެ. މިއީ އޭނާ އަށާއި ޓީސީއަށްވެސް އޮތް ޗެލެންޖެކެވެ.

ޓީސީގެ މާލީ ދަށް ހާލަތު

އަނެއް ޗެލެންޖަކީ، ކޯޗެއްގެ ގޮތުގައި ނިޒާމް އެންމެ ފަހުން ކުރިން ތަޖުރިބާތަކެވެ. ބަންގުލަދޭޝްގެ ސައިފްގައި، ފެޑްރޭޝަން ކަޕްގެ ކްއާޓާ ފައިނަލުން އެ ޓީމު ކަޓައިގެން ދިއުމަށް ފަހު އެ ކުލަބުގެ ކޯޗް ކަމުން އޭނާ އަމިއްލައަށް އިސްތިއުފާ ދިނެވެ. މާޒިޔާގެ ކޯޗް ކަމުގައި ހަތަރު މެޗު ކުޅުނު ފަހުން އޭނާ އެ ޓީމުން އިސްތިއުފާ ދިން ކަން އިއުލާން ކުރި އެވެ. އެއީ އަމިއްލައަށް ބޭނުންވެގެން އޭނާ ނިންމި ނިންމުމެއްތޯ ނުވަތަ ކުލަބުން ޕްރެޝަރު ކޮށްގެން ދިން އިސްތިއުފާއެއްތޯވެސް އަދިވެސް ސާފެއް ނުވެ އެވެ.

ނިޒާމްގެ މި ތިން ޕްރޮޖެކްޓްގެ ތެރެއިން އެންމެ ފަހު ދެ މަސައްކަތުގެ ބޭރުން ބަލާލަން ޖެހެ އެވެ. މާލީ ގޮތުން ހަރުދަނާ ކޮށް އޮތް ދެ ކުލަބު (ސައިފް އާއި މާޒިޔާ) ގެ ކޯޗް ކަމުން ނިޒާމް އިސްތިއުފާ ދޭން ޖެހުމުން، މަސައްކަތް ކުރަން އުނދަގޫ މާހައުލެއް އެ ދެ ކުލަބުގައި އޮތީތޯ ސުވާލު އުފެދެ އެވެ. ޓީސީގައި ފައިނޭންޝިއަލް ސްޓެބިލިޓީ ނެތް އިރު ޓީސީގެ ޕްރޮޖެކްޓްގައި ކިހާ ދުވަހަކު އޭނާ އަށް ހިފަހަައްޓާ ލެވިދާނެތޯ އޮތް ޗެލެންޖުވެސް ނިޒާމްއަށް އެބައޮތެވެ.

ދެ ވަނަ ސްޓިންޓްގައި އޮތް ބިރު

ފުޓްބޯޅައިގައި ކޯޗެއްގެ ގޮތުގަައި ދެ ވަނަ ސްޓިންޓް އާންމު ގޮތެއްގައި ކާމިޔާބު ވެފައެއް ނުހުރެ އެވެ. ބޭރާއި އެތެރޭގައިވެސް ކަން ހިނގާފައި ވަނީ އެހެންނެވެ. މަޝްހޫރު ހޯޒޭ މޮރީނިއޯގެ ޗެލްސީގައި އޭނާ ހޭދަ ކުރި ދެ ވަނަ ޕީރިއަޑްގައި ވީ އެކަހަލަ ގޮތެކެވެ. ޔޫރަޕްގެ ފުޓްބޯޅަައިގައި ވަރުގަދަ ތާރީހެއް އޮތް ދެ ކުލަބު ކަމަށްވާ އޭސީ މިލާން އާއި ރެއާލް މެޑްރިޑަށް ކޯޗް ކޮށްދިން ފަބިއޯ ކަޕެއްލޯ. އެ ދެ ކުލަބުގައިވެސް އޭނާގެ ދެ ވަނަ ސްޓިންޓް ކާމިޔާބެއް ނުވި އެވެ. ރެއާލްގެ މިހާރުގެ ކޯޗް ޒައިނުއްދީން ޒިދާންއަށް ކުރިމަތި ވެފައި އޮތް ޕްރެޝަރު އެހާ ބޮޑެވެ.

ރާއްޖޭގެ އެންމެ މަޝްހޫރު ދެ ކޯޗުން ކަމަށްވާ، ކުރީގެ ކޯޗް މައުރޫފް އަހްމަދު (މާއްޓޭ) އާއި އަލީ ސުޒޭނަށް ވެސް ވިކްޓަރީގައި ވީ އެހެންނެވެ. ވިކްޓަރީ ދޫކޮށް 2003 ވަނަ އަަހަރު މާއްޓޭ އައިއެފްސީއަށް ބަދަލުވި އެވެ. އެއް އަހަރުގެ މެދުކެނޑުމަކަށް ފަހު އެނބުރި ވިކްޓަރީއަށް އައިނަމަވެސް އޭގެ ކުރިން ހޯދި ވަރުގެ ކާމިޔާބެއް މާއްޓޭއަށް ވެސް ވިކްޓަރީއަށް ހޯދައި ނުދެވުނެވެ. އަލީ ސުޒޭން ވެސް ދެ ވަނަ ފަަހަރަށް ވިކްޓަރީއަށް އައިސް ކުލަބާއެކު ހާލުގައި ޖެހުނީ އެވެ.

ދެ ވަނަ ސްޓިންޓް ކާމިޔާބު ކުރުމުގައި އޮތް ޗެލެންޖު ބޮޑެވެ. ޓީސީގައި ނިޒާމްއަށް ވެސް އެ ޗެލެންޖު އޮންނާނެ އެވެ. ދެ ވަނަ ޕީރިއަޑް ވެސް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިއުމަށް އޭނާ ކުރަން އޮތް މަސައްކަތް 200 ޕަސަންޓް ބޮޑެވެ. ޓީސީގެ ދަރަނީ މައްޗަށް ގޮސް ކުލަބުގެ މާލީ ހާލަތު ވަނީ ދަށަށް ގޮސްފަ އެވެ. އެހެންވެ ފުރަތަމަ ސްޓިންޓްގައި ޓީސީ އާއެކު ނިޒާމް ދެއްކި ޖާދޫ އަލުން ތަކުރާރު ކުރުމަށް އޭނާ ނަގަން ޖެހޭނީ ކޯޗެއްގެ ގޮތުގައި މިހާތަނަށް އޭނާ ނަގާނެ އެންމެ ބޮޑު ޗެލެންޖެވެ. ސުވާލަކީ ކިހާ ދުވަހަކު ހިފަހައްޓާ ލެވި ދާނެތޯ އެވެ.