ޓީސީ

ޓީސީ ޓްރާންސިޝަނަލް ޕީރިއަޑްގައި

ފުރަތަމަ ޑިވިޝަންގައި 2015 ވަނަ އަހަރު ވާދަ ކުރަން، ޓީސީ ފެށީ ރަނގަޅު ސިސްޓެމެއްގެ ތެރެއިންނެވެ. ޖެހިގެން އައި 2016 ވަނަ އަހަރު ޓީސީއަށް ކުޅުނު އަލީ ފާސިރު (ސެންޓޭ) ކުރިން ބުނެފައި ވަނީ، އެހާތަނަށް އޭނާ މަސައްކަތް ކުރި ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު މެނޭޖުމެންޓެއް އޮތީ ޓީސީގައި ކަމަށެވެ. ޓީސީ އާއެކު ހޭދަ ކުރި ސީޒަން އަބަދުވެސް ހަނދާން ހުންނާނެ ކަމަށް އޭރު ސެންޓޭ ވަނީ ބުނެފަ އެވެ.

ދިވެހި ޕްރިމިއާ ލީގް ޗެމްޕިއަންކަމާ ހަމައަށް 2018 ގައި ޓީސީ ކުރި ކުރު ދަތުރަކީ، ރާއްޖޭގެ ފުޓްބޯޅައިގައި ފާހަގަ ކުރެވޭނެ ދަތުރެކެވެ. ފުރަތަމަ ޑިވިޝަނަށް އަލަށް އައިސް އެހާ ކުރު މުއްދަތެއްގައި ލީގް ހޯދުނު މަދު ކުލަބުތަކުގެ ތެރޭގައި ޓީސީ ހިމެނޭނެ އެވެ. ޓީސީގެ ކުރިން އެހާ ކުރު މުއްދަތެއްގައި އެކަން ކުރީ ބޮޑެތި ވިޔަފާރި ބްރޭންޑްތަކުގެ ނަމަށް ނިސްބަތްވާ ޓީމު ތަކުންނެވެ. މިދިޔަ އަހަރުގެ ޓީސީގެ މެނޭޖުމެންޓުން ދެއްކީ، ޓީމު މެނޭޖު ނުކުރެވޭނަމަ ޓީމު އުވާލާނެ ވާހަކަ އެވެ.

މިއަހަރު ސީޒަނާ ޓީސީން ކުރިމަތިލީ، ކިރިޔާ ފުރަތަމަ ޑިވިޝަންގައި ދެމިއޮތުން ޔަގީން ކުރުމުގެ ޓާގެޓާ އެކު އެވެ. ޓީސީގެ އެއް މުއްސަިސް އަދި އެފްއޭއެމްގެ މިހާރުގެ އެކްސްކޯ މެންބަރު އަހްމަދު ނަޝީދު (ޑޭވް) ކުރިން ވިދާޅުވެފައި ވަނީ، މި ސީޒަންގެ ޓާގެޓަކީ ރެލިގޭޓް ނުވެ ސަލާމަތް ވުން ކަމަށެވެ.

"އަޅުގަނޑުމެން އެންމެ ބޮޑު އިސްކަމެއް ދެނީ [އެފްއޭއެމްގެ ރައީސް] ބައްސާމްގެ ވައުދު ވެފައިވާ އެހީތެރި ކަމުގެ ތެރެއަށް ފެތޭވަރުގެ ޓީމު ހަދަން." ފުރަތަމަ ޑިވިޝަންގައި ވާދަ ކުރަން ފެށި ފަހުން މިދިޔަ ސީޒަން ފިޔަވައި ކޮންމެ އަހަރެއްގައި ވެސް ލީގްގެ ގަދަ ދެ ވަނައިގެ ތެރޭގައި ހިމެނުނު ކުލަބުގެ ރައީސްކަން ވެސް ކުރިން ކުރެއްވި ނަޝީދު ވިދާޅުވެފައި ވެ އެވެ.

ސީޒަންގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު، ދިވެހި ޕްރިމިއާ ލީގްގައި ދަ ގްރާންޑޭއާ ދެކޮޅަށް ޓީސީ ނުކުންންނާނެ އެވެ. ޓީސީގެ ކޯޗް މުހައްމަދު ޝާޒްލީ (ޝާޒް) ބުނީ، ޓީސީގެ ޓީމު ބަޖެޓް ކުޑަ ކުރަން މެނޭޖުމެންޓުން ވިސްނާފައިވާ ކަމަށެވެ. އެހެންވެ އެމައްސައކަތަށް ޓެކްނިކަލް ޓީމުންވެސް އެއްބާރުލުން ދީފައި ވާނެ ކަން ޝާޒް ފާހަގަ ކުރި އެވެ.

"ޓީމުގެ މެނޭޖުމެންޓާއި ޓީމުގެ ޓެކްނިކަލް އާ ގުޅިގެން މި މަސައްކަތް ކުރެވެނީ އެހެންވީމަ ޓީސިގެ މިހާރުގެ މެނޭޖުމެންޓްގެ ވިސްނުމާ އެއްކޮށް އޭރެއްގެ ހުންނަ ކޯޗަކު މަސައްކަތް ކުރަން ޖެހޭނީ،" ދަ ގްރާންޑޭ އާ ދެކޮޅަށް މިއަދު ކުޅޭ މެޗުގެ ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ޝާޒް ބުންޏެވެ. "މެނޭޖުމެންޓްގެ ވަރަށް ބޮޑު ބޭނުމެއް ބަޖެޓް ކޮންމެވެސް ވަރަކަށް ކުޑަ ކުރުން. އެއަށް ބަލާއިރުގައި އެންމެ ރަނގަޅަށް މި ކަން ކުރެވޭނެ ކަމަށް މި ފެންނަނީ ޒުވާން ކުޅުންތެރިންނާ އެއްކޮށް މަސައްކަތް ކޮށްގެން."

"އެހެންވީމަ އެގޮތަށް މަސައްކަތް ކުރާއިރު ލީގްގައި އެބަތިބި ހުރިހާ ޓީމެއްގައި ހެން ސީނިއާ ކުޅުންތެރިންނާ ޔަންގު ކުޅުންތެރިން މިކްސްއެއް މި އޮންނަނީ. ޓީސީގައި އެކަނި ކަންނޭންގެ އެކަން ނެތީ. އެހެންވެއްޖެއްޔާ އެކަން ވާނީ ހަގީގަތުގައި ޗެލެންޖަކަށް."

ޒުވާން ކުޅުންތެރިންނާއެކު ލީގް ވާދަ ކުރުމުގައި ޗެލެންޖުތަކެއް ހުރި ނަމަވެސް އެކަމަކީ އޭނާ އޭނާއަށް ކުރެވޭނެ ކަމެއްކަމަށް، 19 އަހަރުން ދަށުގެ ގައުމީ ޓީމަށް އުމުރުފުރާގެ ސާފު ޗެމްޕިއަންޝިޕެއްގައި ފުރަތަމަ މެޑަލް ހޯދައިން ކޯޗް ބުންޏެވެ. ޝާޒް ބުނިގޮތުގައި ކޮންމެ ޓީމެއްގައިވެސް އަޑިއަޅާލާ ވަގުތު އަންނާނެ ކަމަށެވެ. އެފަދަ ވަގުތުތަކުގައި އެކަން ރަނގަޅު ކުރަން އެނޭގެ ޓީމުގެ މެނޭޖުމެންޓަށް އެނގޭ ކަން ޝާޒް ފާހަގަ ކުރި އެވެ.

ޒުވާން ކުޅުންތެރިން ހިމަނައިގެ ނުކުތުމުން ސީޒަންގެ ކުރީ ކޮޅު އޭގެ ފައިދާ ނުފުނުމުގެ ފުރުސަތު ބޮޑެވެ. ޒުވާން ކުޅުންތެރިން ޑިވްލަޕްވަމުން އަންނާނީ، މެޗަކަށް ފަހު މެޗަކުން ތަޖުރިބާ ލިބެމުންނެވެ. ޝާޒް ބުނީ، އެއް މައްސަލަ ތަޖުރިބާކާރު ކުޅުންތެރިން ގިނަ ޓީމަކަށްވެސް ދިމާވެނެ ކަމަށެވެ.

"އެއީ ކޮންމެ ޓީމެއްވެސް ހަމަޔަކަށް އެޅެމުން އަންނާނީ ސީޒަންގެ ފުރަތަމަ ދެތިން މެޗު ކުޅޭ ފަހުން،" ޝާޒް ބުންޏެވެ. "އަބަދުވެސް އެންމެ ރަނގަޅު ގޭމެއް ފެންނަނީ ލީގްގެ ދެ ވަނަ ރައުންޑުން ފެށިގެން. އެކަމަކު ތިފާހަގަ ކުރި މައްސަލައަކީ ޓީސީ އަށް ކުރިމަތި ވެދާނެ މައްސަލައެއް. އެކަމަކު އެކަން އެނގިގެން އެކަމަށް ސަމާލުވެގެން ނުކުތީމަ އެކަން ކުޑަ ކުރެވޭނެ."

ޓޯނަމަންޓް ފޯމެޓަށް ކުރިއަށް ގެންދިޔަ ބޭރުގެ މުބާރާތެއް ކާމިޔާބު ކުރި ފުރަތަމަ ދިވެހި ކުލަބު، ޓީސީ އޮތީ އެ ޓީމުގެ ޓްރާންސިޝަނަލް މަރުހަލާގަ އެވެ. މިދިޔަ އަހަރު އެ ޓީމަށް ކުޅުނު ކުޅުންތެރިންގެ މުސާރައިގެ މައްސަލަތަކަށް އެކަށީގެންވާ ހައްލެއް އަދިވެސް ނުލިބެ އެވެ. މި ސީޒަނަށް ޒުވާން ކުޅުންތެރިން ތަކަކާއެކުވެސް ޓީސީ ނުކުތީ އެ ހާލަތުން އަރައި ގަތުމަށެވެ. މިފަދަ ދަނޑިވަޅުތަކުގައި އެކަށީގެވާ ފިޔަވަޅުތައް އެޅިއްޖެނަމަ ޓީސީ އަށް ސަލާމަތް ވެވިދާނެ އެވެ.