ރާއްޖެ ކުޅިވަރު

"އެންމެ ހިތްހަމަޖެހުނީ ޓީސީގައި، އެ ހަނދާންތައް ނުނެތޭނެ"

Dec 22, 2016

ދިހަ އަހަރުވީ ފުޓްބޯޅަ ކެރިއާގައި އެންމެ ހިތް ހަމަޖެހިގެން ކުޅެވުނީ މިދިޔަ ސީޒަންގައި ޓީސީގައި ކަމަށާއި އެ ޓީމުގައި ހޭދަ ކުރި ދުވަސްތައް އަބަދުވެސް ހަނދާން ހުންނާނެ ކަމަށް އަލީ ފާސިރު (ސެންޓޭ) ބުނެފި އެވެ.

ޓީސީ ދޫކޮށް، ކުރިއަށް އޮތް ސީޒަންގައި ނިއުރޭޑިއަންޓަށް ކުޅުމަށް، ސެންޓޭ އިއްޔަ ވަނީ އެޓީމަށް ސޮއި ކޮށްފަ އެވެ.

ރާއްޖޭގެ ބައެއް އެހެން ކޯޗުން ވެސް ފާހަގަ ކުރާ ގޮތުގައި، ސެންޓޭގެ ކެރިއަރުގައި އެންމެ މޮޅު ކުޅުމެއް ދެއްކީ ނިމިދިޔަ ސީޒަންގަ އެވެ. ސެންޓޭ ވަނީ ޓީސީއާއެކު ސީޒަންގެ އެންމެ ގިނަ ގޯލް ޖަހައިގެން، ރަންބޫޓް ވެސް ކަށަވަރު ކޮށްފައެވެ. ނިމުނު ސީޒަންގައި އޭނާ 34 ލަނޑު ޖެހި އެވެ.

މި މަހު ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ފުޓްބޯޅް އެވޯޑްގައި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވެސް ސެންޓޭގެ ނަން ނޮމިނޭޓް ވެފައި ވެއެވެ. ސެންޓޭ ވަނީ ދިވެހި ޕްރިމިއާ ލީގްގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑްވެސް ހޯދާފަ އެވެ.

"ޔަގީން މިދިޔަ ސީޒަނަކީ މުޅި ކެރިއާ ގައިވެސް އެންމެ ރަނގަޅަށް ކުޅެވުނު ސީޒަން، ޓީސީއާއެކު ހޭދަ ކުރި ސީޒަން އަބަދުވެސް ހަދާން ހުންނާނެ." އަވަސްއާ ވާހަކަ ދައްކަމުން އޭނާ ބުންޏެވެ.

"މީގެ ކުރިން ބައެއް ފަހަރު ދިމާވަ ގޮތެއް މުސާރަ ލަސްވެގެން ކުޅުންތެރިން މެނޭޖްމެންޓަށް ޝަކުވާ ކުރުން، ނަމަވެސް ޓީސީގައި އެފަދަ އެއްވެސް ނެތް ކުޅުންތެރިންގެ ކަންކަން ބަރާބަރަށް ފުރިހަމަ ކުރޭ،" މީގެ ކުރިން ސެންޓޭ ބުނެފައިވެ އެވެ.