ރާއްޖޭގެ ފުޓްބޯޅަ ސީޒަން ޖޫން ގައި ފަށުމާ ބެހޭގޮތުން އެފްއޭއެމުން ވަކި ގޮތެއް އިއުލާން ކޮށްފައި ނުވި ނަމަވެސް، މިދިޔަ ސިޒަން ނިމެން ކައިރިވެފައި ވަނިކޮށް އެ ވާހަކަ ފެންމަތިވެގެން ރަށު ތެރޭގައި ދެކެވެން ފެށި އެވެ. ރާއްޖޭގެ ސްކޫލް ބޮޑު ޗުއްޓީވެސް ޖޫން، ޖުލައި މަހަށް ބަދަލު ކުރުމުގެ ވާހަކަތައްވެސް އޭރު ސޯޝަލް މީޑިއާގައި ދެކެވެމުން ދިޔައެވެ. ކުލަބުތަކުގެ މެނޭޖަރުންނާއެކު ނޮވެމްބަރު މަހު ބޭއްވި ބައްދަލުވުމެއްގައި އެފްއޭއެމުން ވަނީ، ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުން ޖޫން އަށް ބަދަލު ކުރުމާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ. މިހާރު ރާއްޖޭގެ ފުޓުބޯޅަ ސީޒަންގެ ކަލަނޑަރު އެކުލަވާލަނީ ފެބްރުއަރީން ފެށިގެން ޑިސެމްބަރު ކުރީ ކޮޅަށެވެ. ނުވަތަ ނޮވެމްބަރު މަހު ފަހު ކޮޅަށެވެ. މިދިޔަ ދެ ސީޒަންގައިވެސް ދިޔައީ އެގޮތަށެވެ.
އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒު އޭރު އަވަސް އަށް ވިދާޅުވީ، ސީޒަންގެ ކަލަންޑަރުގެ މުއްދަތާ މެދު އެފްއޭއެމުން ރަސްމީ ނިންމުމެއް އަދި ނިންމާފައި ނުވާ ކަމަށެވެ. މިހާތަނަށްވެސް އެފްއޭއެމުން އެކަން ރަސްމީކޮށް އިއުލާންކޮށްފައެއް ނުވެ އެވެ. ޖަވާޒު ވިދާޅުވީ، ޖޫން މަހު ސީޒަން ފެށުމަށް ކުލަބު ތަކުން މީގެ ކުރިންވެސް އެފްއޭމްއަށް ހިޔާލު ހުށަހަޅާފައިވާ ކަމަށާއި ކުލަބުތަކާ އެކު ނޮވެމްބަރު މަހު ބޭއްވި ބައްދަލުވުމުގައި އެފްއޭއެމުން އެ ވާހަކަ ހުށަހެޅީ ހިޔާލެއްގެ ގޮތުގައި ކަމަށެވެ.
"ޖޫންގައި ސީޒަން ފެށުމާ ބެހޭގޮތުން ވަކި ގޮތެއް ނުނިންމަން،" ޖަވާޒު އޭރު ވިދާޅުވެފައި ވެއެވެ. "އެފްއޭއެމުން އެކަން ކުލަބުތަކާއެކު ހިއްސާ ކުރީ ގެންގުޅޭ ވިސްނުމެއްގެ ގޮތުގައި، އެއީ މީގެ ކުރިން ބައެއް ކުލަބުތަކުންވެސް އެ ހިޔާލު އެފްއޭއެމް އަށް ހުށަހަޅާފައި ވާތީ، ހުރިހާ ކުލަބެއްގެ ހާޒިރު ގައި އެފްއޭއެމުން އެ ހިޔާލު ހުށަހެޅުމުން ގިނަ ކުލަބުތަކުން އެކަމާ އިއުތިރާޒެއް ނުކުރޭ."
ސީޒަން ޖޫންގައި ފަށާނަމަ، އަޖަބީ (ޕޮޒެޓިވް) ސަލްބީ (ނެގެޓިވް) ކަންތައްތަކެއްވެސް އެބަހުޓެވެ. އެވާހަކަ ފަހުން ދައްކަން ބާއްވާށެވެ. ފުޓްބޯޅަ ސީޒަން ޖޫންގައި ފަށަން ކިހާވަރަކަށް ރާއްޖެ ތައްޔާރުހެއްޔެވެ. ޖޫން ގައި ސިޒަން ފަށަނަމަ، ސީޒަން ފެށުމާ ހަމައަށް، ކުޅުންތެރިން އަތް އުރާލައިގެން ތިބެން ޖެހޭނެ އެވެ. އެންމެ އަވަހަށްވެސް ކުލަބުތައް ސީޒަން ތައްޔާރުވާން މަސައްކަތް ފަށާނީވެސް މެއި މަހުގަ އެވެ. އެހާހިސާބަށް ކުޅުންތެރިންނަށް އޮތީ ކޮންކަމެއް ހެއްޔެވެ.
މިއޮތް ހަމަހަށް އެފްއޭއެމްގެ ޕްރޮގްރާމްތައް އޮތްގޮތެއް އެ އިދާރާއި ތާވަލުކޮށް އިއުލާން ކުރުމަކީ މުހިންމު ކަމެކެވެ. އޭއެފްސީ ކަޕުގެ ފުރުސަތެއް މިއަހަރު ރާއްޖޭގެ ކުލަބަކަށް ނެތެވެ. ސީޒަން ޖޫންގައި ފަށާނަމަ، މިއޮތް މުއްދަތު ގައުމީ ޓީމަށް ހާއްސަ ކުރެވިދާނެ އެވެ. ކުރިމަތީގައި މިއޮތް ހަ މަހުގެ މުއްދަތުގައި ގިނަ ފްރެންޑްލީތަކެއް ކުޅެން ރޭވުމަކީ މުހިންމު ކަމެކެވެ. މިދިޔަ އަހަރު އެފްއޭއެމުން ވަނީ، މި އަހަރު ގިނަ ފްރެންޑްލީ މެޗުތަކެއް ގައުމީ ޓީމުން ކުޅޭނެ ކަމަށް ބުނެފަ އެވެ. އެހެންނަނަވެސް އަދި އެކަމުގެ ތަފުސީލެއް އެފްއޭއެމުން އިއުލާންކޮށްފައެއް ނުވެ އެވެ.
މިއަހަރަކީ ގައުމީ ޓީމުތަކަށް ގިނަ މުބާރާތްތަކެއް އޮތް އަހަރެކެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އާއި ވޯލްޑްކަޕު ކޮލިފައިންވެސް މިއަހަރު ފެށިގެންދާނެ އެވެ. އޮލިމްޕިކް ކޮލިފައިންވެސް އެބައޮތެވެ. އަދި ވަކިގޮތެއް ހަމަޖެހިފައި ނެތްނަމަވެސް ސައުތު އޭޝިއަން ގޭމްވެސް މިއަހަރަށް ރޭވިފައި އޮތެވެ. ގައުމީ ޓީމަށް މިހާ ބިޒީ އަހަރެއްގައި ސީޒަން ފެށުން ޖޫން މަހަށް ލަސް ކުރުމަކީ ޓެކްނިކަލް ވިސްނުމަކުން ބަލާއިރު އެންމެ ރަނގަޅު ގޮތްކަމަށް ވެދާނެ ހެއްޔެވެ. ކުލަބުތަކުގައި ކުޅުންތެރިން ނުކުޅެ ތިބެ އެންމެ އެދެވޭ އެކިއުރޭޓް ސްކޮޑެއް އެކުލަވާލުމަކީ އުނދަގޫ ކަމަކަށް ވާނެ އެވެ. ސީޒަން ޖޫންއަށް ލަސް ކުރާނަމަ އެކަމަށްވެސް އެފްއޭއެމުން ތައްޔާރުވާން ޖެހެ އެވެ. އެކަމަށް އެހެންގޮތެއް ހޯދޭނެ އިންތިޒާމު ހަމަޖައްސަން ޖެހެ އެވެ.
ރާއްޖޭގެ ސުކޫލް ބޮޑު ޗުއްޓީ ދުވަސްވަރު ސީޒަން ކުރިއަށް ދިއުމެވެ. ޖޫންއަށް ސީޒަން ލަސް ކުރާނަމަ ސްކޫލް ބޮޑު ޗުއްޓި އާއި ސީޒަން ފުށުއަރާނެ އެވެ. މިކަމާ ބެހޭގޮތުން ވާހަކަ ދެއްކި ފުރަތަމަ ޑިވިޝަންގެ ކޯޗަކު ބުނީ ސްކޫލް ބޮޑު ޗުއްޓީ ބަދަލު ވާނަމަ ސީޒަން ފެށުންވެސް ބަދަލުވުމަށް އޭނާ ތާއީދު ކުރާ ކަމަށެވެ. ސީޒަން ޖޫންގައި ފަށާނަމަ މަތީގައި ފާހަގަ ކުރި ކަންކަމަށް ރާއްޖެއިން ތައްޔާރުވާން ޖެހެ އެވެ.
ޖޫންގައި ސީޒަން ފެށުމާ ބެހޭގޮތުން ވާހަކަ ދެއްކި ބައެއް ކޯޗުން އެކަމާ މެދު ފާޅު ކުރީ އިޖާބީ ހިޔާލެއް ނޫނެވެ. ސީޒަންގެ ފަހު ކޮޅު ނިއު ރޭޑިއަންޓަށް ކޯޗު ކޮށްދިން ސޮބާހް މުހައްމަދު އިބްރާހިމް ބުނީ، ރާއްޖޭގެ ސުކޫލު ޗުއްޓީ ވަކި ދުވަސްވަރަކަށް އޮވެފައި އެދުވަސް ވަރުގައިވެސް ސީޒަން ކުރިއަށް ގެންދިއުމުގެ ބޭނުމެއް އޭނާއަށް ނުވިސްނޭ ކަމަށެވެ. އަދި އަންނަ އަހަރު ސީޒަން ޖޫންގައި ފަށާނަމަ "ޖަނަވަރީން ފެށިގެން ޖޫން މަހާ ހަމައަށް ކުޅުންތެރިން އަތް އުރާލައިގެން ތިބެންވީތޯ." ބުނެ ސޮބާ ވަނީ ސުވާލު އުފައްދާފަ އެވެ.
ގްރީން ސުޓްރީޓްގެ ކޯޗް އަލީ ސުޒޭން ވަނީ، އަންނަ ސީޒަން ޖޫންގައި ފަށާ ގޮތަށް ވާހަކަ ދައްކަނީ، ރާއްޖޭގެ ކުލަބުތަކަށް އަންނަ އަހަރު އޭއެފްސީ ކަޕަށް ނުދެވުމުގައި އެފްއޭއެމްއަށް ހެދުނު ގޯސް ރިކަވާ ކުރުމުގެ ގޮތުން ކުރާ ކަމެއް ކަމަށް ބުނެ ތުހުމަތު ކޮށްފަ އެވެ.
"އަންނަ އަހަރު ސީޒަން ޖޫންގައި ފަށާ ވާހަކަ އަޅުގަނޑުވެސް އަޑުއެހިން، މީގެއިން ދިވެހި ފުޓްބޯޅައަށް ވާނީ ކޮންފައިދާއެއް ބާއޭ، މިއީ ވަރަށް ބޮޑު ސުވާލެއް،" ސުޒޭން ވާހަކަ ދެއްކި އެވެ. "އެކަމަކު މީގެ އެންމެ ބޮޑު ވިސްނުމަކަށް ވެދާނެ، މި އަހަރު އޭއެފްސީ ކަޕުގެ ރަޖިސްޓްރީ ނުވި ޓީމުތައް އަންނަ އަހަރުގެ ސީޒަން މެދު ތެރޭގައި ވީމަ (ދެން އަންނަ އަހަރު [2020 ވަނަ އަހަރު] އޭއެފްސީ ކަޕަށް ހަމަ މިއަހަރު ލީގުން އޭއެފްސީ ކަޕަށް ޖާގަ ހޯދި ދެ ޓީމު ފޮނުވުން."
"އޭގައި ކޮބާތޯއޭ އެމީހުން [އެފްއޭއެމް] ހެދި ދިރާސާއަކީ، ޖޫންގައި ފަށައިގެން ކޮން އެޑްވާންޓޭޖެއްތޯ އޮތީ، މިއީ ހަމަ ސުވާލު ކޮށްލަން ޖެހޭ ކަންތައްތައް، ކޮންކަމެއްތޯ މަދުވެގެން ޖޫންއަށް ލަސް ކުރަން ޖެހެނީ، އަދިވެސް 2019 ވަނަަ އަހަރުގެ ސީޒަން ރަނގަޅަށް (ފެބްރުއަރީ ގައި) ފަށައިގެން ގޮސް ނޮވެމްބަރަށް ނިންމާފައި އޭއެފްސީ ކަޕުގައި ދެން އަންނަ [2020] ވަނަ އަހަރު ބައިވެރިވާން ޓީމަތަކަށް ފުރުސަތު ދީފައި، މިކަމެއް ނޫންތޯ ކުރަންވީ."
"ކުއްލިއަކަށް ހެދުނު ގޯހެއް އެއީ ރަނގަޅު އެއްޗަކަށް ހަދަންވެގެން ފުޓްބޯޅަ ސީޒަން (އަހަރުގެ) މެދަށްލައި، ބައިވަރު އެކަހަލަ ކަންތައްތަކެއް ކުރަން ޖެހުން މިއީކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން، އަޅުގަނޑު މިކަމުގައި ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނަން ފުޓްބޯޅަ ސީޒަން ޖޫންގައި ނުފަށައި ވާނެ ގޮތެއް، އެއީ މިކަންމީ އެއްވެސް ގޮތަކަށް ފެއާ ގޮތެއް ނޫން."
"ދިވެހިރާއްޖޭގެ ކުޅިވަރާ ބެހޭ ހުރިހާ އެންމެން މިކަމަށް ސަމާލުކަން ދޭން ޖެހޭނެ އެއްގޮތަކަށްވެސް ފުޓްބޯޅަ އެސޯސިއޭޝަނުން ބޭނުންހައި ގޮތަކަށް ސީޒަން ފަށަން ދޫކޮށްލައިގެން ނުވާނެ، އެއީ ދިވެހިރާއްޖޭގެ ފުޓްބޯޅައަކީ ހަމައެކަނި އެސޯސިއޭޝަނަކާ ގުޅުންހުރި އެއްޗެއް ނޫން، އެއަށްވުރެ މާ ބައިވަރު މީހުންނާ ގުޅުންހުރި އެއްޗެއް، އެހެންވީމަ އެހެން ކުއްލިއަކަށް ޖޫންގައި ސީޒަން ފަށަނީއޭ ބުންޏަސް އެކަން ބަލައެއް ނުގަނެވޭނެ."