އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލް ޓްރަމްޕްގެ ސަރުކާރުން މަޝްހޫރު ވިޔަފާރިވެރިޔާ އީލޮން މަސްކަށް އާ ވަޒީފާއެއް ދެއްވައިފި އެވެ.
އޭނާ އަށާއި ވިވެކް ރާމަސްވާމީއަށް އޮތީ "ޑިޕާޓްމަންޓް އޮފް ގަވާންމަންޓް އެފިޝަންޝީ" -- ސަރުކާރު ހިންގަނީ ރަންގަޅަށްތޯ ބަލައި ފާރަވެރިވުމަށް އުފައްދާ މިނިސްޓްރީ އެވެ.
މަސްކަށާއި ރާމަސްވާމީއަށް ވަޒީފާ ދެއްވަމުން ޓްރަމްޕް ވިދާޅުވީ ސަރުކާރުން އެއްވެސް ދިމާއަކުން ނާޖާއިޒު މަސައްކަތެއް ކުރާ ނަމަ ހުއްޓުވުމާއި، ބޮޑާހާކާ ވެރިން ވަޒީފާއިން ވަކިކުރުން އަދި ހަރަދު ބޮޑު ވަޒީރުން މަގާމުން ވަކިކުރުން ފަދަ ބާރުތައް އެ މިނިސްޓްރީއަށް އޮންނާނެ ކަމަށެވެ.
މަސްކަށް ހަވާލުކުރެވުނު މަސްއޫލިއްޔަތުތަކާ މެދު ގަޔާވެވަޑައިގެން ވިދާޅުވީ މިހާރު ވެސް ބައެއް ވެރިން ތިއްބަވާނީ ބިރުން ހީކަރުވާފައި ކަމަށެވެ.
މަސައްކަތްކުރައްވާނީ ދެފުށް ފެންނަ ގޮތަށް ކަމަށް މަސްކް ވިދާޅުވި އެވެ. އުސޫލުތަކުން ބޭރު އެއްވެސް ބޭފުޅަކަށް ވަޒީފާ ނޯންނާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މަސްކް އަދި ވިދާޅުވީ މިއީ ގިނަ ބައެއްގެ ގައިން ހީބިހި ނަގާނެ ވަޒީފާއެއް ކަމަށެވެ.
ޓްރަމްޕް ސަރުކާރުން ވަޒީފާ ކަށަވަރުވުމުގެ ކުރިންވެސް މަސްކް ވަނީ އޭނާގެ ވެރިކަމެއްގައި ވަޒީފާއިން ވަކިކުރާނެ މީހުން ހުނިޖަހައި ފާހަގަކޮށްފަ އެވެ. އަދި އެކަން އެގޮތަށް ކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ޓްރަމްޕް ވިދާޅުވި ގޮތުން މި ދެ ބޭފުޅުންނަށް ވުރެ ވަކިން ގާބިލު ބަޔަކު އޭނާގެ މިނިސްޓްރީއަށް ނުލިބޭނެ ކަމަށެވެ. ސަރުކާރުން ހިންގުމުގައި ހުރި ބަލިކަށިކަން ހޯދައި ރަނގަޅުކުރަން ހުށަހެޅުމަކީ މިނިސްޓްރީއަށް ލާޒިމުކަމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މަސްކް އަކީ މަދު ވަސީލަތްތަކަކަކުން ރަނގަޅު ނަތީޖާއެއް ނެރުއްވާ ކުޅަދާނަ ވިޔަފާރިވެރިއެއް ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ. މަސްކްގެ އަމިއްލަ ވިޔަފާރިން ފެންނަނީވެސް އެ ކާމިޔާބީ ކަމަށް އޭނާ ވިދާޅުވި އެވެ.
މަސްކަށާއި ރާމަސްވާމީއަށް ބާރުގަދަ މިނިސްޓްރީއެއް ހަވާލުކުރެއްވި ނަމަވެސް މި ދެބޭފުޅުންނަށް އޮތް ވާޒީފާގެ ނަން އަދި ހާމައެއް ނުކުރެ އެވެ. އަދި މިނިސްޓްރީގެ އޮނިގަނޑު އޮތް ގޮތެއްވެސް ނޭނގެ އެވެ.
ބެލެވޭ ގޮތުގައި ރައީސްކަމުގެ ހުވައިކުރައްވައި، ކެބިނެޓް އިއުލާންކުރައްވާއިރު މި ހުރިހާ ބާގަނޑުތަކެއް ހުންނާނީ ބައްދާފަ އެވެ.
ޖެނުއަރީ 20، 2025 ގައި ޓްރަމްޕް އެމެރިކާގެ ރައީސްކަމުގެ ހުވާ ކުރެއްވުމުގެ ކުރިން ސަރުކާރުން އޮންނާނެ ގޮތް އާންމުކުރައްވާނެ އެވެ. އަދި އެކި މިނިސްޓްރީއަށް / ޑިޕާޓްމަންޓްތަކަށް ވެރިން ހަމަޖައްސާ ނިންމަވާނެ އެވެ.