ދުނިޔެ

ދެން ޓްވިޓާ ބޭނުމެއް ނުކުރާނަން: ޓްރަމްޕް

ޓްވިޓާއަށް ދެން އެނބުރި ވަޑައިގަތުމެއް ނެތް ކަމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވީ އީލޮން މަސްކް މުޅި ޓްވިޓާ އެއްކޮށް ބައްލަވައިގަތް ނަމަވެސް، ދެން ޓްވިޓާ ބޭނުން ނުކުރައްވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އަޒުމަކީ "ޓްރުތު" ސޯޝަލް ބޭނުންކުރެއްވުން ކަމަށާއި ދެމިހުންނަވާނީ ވެސް ޓްރުތު ސޯޝަލްގެ މެމްބަރެއް ގޮތުގައި ކަމަށެވެ.

ޓްރުތު ސޯޝަލް އަކީ ޓްރަމްޕް މީޑިއާ އެންޑް ޓެކްނޮލޮޖީ ގްރޫޕް (ޓީއެމްޓީޖީ)ގެ އުފެއްދުމެކެވެ. އެއީ ޓްވިޓާ އާއި ފޭސްބުކް އަދި އިންސްޓާގްރާމް ފަދައިން ބޭނުންކުރެވޭ ސޯޝަލް މީޑިއާ ޕްލެޓްފޯމެކެވެ.

ޓްރުތު ސޯޝަލް އަދި ވެސް އުޅެނީ އުފެއްދުމުގެ މަރުހަލާގަ އެވެ. މުޅި ދުނިޔެއަށް އަދި ފަތުރައެއް ނުލަ އެވެ. ބޭނުންކުރެވެނީ ހަމައެކަނި އެމެރިކާ މީހުންނަށާއި ޚާއްސަ މެމްބަރުންނަށެވެ. އެހެން ނަމަވެސް ދުރު ނޫން މުސްތަގުބަލެއްގައި ގިނަ ބައްރުތަކަކަށް ހުޅުވާލާނެ ކަމަށް ވަނީ ބުނެފަ އެވެ.

ޑޮނަލްޑް ޓްރަމްޕް ޓްވީޓާ ދެން ބޭނުން ނުކުރައްވާނެ ކަމަށް ވިދާޅުވިއިރު، އެމެރިކާގެ މަޝްހޫރު ވިޔަފާރިވެރިޔާ އީލޮން މަސްކް ވަނީ އޭނާގެ މިލްކިއްޔާތުގެ ތެރެއަށް ޓްވީޓާ ވެއްދުމަށް ކުރެއްވި މަސައްކަތްތައް ކާމިޔާބު ކުރައްވާފަ އެވެ.

އީލޮން މަސްކް ޓްވިޓާ ބައްލަވައި ގަތުމަށް ކުރިން ހުށަހެޅުއްވި ގޮތަށް ހިއްސާއަކަށް 54.20 މަގުން މުޅި ޓްވިޓާ 44 ބިލިއަން ޑޮލަރަށް އޭނާއަށް ވިއްކާލަން ޓްވިޓާގެ ބޯޑުން ވެސް ވަނީ ފާސްކޮށްފަ އެވެ. އަދި އެ މުއާމަލާތުގައި ސިއްކަ ޖެހުމަށް ވަނީ މަސައްކަތް ފަށާފަ އެވެ.

އީލޮން މަސްކް ވިދާޅުވި ގޮތުގައި އޭނާގެ ވެރިކަމުގައި ޓްވިޓާ އަކީ މީހުންގެ އެކައުންޓަތައް ބްލޮކްކުރާ ކުންފުންޏަކަށް ނުވާނެ އެވެ.

ޓްވިޓާގައި ކޮންމެ މީހަކަށް ކޮންމެ އެއްޗެއް ވެސް ކިޔޭނެ އެވެ. އަދި ވަކި މީހަކު ފާޅުކުރާ ހިޔާލަކުން އޭނާ ޓްވިޓާއިން ބޭރުކޮށް އެކައުންޓް ބަންދުކުރުމެއް ނޯންނާނެ އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ޖެނުއަރީ 20، 2021 ގައި ބޭއްވި ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ހުރަސްއެޅުމަށް ޓްރަމްގެ ސަޕޯޓަރުން އެމެރިކާގެ ގާނޫން ހަދާ މަޖިލީހުގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ޓްވިޓާ އާއި ފޭސްބުކް އަދި އިންސްޓާގްރާމުން ޖެނުއަރީ 8، 2021 ގައި ވަނީ ޓްރަމްޕް ބްލޮކްކޮށްފަ އެވެ. އެހެންކަމުން، އެއިން ޕްލެޓްފޯމެއް ބޭނުންކުރެވޭނެ ގޮތެއް އޭނާއަށް މިހާރަކު ނެތެވެ.

ޓްރަމްޕް ވިދާޅުވީ އީލޮން މަސްކްއަކީ ކަމުދާ މީހެއް ކަމަށާއި އެހެނެއް ކަމަކު ޓްވިޓާ އަލުން ބޭނުންކުރެއްވުމުގެ ވިސްނުމެއް މިހާރު ނެތް ކަމަށެވެ.