ދުނިޔެ

ޓްވިޓާ ގަންނާކަށް ޓްރަމްޕް ވިދާޅެއް ނުވޭ: އީލޮން މަސްކް

ޓްވިޓާ ގަންނަން ހުށަހެޅީ ވަކި މީހަކު ބުނެގެން ނޫން ކަމަށް އެމެރިކާގެ މަޝްހޫރު ބިލިޔަނަރު އީލޮން މަސްކް ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވި ސަބަބަކީ "ޓްރުތު ސޯޝަލް" ގެ ސީއީއޯއާ ޑެވިން ނޫނެސް ހަވާލާދީ ފޮކްސް ބިޒްނަސް ނެޓްވޯކުން ފެތުރި ޚަބަރަކާ ގުޅިގެންނެވެ.

ޑެވިން ނޫނެސް ވިދާޅުވި ކަމަށް ފްކޮސް ނިއުސް އަދި ނިއުޔޯކް ޕޯސްޓްގައި ބުނެފައި ވަނީ އީލޮން މަސްކް ޓްވިޓާ ގަންނަން ހުށަހެޅީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެގެން ކަމަށެވެ.

އީލޮން މަސްކް ލައްވައި ޓްވީޓާ ގަތުމަކީ ޓްރަމްޕް ވަރަށް ބޮޑަށް އެދިވަޑައިގެންނެވި ކަމެއްކަމަށް ޓްރުތު ސޯޝަލްގެ ސީއީއޯ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ވިޔަފާރި ހިނގާނީ މީހުން އުޅޭ ތަނެއްގައި ކަމަށާއި ޓްރަމްޕްގެ ވިޔަފާރިއަށް ފުރުސަތު އޮތީ ބޯގިނަ ސޯޝަލް ނެޓްވޯކެއްގައި ކަމަށެވެ.

ޑެވިން ނޫނެސް ވިދާޅުވި ގޮތުގައި ޓްވިޓާ ގަތުމަށް މަސްކަށް ޓްރަމްޕް ހިތްވަރު ދެއްވި އެވެ. އަދި މަސްކް އެކަން ނުކުރަންވީ ކީއްވެތޯ ސުވާލުކުރެއްވި އެވެ.

އީލޮން މަސްކް، މިކަމާ ބެހޭ ގޮތުން ވިދާޅުވީ ދެކެވެނީ ތެދު ވާހަކަތަކެއް ނޫން ކަމަށެވެ. އޭނާ އަދި ވިދާޅުވީ ސީދާކޮށް އަދި ނުސީދާކޮށް ވެސް ޓްރަމްޕްއާ އެއްވެސް ޒާތެއްގެ މުއާމާތެއް ނުކުރައްވާ ކަމަށެވެ.

މަސްކް ވިދާޅުވި ގޮތުގައި އޭނާ ޓްވިޓާ ބައްލަވައި ގަންނަނީ ވަކި ބަޔަކު ޝައުގުވެރި ކުރުވުމަކަށް ނޫނެވެ. އަނެއްކޮޅުން ޓްވިޓާއަށް ދެން ވަޑައި ނުގަންނަވާނެ ކަމަށް ޓްރަމްޕް ވިދާޅުވެފައި އޮތްއިރު، ޓްރަމްޕް ވިދާޅުވެގެން ކުރާ ކަމެއް ކަމަށް ބުނެ ވާހަކަ ފެތުރުމަކީ ގޯހެއް ކަމަށެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި އޭނާ ދެން ޓްވިޓާއެއް ބޭނުމެއް ނުކުރައްވާނެ އެވެ. އޭނާ ދެން ޚާއްސަވާނީ އޭނާގެ އަމިއްލަ ސޯޝަލް ނެޓްވޯކް، ޓްރުތު ސޯޝަލްއަށެވެ. އޭނާއާ ގުޅުން ހުރި ހުރިހާ ވާކަތަކެއް އުދުހޭނީ އެ ނެޓްވޯކްގައި ކަމަށް ވެސް ވިދާޅުވި އެވެ.

އީލޮން މަސްކް ޓްވިޓާ ބައްލަވައިގަތް ނަަމަވެސް ދެން އެނބުރި ޓްވިޓާއަށް ދިއުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ޖެނުއަރީ 20، 2021 ގައި ބޭއްވި ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ހުރަސްއެޅުމަށް ޓްރަމްގެ ސަޕޯޓަރުން އެމެރިކާގެ ގާނޫން ހަދާ މަޖިލީހުގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ޓްވިޓާ އާއި ފޭސްބުކް އަދި އިންސްޓާގްރާމުން ޖެނުއަރީ 8، 2021 ގައި ވަނީ ޓްރަމްޕް ބްލޮކްކޮށްފަ އެވެ.

އެހެންކަމުން، އެއިން ޕްލެޓްފޯމެއް ބޭނުންކުރެވޭނެ ގޮތެއް އޭނާއަށް މިހާރަކު ނެތެވެ.