ދުނިޔެ

ޓްރަމްޕްގެ ޓްވިޓާ އެކައުންޓް ބަންދުކުރުމަކީ ޓްވިޓާއިން އެޅި ޅައެއްޗެއް: އީލޮން މަސްކް

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޓްވިޓާ އެކައުންޓް ބަންދުކުރަން ޓްވިޓާގެ މެނޭޖްމަންޓުން ދެއްކީ ބަހަނާއެއް ކަމަށް ޓްވިޓާގެ މިހާރުގެ ސީއީއޯ، އީލޮން މަސްކް ވިދާޅުވެއްޖެ އެވެ.

މަސްކް ވިދާޅުވީ ރައީސް ޓްރަމްޕްގެ އެކައުންޓް ބަންދުކުރުމަކީ ޓްވިޓާއިން އެޅި ޅައެއްޗެއް ކަމަށެވެ.

ޓްރަމްޕާ މެދު ޓްވިޓާއިން ކަންކުރި ގޮތް ދިފާއުކޮށް އެއިރު ޓްވިޓާގެ މެޖޭންމަންޓުން ބުނެފައި އޮތީ ޓްރަމްޕްގެ އެކައުންޓް ބަންދުކުރަން ޖެހުނީ އޭނާ ކުރައްވާ ޓްވީޓްތަކުން ހިތްވަރު ހޯދައިގެން އޭނާގެ ސަޕޯޓަރުން އެމެރިކާގައި ހަމަނުޖެހުން ހިންގާތީ ކަމަށެވެ.

އަދި މަސްރަހު އޮތް ގޮތުން ހަމަނުޖެހުންތައް ދިގުލައިގެން ހިނގައިދާނެ ކަމަށް ބިރު އޮތުމުން ޓްރަމްޕަށް އެ ފުރުސަތު ބަންދުކުރީ ކަމަށް ޓްވީޓާއިން އޮތީ ބުނެފަ އެވެ.

ޓްވިޓާގެ މެނޭޖުމަންޓުން ޓްރަމްޕްގެ އެކައުންޓް ބަންދުކުރީ އެމެރިކާގައި 2020 ގައި އޮތް ރިޔާސީ އިންތިހާބާ ގުޅިގެން ޖެނުއަރީ 6، 2021 ގައި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ޓްރަމްޕްގެ ސަޕޯޓަރުން ވަދެގަތުމާ ގުޅިގެންނެވެ.

އީލޮން މަސްކް ވިދާޅުވި ގޮތުގައި ޓްވިޓާއިން އެ ގޮތަށް ހަދާފައި ހުރި ގޯސްތައް ރަނގަޅުކުރަން ޖެހެ އެވެ. އަދި އޭނާގެ މެނޭޖްމަންޓްގައި އެކަން އެ ގޮތަށް ނުހިނގާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މަސްކް ވިދާޅުވީ ބަޔަކު ބޭނުންހާ ގޮތަކަށް ޓްވީޓާ ބޭނުންކަން މިހާރު ވެސް ހުއްދަ ނޯންނާނެ ކަމަށާއި ހަމަނުޖެހުމަށް ގޮވާލާ ވަސީލަތެއް ގޮތުގައި ޓްވިޓާ އެކައުންޓް ބޭނުންކުރާ ނަމަ އެ މީހަކާ މެދު ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

ޓްވިޓާއިން ޑޮނަލްޑް ޓްރަމްޕްގެ އެކައުންޓް މިހާރު އޮތީ ހުޅުވާފަ އެވެ. އޭނާ ބޭނުން ނަމަ ޓްވީޓްކުރައްވަންވީ އެވެ. އެހެން ނަމަވެސް ޓްރަމްޕް ވިދާޅުވަނީ ޓްވިޓާއަށް ދެން އެނބުރި ވަޑައިގަތުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

ޓްރަމްޕްގެ މި ނިންމެވުމާ މެދު މަސްކު ވިދާޅުވީ ރައީސް ޓްރަމްޕް ޓްވީޓާ ބޭނުން ނުކުރެއްވުން އޭނާއަށް ބޮޑު މައްސަލައަކަށް ނުވާ ކަމަށެވެ. އެކަމަކު އޭނާގެ ޒައާމަތުގައި ޓްރަމްޕަށް ޓްވިޓާ އޮންނާނީ އަބަދުވެސް ހުޅުވާފައި ކަމަށް މަސްކް ވިދާޅުވި އެވެ.

މަސްކް ވިދާޅުވި ގޮތުގައި ބަންދުކޮށްފައި ހުރި ޓްވިޓާ އެކައުންޓްތައް އަދި ވެސް ވަރަށް ގިނަ ކަމަށެވެ. އޭގެ ތެރޭގައި ހުއްދަ ދެވިދާނެ އެކައުންޓްތައް ބައިވަރު ކަމަށް ވެސް ވިދާޅުވި އެވެ.

ޓްވިޓާގެ މެނޭޖްމަންޓުން ކުރިން ނިންމާފައި އޮތް ނިންމުތަކުގައި ބަންދުކޮށްފައި ހުރި އެކައުންޓްތައް ދޫކޮށްލަން ފެނޭތޯ ބެލުމަށް މަސްކް ވަނީ ޓްވިޓާ ބޭނުންކުރާ މީހުންނަށް ވޯޓަކަށް ވެސް ގޮވާލާފަ އެވެ.

މަސްކް ވިދާޅުވި ގޮތުގައި ކުރަށް އަރައިގަތުމަށް ތަކުރާރުކޮށް ގޮވާލުމާއި، ގާނޫނަށް ހުރަސްއަޅަން ހިތްވަރުދީފައި ނުވާ ނަމަ އެހެން ކޮންމެ އެކައުންޓެއް ވެސް ދޫކޮށްލެވިދާނެ ކަމަށެވެ.