ދުނިޔެ

ޓްރަމްޕަށް ޓްވިޓާ ހުޅުވާލާނަން: އީލޮން މަސްކް

އެމެރިކާގެ ކުރީގެ ރައީސް ޑޮލަންޑް ޓްރަމްޕަށް ޓްވިޓާއަށް ނުވަދޭވޭ ގޮތް ހަދައި ބަންދު ކުރުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށް ޓެސްލާ ކުންފުނީގެ ސީއީއޯ އީލޮން މަސްކް ވިދާޅު ވެއްޖެ އެވެ. އޭނާ ވިދާޅުވީ ޓްވިޓާ ބައްލަވައި ގަތުމަށް ފަހު ޓްރަމްޕްގެ އެކައުންޓް ހުޅުވާލައި ފުރުސަތު ދެއްވާނެ ކަމަށެވެ.

އީލޮން މަސްކް ޓްވިޓާ 44 ބިލިއަން ޑޮލަރަށް ބައްލައި ގަތުމަށް ހުށަހެޅުއްވި ހުށަހެޅުން ޓްވިޓަރުގެ ބޯޑުން ވަނީ ބަލައިގެންފަ އެވެ. އަދި ހިއްސާދާރުންގެ ރުހުން ވެސް ވަނީ ލިބިވަޑައިގެންފަ އެވެ

އެކައުންޓްތައް ބްލޮކްކުރުމާ ބެހޭ ގޮތުން ޓްވިޓަރުގެ ފައުންޑަރު ޖެކް ޑޯސީއާ ކުރެއްވި މަޝްވަރާތައް ކާމިޔާބު ކަމަށް ވެސް އީލޮން މަސްކް ވަނީ ވިދާޅުވެފަ އެވެ. ޓްވިޓަރު އެކައުންޓެއް ބަންދު ކުރެވޭ ނަމަ އެ އެކައުންޓަކީ ހަވާލުވާނެ މީހަކު ނެތް އެކައުންޓަކަށް ވާން ޖެހޭ ކަމަށް ވެސް މަސްކް ވިދާޅުވި އެވެ.

އާންމު އުސޫލުތަކުން ޓްވިޓާ އެކައުންޓެއް ބަންދު ކުރަން ޖެހުމަކީ ކުރެވިގެން ވާނެ ކަމެއް ނޫން ކަމަށް ވެސް މަސްކް ވިދާޅުވި އެވެ. އަދި ކޮންމެހެން އެކައުންޓެއް ބަންދު ކުރަން ޖެހިއްޖެ ނަމަ އެކަމުގައި އޮތް މުހިންމުކަމާ މެދު ބަހުސަކަށް ދާން ފެނިވަޑައި ގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޓްރަމްޕަކީ އެމެރިކާގެ ވަރަށް ބޮޑު ބައެއް ކަމަށް މަސްކް ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ޓްރަމްޕްގެ އެކައުންޓް ބަންދު ކުރުމުން ޓްވިޓާއަށް އެ ގެއްލެނީ ވަރަށް ބޮޑު އެއްޗެއް ކަމަށެވެ. އަދި އެއީ ޓްވިޓާއާށް ފައިދާ ވާނެ ގޮތެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި އޭނާ ދެން ޓްވިޓާއެއް ބޭނުމެއް ނުކުރައްވާނެ އެވެ. އޭނާ ދެން ޚާއްސަވާނީ އޭނާގެ އަމިއްލަ ސޯޝަލް ނެޓްވޯކް، ޓްރުތު ސޯޝަލްއަށެވެ. އޭނާއާ ގުޅުން ހުރި ހުރިހާ ވާކަތަކެއް އުދުހޭނީ އެ ނެޓްވޯކްގައި ކަމަށް ވެސް ވިދާޅުވި އެވެ.

އީލޮން މަސްކް ޓްވިޓާ ބައްލަވައިގަތް ނަަމަވެސް ދެން އެނބުރި ޓްވިޓާއަށް ދިއުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ޖެނުއަރީ 20، 2021 ގައި ބޭއްވި ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ހުރަސްއެޅުމަށް ޓްރަމްގެ ސަޕޯޓަރުން އެމެރިކާގެ ގާނޫން ހަދާ މަޖިލީހުގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ޓްވިޓާ އާއި ފޭސްބުކް އަދި އިންސްޓާގްރާމުން ޖެނުއަރީ 8، 2021 ގައި ވަނީ ޓްރަމްޕް ބްލޮކް ކޮށްފަ އެވެ