ދުނިޔެ

ޑޮނަލްޑް ޓްރަމްޕް އަށް އީލޮން މަސްކް ކަމުގޮސްފި

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެކެވަޑައިގަންނަވާ ގޮތުގައި ޓެސްލާ އާއި ސްޕޭސް އެކްސްގެ ވެރިޔާ އީލޮން މަސްކްގެ ހިންގުންތެރިކަން ޓްރަމްޕްގެ ހިންގުންތެރިކަމާ ވަރަށް އެއްގޮތެވެ.

އީލޮން މަސްކް 44 ބިލިއަން ޑޮލަރަށް ޓްވިޓާ ބައްލަވައިގަތުމަށް ނިންމަވައި އެކަން ހާސިލުކުރެއްވުމުން ތަހުނިޔާ ވިދާޅުވެ ޓްރަމްޕް ވިދާޅުވި ގޮތުގައި އީލޮން މަސްކް އަކީ ޖެހިލުން ކުޑަ ބޭފުޅެކެވެ.

"ޓްވިޓާ މިހާރު އެ އޮތީ އެންމެ އެކަށީގެންވާ މީހާގެ އަތްމަތީގައި،" ޓްރަމްޕް ވިދާޅުވި އެވެ.

ޓްވިޓަ ބައްލަވައިގަތުމުގައި އޮން ނިޔަތަކީ އިޖުތިމާއީީ ސައްލާތަކަށް ދޫދެއްވުން ކަމަށް މަސްކް ވިދާޅުވި އެވެ. އަދި އެ މީހަކު ދައްކާފައި ހުރި ވާހަކަަތަކެއްގެ ސަބަބުން ޓްވިޓާގެ ކުރީގެ މެނޭޖްމަންޓުން ހައްޔަރުކޮށްފައި ހުރި ޓްވިޓާ އެކައުންޓްތައް ދޫކޮށްލައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.

މަސްކް ވިދާޅުވި ގޮތުގައި ޓްރަމްޕްގެ އެކައުންޓް ވެސް ދޫކޮށްލައްވާނެ އެވެ. އަދި ބްލޮކް ނައްޓާލަން އިތުރު އެކައުންޓްތަކެއް ހުރި ކަމަށްވެސް ވިދާޅުވި އެވެ.

އެހެންނަމަވެސް، މަސްކް ވިދާޅުވި ގޮތުގައި ޓްވީޓްތައް -- ޓްވިޓާގައި ދައްކާ ވާހަކަތަކުގެ އަޚުލާގީ މިންގަނޑު ދެެމެހެއްޓުމަށްޓަކައި ޒަމާނަށް ފެތޭ ޓީމެއް އެކުލަވާ ލައްވާނެ އެވެ. އެ ޓީމުގައި މުޅިން ވެސް ހިމެނޭނީ ތަންދޮރު އޮޅުންފިލާފައި ތިބި މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަށް ޖެނުއަރީ 6، 2021 ގައި ބަޔަކު ވަދެގަތުމުގެ ސަބަބުން ހިނގައިދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ޓްވިޓާގެ އެއިރުގެ މެނޭޖްމަންޓުން ޓްރަމްޕްގެ އެކައުންޓް އޮތީ މުއްދަތެއް ނެތް ގޮތަށް ބްލޮކްކޮށްފަ އެވެ.

ޓްރަމްޕް ނޫނަސް ދުނިޔޭގެ ސިޔާސަތާ ބެހިގެން ކިތަންމެ ބައެއްގެ ޓްވިޓާ އެކައުންޓް ވަނީ ފްރީޒް -- ގަނޑުކޮށްފަ އެވެ.

މަސްކްއަށް ތަހުނިޔާ ވިދާޅުވެ މަރުހަބާ ދެންނެވި ނަމަވެސް ޓްވިޓާ އަލުން ބޭނުންކުރައްވާނެ ކަމަކަށް ޓްރަމްޕް ވިދާޅެއް ނުވެ އެވެ. އޭނާ ކުރިން ވިދާޅުވި ގޮތުގައި ދެން ދުވަހަކު ވެސް ޓްވިޓާ ބޭނުމެއް ނުކުރައްވާނެ އެވެ.

އެހެން ނަމަވެސް، ޓްވިޓާގެ މެނޭޖްމަންޓް ބަދަލުވުމާ ގުޅިގެން ޓްރަމްޕް ގެންގުޅުއްވާ ވިސްނުމެއް އަދި ވިދާޅެއް ނުވެ އެވެ. ޓްވިޓާގައި ލުއި ގޮތްތަކެއް އޮތް ނަމަ ޓްރަމްޕް ނަމަވެސް އެކަމާ މެދު ވިސްނަވާނެ ކަމަށް ބެލެވެ އެވެ.

ޓްރަމްޕް މިހާރު މެސެޖް ކުރައްވަނީ އޭނާގެ އަމިއްލަ ސޯޝަލް އެޕް -- ޓުރުތު ސޯޝަލް އިންނެވެ.