މަޝްހޫރު ވިޔަވާރިވެރިޔާ އީލޮން މަސްކް އަކީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވަރަށް އަރިސް ބޭފުޅެކެވެ. ޓްރަމްޕަށް ދެވަނަ ދައުރެއް ކާމިޔާބުކުރެއްވުމުގައި، މަސްކްގެ ހިއްސާ ވަރަށް ބޮޑެވެ.
އީލޮން މަސްކްގެ ކިބައިން ޓްރަމްޕަށް ލިބިވަޑައިގަންނަވާ އެހީތެރިކަމާ ބެހޭ ގޮތުން އެކި މުނާސަބަތުތަކުގައި ޓްރަމްޕް ވަނީ ވާހަކަދައްކަވައި، އޭނާއަށް ތައުރީފްކުރައްވާފަ އެވެ.
ޓްރަމްޕް ސަރުކާރުގައި ބައިވެރިވެވަޑައިގެން، އެމެރިކާއިން ކޮރަޕްޝަން ނައްތާލުމާއި ދައުލަތުގެ އިދާރާތަކުން ކުރާ މާލީ އިޝްރާފުތައް ދެނެގަތުމަށް މަސްކް ކަުރައްވާ މަސައްކަތްތަކާ މެދު ހިތްހަމަނުޖެހޭ ބަޔަކު ވަނީ އޭނާގެ ވިޔަފާރިތަކަށް ގެއްލުންދިނުމަށް ހަރަކާތައްކެއް ފަށާފަ އެވެ.
މި ގޮތުން މަސްކްގެ ކަރަންޓް ކާރު ކުންފުނި، ޓެސްލާއަށް އަދި ޓެސްލާގެ އުފެއްދުންތަކަށް އެމެރިކާގައި -- ކޮންމެވެސް ބަޔަކު ދަނީ ގެއްލުންދެމުންނެވެ.
ޓެސްލާއަށް އަމާލުކޮށް ހިންގަމުންގެންދާ ހަރަކާތްކަށް އަމާޒުކުރައްވައި، ޓްރަމްޕް ވަނީ ވާހަކަދައްކަވާފަ އެވެ. މި ގޮތުން ދެއްކެވި ވާހަކަތަކެއްގައި، ސަރުކާރުގެ އެހީތެރިކަމަށް މަސްކް އެދިވަޑައިނުގަންނަވާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕް ވިދާޅުވީ މަސްކް އެ ހުންނެވީ އޭނާގެ ކިބައިން ހެވަކަށް އެދިވަޑައިގަނެވޭނެ ހިސާބުގައި، ވަރަށް އަރިހުގައި ކަމަށެވެ. އެކަމަކުވެސް، ދުވަހަކުވެސް އެފަދަ ކަމެއް ކޮށްދެއްވުމަށް އެދިވަޑައިނުގަންނަވާ ކަމަށެވެ.
މަސްކް އަކީ ގައުމު ދެކެ ލޯބިވާ ބަތަލެއް ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އޭނާގެ ގިނަ ވަަގުތުތައް މިހާރު ހޭދަކުރައްވަނީ އެމެރިކާ ރައްޔިތުންނަށްޓަކައި ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމް ސަރުކާރުން މަސްކަށް ހަވާލުކުރައްވާފައި ވަނީ ޑިޕާޓްމަންޓް އޮފް ގަވާންމަންޓް އެފިޝަންސީ (ޑޯޖް) ހިންގެވުމެވެ. މިއީ ސަރުކާރު ތެރޭގައި ހިންގާ ކޮރަޕްޝަންގެ މުއާމަލާތްތައް ދެނެގަތުމާއި، އިދާރާތައް ހިންގުމުގައި އެކަށީގެންވާ ވަރަށް ވުރެ ބޮޑަށް އިޝްރާފުކުރުން މަނާކުރާ އިދާރާ އެކެވެ.
އެމެރިކާ ސަރުކާރަށް ބުރަބޮޑު ޖަމާއަތްތަކާއި އިދާރާތައް އުވާލުމަށް ޓްރަމްޕަށް ދެންނެވުމާއި މަސައްކަތަށް ފަރުވާކުޑަކުރާ މުވައްޒަފުންނާއި އިދާރާތަކުގެ ވެރިން ވަޒިފާއި ވަކިކުރަން ސަރުކާރަށް ހުށަހެޅުން ވެސް ހިމެނެ އެވެ.