އުރީދޫ ދިވެހި ޕްރެމިއާ ލީގު ފުރަތަމަ ދެ ބުރުގެ ކުޅުން މިހާރު ވަނީ ނިމިފަ އެވެ. ދެން އޮތީ އެންމެ ފަހު ބުރެވެ. މިހާތަނަށް ސީޒަން ދެމިގެންއައިއިރު ޓީމުތަކުގެ ފެންވަރު މިނެކިރާލަން ޖެހެނީ ނެރެފައިވާ ނަތީޖާއިންނެވެ.
ފުރަތަމަ ދެ ބުރަށް ބަލާއިރު އެއްވެސް ޝައްކެތް ނެތް މިންވަރަށް އެންމެ މޮޅު ޓީމަކީ މާޒިޔާ އެވެ. ކޯޗު އަލީ ސުޒޭންގެ ޓީމު ފުރަތަމަ ބުރުގައި ހޯދި ނަތީޖާއަށްވުރެ ދެ ވަނަ ބުރުގައި ނެރުނު ނަތީޖާ ފުރިހަމައެވެ. ފުރަތަމަ ބުރުގައި ޓީސީ އަތުން ބަލިވި ނަމަވެސް ދެ ވަނަ ބުރު ނިންމާލީ ބަލިވުމެއްނެތި އެވެ. ފުރަތަމަ ބުރުގައި ލިބުނު 14 ޕޮއިންޓާއި ދެ ވަނަ ބުރުގައި ހޯދި 17 ޕޮއިންޓާއެކު މާޒިޔާ އެއްވަނާގައި އޮތީ 31 ޕޮއިންޓާއެކު ހަތަރު ޕޮއިންޓްގެ ލީޑެއްގަ އެވެ. މިއީ ފަހު ބުރަށް ނުކުންނައިރު ވަރަށް ބޮޑު އިތުބާރެކެވެ.
ނަތީޖާ އަށް ބަލާއިރު ފުރަަތަމަ ބުރަށްވުރެ ދެ ވަނަ ބުރުގައި އީގަލްސްގެ ނަތީޖާތައް ރަނގަޅެވެ. އެމީހުން ފުރަތަމަ ބުރުގައި 13 ޕޮއިންޓް ހޯދި ނަމަވެސް ދެ ވަނަ ބުރުގައި 14 ޕޮއިންޓް ހޯދި އެވެ. ޓޭބަލުގެ ދެ ވަނާގައި އީގަލްސް އޮތީ 27 ޕޮއިންޓާއެކުގަ އެވެ. ދެ ވަނަ ބުރުގައި ފަހު މެޗުގައި މާޒިޔާ ބަލިކުރެވުނުނަމަ އިހުސާން އަބުދުލްގަނީ (ސާންތީ)ގެ ޒުވާން ޓީމަށް ދެބުރުން އެއްވަނަ ވެސް ލިބުނީހެވެ. މިހެންވެ އީގަލްސް އޮތީ ރަނގަޅު ޓްރެކުގައި ކަމަށްބުނަންޖެހެ އެވެ.
މުހައްމަދުގެ ނިޒާމްގެ ކޯޗުކަމުގައި ކުޅެމުން އަންނަ ޓީސީ ވެސް ވަނީ ނަތީޖާތައް ދެ ވަނަ ބުރުގައި ރަނގަޅުކޮށްފަ އެވެ. ފުރަތަމަ ބުރުގައި 11 ޕޮއިންޓް ލިބުނު ނަމަވެސް ދެ ވަނަ ބުރުގައި 13 ޕޮއިންޓް ހޯދި އެވެ. އެކަމަކު ޔުނައިޓެޑް ވިކްޓަރީ އަތުން ފަހު މެޗުގައި ބަލިވުމަކީ ވަރަށް ބޮޑު ވެއްޓުމެކެވެ. އެހެންނޫނަމަ ލީގަށް ވާދަކުރާ ރޭހުގައި އެ ޓީމު ރަނގަޅަށް ވާންކުރާނެ އެވެ.
ފުރަތަމަ ދެ ބުރަށް ބަލާއިރު މާޒިޔާ އާއި ޓީސީ އަދި އީގަލްސްއާ ވަރުން އަޅުވާލެވޭނެ ޓީމެއް ނެތެވެ. ޖުމުލަކޮށް ބަލާއިރު ލީގުގައި ވާދަކުރާ އަށް ޓީމު ވަނީ ތިން ކެޓަގަރީއަކަށް ބެހިފަ އެވެ. އެންމެ ކުރީގައިވާ ތިން ޓީމަށް ފަހު ވެލެންސިއާ އާއި ނިއުރޭޑިއަންޓް އަދި ޔުނައިޓެޑް ވިކްޓަރީ ހިމަންނަޖެހެނީ ގަދަ ހަތަރަކަށް ވާދަކުރާ ރޭހުގަ އެވެ. އެންމެ ފަހަތުގައިވާ ވިކްޓަރީ އާއި ބީޖީ އަކީ ހަނގުރާމަކުރަނީ ރެލިގޭޝަނުން ސަލާމަތްވުމަށެވެ.
ފުރަތަމަ ދެ ބުރަށް ބަލާއިރު އެންމެ ގޯސް ނަތީޖާއެއް ނެރުނު ޓީމަކީ ޔުނައިޓެޑް ވިކްޓަރީ އެވެ. އެ ޓީމު ފުރަަތަމަ ބުރުގައި 12 ޕޮއިންޓް ހޯދި ނަމަވެސް ދެ ވަނަ ބުރުގައި ލިބުނީ އެންމެ ހަ ޕޮއިންޓެވެ. އެކަމަކު ޖެހިޖެހިގެން ބަލިވަމުންދިޔަދިއުން، ޓީސީގެ މައްޗަށް ކުރި ހޯދައި ނިމުމަކަށް ގެނައުމަކީ 18 ޕޮއިންޓާއެކު ފަސް ވަނާގައި އޮތް ޓީމު ތިން ވަނަ ބުރާ ކުރިމަތިލާއިރު ލިބޭނެ އާހިތްވަރެކެވެ.
ޔުނައިޓެޑް ވިކްޓަރީ އަށް ފަހު އެންމެ ގޯސް ނަތީޖާއެއް ނެރުނީ އެންމެ ވަރުގަދަ އެއް ސްކޮޑް އޮތް ވެލެންސިއާ އެވެ. ފުރަތަމަ ބުރުގައި 11 ޕޮއިންޓް ހޯދި ނަމަވެސް ދެ ވަނަ ބުރުގައި ހޯދުނީ އެންމެ އަށް ޕޮއިންޓެވެ. މާޒިޔާއާ ވާދަކޮށް އެއްވަރުވި ނަމަވެސް ފަހު މެޗުގައި ނިއުރޭޑިއަންޓް އަތުން އަތުން ބަލިވުމަކީ ވެލެންސިއާ އަށް ގާތްގަނޑަށް ލީގު ގެއްލުމެވެ. އޭގެ ކުރިން އެންމެ ފަހަތުގައިވާ ބީޖީއާ އެއްވަރުވެ، ޓީސީ އަތުން ބަލިވުމަކީ ވެލެންސިއާ ފަހަތަށްދިޔަ ސަބަބެކެވެ.
ދެ ބުރުގައި ވެސް ނިއުރޭޑިއަންޓް ފެނުނީ ވަރަށް ހަމަހަމަކޮށެވެ. ފުރަތަމަ ބުރުގައި ހަތް ޕޮއިންޓް ދެ ވަނަ ބުރުގައި ނުވަ ޕޮއިންޓް ހޯދިއިރު އާދައިގެ ޓީމަކާއެކު ނިއު ކުރިއެރުން ހޯދާފައިވާކަން ފާހަގަ ކުރެވެ އެވެ. ހާއްސަކޮށް ގިނަބަޔަކު ހީނުކުރާ މެޗުތަކުގައި ނިއު ތިން ޕޮއިންޓް ހޯދާފައިވާއިރު އެންމެ ފުލުގައި އޮންނަ ޓީމުއަތުން ބަލިވެފައިވެސް އެބަހުއްޓެވެ.
އެންމެ ފަހަތުގައިވާ ވިކްޓަރީ ފުރަތަމަ ބުރުގައި ހަތަރު ޕޮއިންޓް އަދި ދެ ވަނަ ބުރުގައި ހޯދި ފަސް ޕޮއިންޓާއެކު ލީގުގެ ޕްލޭއޯފް މަގާމުގައި އޮތީ އެންމެ ފުލުގައިވާ ބީޖީ ބަލިކޮށް ލިބުނު މޮޅާއެކުގަ އެވެ. ބީޖީން ދެ ވަނަ ބުރުގައި ނިއު ބަލިކުރި ނަމަވެސް ވިކްޓަރީ އަތުން ބަލިވުމަކީ އެންމެ ފަހަތުގައި އަނެއްކާ ވެސް އޮންނަންޖެހުނު މައިގަނޑު ސަބަބެވެ.