ރާއްޖެ ކުޅިވަރު

މޮޅު ދިވެހި ކީޕަރުންނެއް ނެތް! މައްސަލައަކީ ކޮބާ؟

  • އިމްރާނު ފެންވަރުގެ ކީޕަރަކު އަދި ނުއުފެދޭ
  • ކްލަބްތަކުގައި ގިނައީ ބޭރުގެ ކީޕަރުން
  • ދިވެހި ކީޕަރުންގެ މުސާރަ އިންތިހާއަށް ބޮޑު

ދެހާހުގެ ފުރަތަމަ ދިހައިގެ މެދަކާ ހަމައަށް ދިޔައިރު ރާއްޖޭގައި މޮޅު ދިވެހި ކީޕަރުން ތިއްބެވެ. ވިކްޓަރީގައި އިސްމާއީލް ޒަރިޔަންދާއި އިމްރާނު މުހައްމަދެވެ. ވެލެންސިއާގައި އަސްލަމް އަބުދުއްރަހީމާއި ހުސައިން ހަބީބެވެ. ނިއުރޭޑިއަންޓްގައި ހަސަން ރަމީޒް (ޓިމޯ) އާއި ކެލަމާ ހަސަން ރަޝީދެވެ. އައިއެފްސީގައި ހުރާގެ ކީޕަރު އިސްހާގް އީސާ އެވެ. މާޒިޔާގައި މުހައްމަދު ޝިނާނެވެ. އޭގެ ކުރިއަށް ބަލާއިރު ވިކްޓަރީގެ މައުރޫފް އަހުމަދު (މާއްޓޭ) އާއި ވެލެންސިއާގެ މުހައްމަދު އިގްބާލް އާއި ނިއުގެ ރެޖީނާ އިބްރާހީމް ރަޝީދާއި ލެގޫންސްގެ މުހައްމަދު ރަޝީދު (މަބޫ) އަކީ ރާއްޖެ ދެކެފައިވާ މޮޅު ކީޕަރުންނެވެ.

ނަމަވެސް މިއަދު ރާއްޖެ މި ވަނީ މޮޅު ދިވެހި ކީޕަރުންނަށް ޖެހިފަ އެވެ. ފާއިތުވެދިޔަ 17 އަހަރު ގައުމީ ކީޕަރުކަންކުރި އިމްރާނުގެ އުމުރު 40 އާ ކައިރިވަމުންދާއިރު އަދިވެސް އޭނާއާ ނުލައިވާކަށް ނޯވެ އެވެ.

ކްލަބްތަކަށް ބިދޭސީ ކީޕަރުން

ފުރަތަމަ ޑިވިޝަނުގެ އަށް ކުލަބުގެ ތެރެެއިން ފަސް ކުލަބެއްގައި ބިދޭސީ ކީޕަރުން އެބަތިއްބެވެ. އެއީ ނިއު އާއި އީގަލްސް އަދި ޔުނައިޓެޑް ވިކްޓަރީ އާއި ބީޖީގެ އިތުރުން މާޒިޔާގެ ގޯލު ބަލަހައްޓަނީ މުޅިން ވެސް ބިދޭސީ ކީޕަރުންނެވެ. ނަމަވެސް މާޒިޔާގެ އެއްވަނަ ކީޕަރަކީ އިމްރާނެވެ. އެ ޓީމަށް ލަންކާ ކީޕަރެއް ގެނައީ އިމްރާނަށް ނުކުޅެވޭވަރުގެ ކަމެއް ދިމާވެއްޖެނަމަ ކުޅުވާގޮތަށެވެ. ވެލެންސިއާ އާއި ޓީސީ އަދި ވިކްޓަރީގައި ތިބީ ދިވެހި ކީޕަރުންނެވެ.

ޓީމު މޮޅުކޮށްދެނީ ބިދޭސީ ކީޕަރުން

މި ސީޒަނުގައި ޓީމު މޮޅުކޮށްދެމުންދަނީ ބިދޭސީ ކީޕަރުންނެވެ. އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ވެލެންސިއާ އަތުން ބީޖީ 3-0 އިން ބަލިވިއިރު އެ ޓީމުގެ ޕާކިސްތާން ގައުމީ ކީޕަރުގެ ސާގިބް ހަނީފްގެ ފަރާތުން ބޮޑެތި ގޯސްތަކެއް ފެނުނެވެ. މެޗަށް ފަހު ކޯޗު މުހައްމަދު ޝާޒްލީ ބުނީ ޓީމަށާއި ދިވެހި މާހައުލަށް ހޭނެން ކީޕަރަށް ވަގުތުކޮޅެއް ބޭނުންވާ ކަމަށެވެ. އެވާހަކަ ރަނގަޅެވެ. ވަރަށް އާދައިގެ ޓީމެއް އޮތް ބީޖީ ދެ ވަނަ ބުރުގައި ކުޅުނު ފުރަތަމަ މެޗުގައި ވަރުގަދަ ވެލެންސިއާ ލަނޑެއް ޖެހިޔަނުދީ ހިފަހައްޓާލީ ކީޕަރުގެ މޮޅު ސޭވްތަކާއެކުގަ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ވެސް އޭނާ އެވެ. ފުރަތަމަ ތިން މެޗަށް ފަހު ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ކީޕަރު ވެލެންސިއާ މެޗަށް ފަހު ބުނީ މިހެންނެވެ.

"އަހަރެން އަަޒުމް ކަނޑައެޅިން އަހަރެންގެ ފޯވަޑުން ލަނޑު ނުޖެހިޔަސް އަހަރެން ކޮޅަށް ގޯލެއް ވަނަނުދޭން،" ސާގިބް ބުންޏެވެ.
އޭނާގެ މޮޅު ކުޅުމުގެ ސަބަބުން ދެ ވަނަ ސީޒަނެއްގައި ކީޕަރު ބަހައްޓަން ބީޖީން މިހާރު ބޭނުންވެ އެވެ.

މި ސީޒަނުގައި އެވްރެޖް ޓީމެއް އޮތަސް ޔުނައިޓެޑް ވިކްޓަރީ ދަނީ އެހެން ހުރިހާ ޓީމަކަށް ވަރުގަދަ ފައިޓެއް ދެމުންނެވެ. ފުރަތަމަ ބުރު ނިމުނުއިރު އެމީހުން އޮތީ ތިން ވަނާގަ އެވެ. މި ނަތީޖާތަކުގައި ޓީމުގައި ތިބި ބިދޭސީ މޮޅު ކުޅުންތެރިން ވަނީ މުހިންމު ރޯލެއް ކުޅެފަ އެވެ. މީގެ ތެރެއިން އެންމެ މޮޅު ކުޅުންތެރިއަކީ އެ ޓީމުގެ ސީރިއާ ކީޕަރު މުހައްމަދު އަލީ ޔޫސުފެވެ.

ބީޖީގެ ކޯޗު މުހައްމަދު ޝާޒްލީ ވެސް ބުނީ މިވަގުތު ހުރި އެންމެ މޮޅު ކީޕަރަކީ އެއީ ކަމަށެވެ.

"އޭނާ ވަރަށް ތަފާތު. އޭނާ އެ ޓީމު މޮޅުކޮށްދޭ ވަރަށް ގިނަ ފަހަރު. ޖުމުލަކޮށް ބިދޭސީ ހަތަރު ކުޅުންތެރިން އެމީހުންގެ މޮޅު. އޭގެ ތެރެއިން ކީޕަރު އެއީ ތަފާތު މީހެއް،" ޝާޒްލީ ބުންޏެވެ.

އީގަލްސްގެ ގޯލު ބަލަހައްޓަނީ ލަންކާގެ ގައުމީ ކީޕަރު ސުޖަން ޕެރޭރޭ އެވެ. މިދިޔަ އަހަރު އޭނާ އީގަލްސް އަށް އައިއިރަށްވުރެ ސީޒަން ނިމުނުއިރު ސުޖަން ހުރީ މާބޮޑަށް ވެސް މޮޅުވެފަ އެވެ. އެކަމާ އެ ޓީމުގެ ކޯޗު އިހުސާން އަބުދުލްގަނީ (ސާންތީ) ކަންބޮޑުވުން ފާޅުކުރި އެވެ.
އޭނާ ފާހަގަކުރީ ދިވެހި ކީޕަރުން ސީރިއަސްވާންވެއްޖެ ކަމެވެ. ސާންތީ ބުނީ ދިވެހި ގައުމީ ޓީމުގެ ގޯލްކީޕަރު ޓްރޭނަރުގެ އެހީ ލިބިގެން ރާއްޖެއާ އެންމެ ވާދަވެރި ލަންކާގެ ކީޕަރު ތަފާތުބޮޑުކޮށް މޮޅުވަމުން ދިއުމަކީ ރާއްޖޭގެ ފުޓްބޯޅަ އާއިލާ ވިސްނަންޖެހޭ ކަމެއް ކަމަށެވެ. މި އަހަރު ވެސް ސުޖަން ދަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.

ބިދޭސީ ކީޕަރުންގެ ތެރެއިން މި އަހަރު އެންމެ ގިނަ ބަޔަކު އަޅައިގަތީ ނިއުގެ ނައިޖީރިއާ ކީޕަރު އަބޫ ސުލައިމާނަށެވެ. އޭއެފްސީ ކަޕާއި ލީގުގައި ވެސް އޭނާ ވަނީ ވަރަށް މޮޅު ކުޅުމެއް ދައްކައިފަ އެވެ. އާދައިގެ ޓީމެއް އޮތް ނިއުގެ ކުޅުންތެރިންނަށް ލިބިފައިވާ އެންމެ ބޮޑު އިތުބާރަކީ ވެސް ސުލައިމާން އެވެ. އޭނާ ހުއްޓާ ފަސޭހަ ފަސޭހައިން ގޯލެއް ނުވަންނާނެކަމުގެ ޔަގީންކަން ކުޅުންތެރިންނަށް އޮވެ އެވެ. އެއްފެންވަރެއްގައި ގިނަ މެޗުތައް ކުޅެ އެވެ. ނަމަވެސް މި ސީޒަނުގެ ބާކީދެން އޮތްބައިގައި ސުލައިމާން ނިއުއިން ނުފެންނާނެ އެވެ. އެ ޓީމުން އޭނާ ދޫކޮށްލީ ޓީމަށް ގެނެސްފައިވާ ކޮސޯވޯގެ ފޯވަޑަކަށް ޖާގަ ދިނުމަށް ބިދޭސީ ހަތަރު ކުޅުންތެރިންގެ ތެރެއިން އެކަކު ބާކީ ކުރަން ޖެހޭތީ އެނޫން ގޮތެއް ނެތިގެންނެވެ. ނިއުގެ ކޯޗު ބަލްގޭރިޔާގެ ޔޮރްދާން ސްޓޮއިކޯފް އިވަނޯފް ބުނީ މޮޅަށް ކުޅެކުޅެ ހުރި ކީޕަރަކު ދޫކޮށްލަން ޖެހުމަކީ ބޮޑު ގެއްލުމެއް ކަމަށާއި ނަމަވެސް މިނޫން ގޮތެއް ނެތީ ކަމަށެވެ.

ދިވެހި ކީޕަރުން

ދިވެހި ކީޕަރުންގެ ތެރެއިން މާޒިޔާގެ ކީޕަރު އިމްރާނާމެދު ސުވާލެއްވެސްނެތެވެ. މިދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން ބޮޑު އަނިޔާއެއްގައި ހުރުމުގެ ސަބަބުން ފިޓްނަސް ދަށްވުމުން ސާފް ޗެމްޕިއަންޝިޕުގައި ވަރަށް ދަށްކޮށް ކުޅުނު ނަމަވެސް މި ސީޒަނުގައި އިމްރާން ވަނީ އަނެއްކާ ވެސް ތަފާތު ދައްކަން ފަށައިފަ އެވެ.

މީގެ އެއް މިސާލު ފެންނަން އޮތީ ދެ ވަނަ ބުރުގައި ކުޅުނު ޓީސީ އާއި މާޒިޔާގެ މެޗުންނެވެ. އިމްރާނާ ދެކޮޅަށް ޓީސީގެ ގޯލުގައި ހުރީ ގައުމީ ޓީމުގެ ބަދަލު ކީޕަރު މުހައްމަދު އިމްރާނެވެ. މި މެޗުގައި ޓީސީ އިންތިހާ އަށް މޮޅަށް ކުޅުނެވެ. މެޗު ޑޮމިނޭޓްކުރި އެވެ. އެކަމަކު މެޗުން ޓީސީ މޮޅުނުވި އެންމެ މުހިންމު ސަބަބަކީ އެ ޓީމުން ފޮނުވާލި ނުރައްކާތެރި ހަމަލާތައް މާޒިޔާގެ ކީޕަރު އިމްރާން ދިފާއު ކުރުމެވެ.

މިއާ ހިލާފަށް މާޒިޔާއިން ނުރައްކާތެރި ގޮތެއްގައި ޓީސީގެ ގޯލަށް ފޮނުވާލީ ދެ ހަމަލާ އެވެ. ދެ ބޯޅަ ވެސް ނެރެން ޖެހުނީ ގޯލް ތެރެއިންނެވެ. މެޗުގައި ޓީސީ އެހާމޮޅަށް ކުޅުނުއިރު ވެސް އެ ޓީމުގެ ކީޕަރު މުހައްމަދު އިމްރާނުގެ ފަރާތުން މެޗު ވިނިން ސޭވެއް ނުފެނެ އެވެ. ޓީސީ އެއްވަރުކުރިތާ ދެތިން މިނިޓް ފަހުން މާޒިޔާގެ މުހައްމަދު އުމޭރު ފޮނުވާލި ބާރެއް ނެތް ހިލޭ ޖެހުމަކީ ގިނަ ބަޔަކު ދެކޭގޮތުގައި ދިފާއު ކުރެވޭނެ ބޯޅައެކެވެ. ޓީސީ މޮޅަށް ކުޅެމުންދާތީއާ ވެސް އެކު މާޒިޔާގެ ކީޕަރު އިމްރާން ދޭތެރެދޭތެރެއިން ކުޅުންތެރިން ހަމައަަކަށް އަޅުވަން މެޗު "ލަސްކޮށްލުން" ފަދަ އުކުޅުތަކުން ޓީމަށް ފައިދާ ހޯދައިދެ އެވެ. އެކަމަކު ޓީސީގެ ކޯޗު މުހައްމަދު ނިޒާމް ބެންޗުގައި ހުރެ އޭނާ ކީޕަރު ހަމަޖެހިގެން ކުޅެން ތަކުރާރުކޮށް އިރުޝާދުދެމުންދިޔަ އެވެ.

އިމްރާނަށް ފަހު ގައުމީ ކީޕަރުކަން ކުރާނެ ކަމަށް އެންމެ ގިނަ ބަޔަކު ބުނަމުންދިޔަ ކީޕަރަކީ ވެލެންސިއާގެ ކީޕަރު މުހައްމަދު ފައިސަލެވެ. އެކަމަކު މި ސީޒަނުގައި އަދި ފައިސަލަށް އޭނާގެ އަސްލު މޮޅު ކުޅުން ނުދެއްކެ އެވެ. ޔުނައިޓެޑް ވިކްޓަރީ އަތުން ވެލެންސިއާ ބަލިވީ ފައިސަލް ގޯލް ދޫކޮށް ޕެނަލްޓީ އޭރިޔާގެ ބޭރަށް ނުކުތް ވަގުތު އޭނާގެ ބޯމަތިން ގޯލަށް ފޮނުވާލި ބޯޅައިންނެވެ. ނިއުރޭޑިއަންޓް އަތުން ވެލެންސިއާ އެއްވަރުވި މެޗުގައި ވެސް ފައިސަލް އަތުން ގޯލެއް ވަނީ ވެލެންސިއާ މެޗު ޑޮމިނޭޓްކުރަމުންދަނިކޮށް ފަހަތަށް އައި އެންމެ ބޯޅަައަކުންނެވެ. މީގެ އިތުރުން ވެސް ހިފަން އުޅޭ ބޯޅަތައް ރަނގަޅަށް ނުހިފި އަތުން ދޫވެގެން ދިއުން ފަދަ "ފަރުވާކުޑަ" އަމަލުތައް ފެނިފައި އެބަހުއްޓެވެ.

ވިކްޓަރީ އަށް ބަލާއިރު ކޯޗު މުހައްމަދު ނަޒީހު އެންމެ ފުރަތަމަ ފުރުސަތު ދިނީ ކީޕަރު އިބްރާހީމް އިފްރާހު އަރީފަށެވެ. އެކަމަކު މާޒިޔާ މެޗަށް ފަހު އިފްރާހު ބެންޗަށް ބަދަލުކޮށް އެއްވަނަ ކީޕަރުކަން ދިނީ ތޮލާލް ހަސަން އަށެވެ. ނަޒީހު ގަބޫލުކުރި ގޮތުގައި އިފްރާހު ހުއްޓައި ވަދެގެންނުވާނެ ބޯޅަ، ގޯލަށް ވަދެފައި އެބަހުއްޓެވެ. އަދި ތޮލާލް ފުރަތަމަ 11ގައި ކުޅެން ފެށުމުން ކުރިއަށްވުރެ ކީޕަރާމެދު ކުޅުންތެރިންގެ އިތުބާރު ވެސް ބޮޑުވެއްޖެ ކަމަށް އޭނާ ގަބޫލުކުރި އެވެ.

ދިވެހި ކީޕަރުންގެ އަގުބޮޑު

ރާއްޖޭގެ ފުޓްބޯޅަ ކުލަބުގެ ގިނަ ކޯޗުންނާ ބުނަނީ، ދިވެހި ކީޕަރުންގެ ފަރާތުން މޮޅު ކުޅުމެއް ނުފެނުނަސް ނިސްބަތުން އެއީ އަގުބޮޑު ބައެއް ކަމަށެވެ. މީގެ ސަބަބަކަށް ވަނީ ކީޕަރުންގެ އަދަދު މަދުވުމުން އެމީހުންގެ ޑިމާންޑްތައް ވެސް ބޮޑުވުމެވެ. ހުނަރާއި ނުބައްދަލު އަގެއް އެ މީހުން ކިޔަނީ އެވެ.

"ކީޕަރުން ވަރަށް މަދު ރާއްޖޭގައި. އެހެންވީމަ އެމީހުންގެ މުސާރަތައް މިހުންނަނީ ވަރަށް ބޮޑުކޮށް. މިސާލަކަށް ބަލާ ބެންޗުގައި އިންނަ ކީޕަރުގެ މުސާރަ ވެސް ޓީމުގައި ފުލްކޮށް ކުޅޭ ކުޅުންތެރިންނަށްވުރެ ބޮޑު. އެކަމަކު އަޅުގަނޑު ފާހަގަ ކުރާނީ ކީޕަރުންގެ ފަރާތުން ނުފެނެއޭ ކޮމިޓްމަންޓް. ގިނަ ފަހަރު ބެންޗުގައި އިންނަ ކީޕަރު މަސައްކަތް ކޮށްނުލާނެ ޓީމަށް އަރަން. އެހެންވީމަ ވާދަވެރިކަމެއް ވެސްނެތް. މިއީ އަސްލު ވަރަށް ބޮޑު މައްސަލައެއް. މިހާރު (ދިވެހި ކީޕަރުން) ލައިގެން މިކަމެއްނުވާނެ. އިމްރާނާއި ބިދޭސީ ކީޕަރުން އެ ދައްކައިދަނީ ދިވެހި ކީޕަރުން ތިބި ހިސާބު،" ފުރަތަމަ ޑިވިޝަނުގެ ޓީމެއްގެ ކޯޗަކު ބުންޏެވެ.