ނިއުރޭޑިއަންޓް

ނިއުއަށް އެޅި ފިޔަވަޅަކީ އެހެން ޓީމުތަކަށް ފިލާވަޅެއް

ނިއު ރޭޑިއަންޓާ ދެކޮޅަށް އެޅި ސަސްޕެންޝަންގެ ފިޔަވަޅަކީ، އެހެން ކުލަބުތަކަށް ފިލާވަޅު ލިބިގަންނަން ޖެހޭ ކަމަކަށް ވާނެ ކަމަށް، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

ޖަނަވަރީ މަހުގެ ތިން ވަނަ ދުވަހު، ނިއު ރޭޑިއަންޓް ސަސްޕެންޑް ކުރުމަށް އެފްއޭއެމްގެ އެކްސްކޯއިން ނިންމި ނިންމުން، އެގޮތުގައި ދެމެހެއްޓުމަށް އިއްޔަ ބޭއްވި އެފްއޭއެމްގެ އަހަރީ އާންމު ކޮންގްރެސްގައި ކުލަބުތަކުން ވަނީ ނިންމާފަ އެވެ. ހާޒިރުވެ ތިބި 14 ކުލަބުގެ ތެރެއިން 12 ކުލަބަކުން ނިއުގެ ސަސްޕެންޝަން ދެމެހެއްޓުމަށް ވޯޓް ދިފައި ވާއިރު، ސަސްޕެންޝަން އުވާލުމަށް ވޯޓް ދިނީ، ވިކްޓަރީ ސްޕޯޓްސް ކުލަބާއި، މަހިބަދޫ ސްޕޯޓްސް ކުލަބެވެ.

ކޮންގްރެސްއަށް ފަހު، މީޑިއާ އާ ވާހަކަ ދައްކަމުން ބައްސާމް ވިދާޅުވީ، ކުރިއަށް އޮތް ތާންގައި ކުޅުންތެރިންގެ މުސާރައިގެ ކަންކަމުގައި ފަރުވާ ކުޑަ ކޮށްފިނަމަ ފިޔަވަޅު އެޅިގެންދާނެކަން ކުލަބުތަކަށް މިހާރު ޔާގީން ވާނެ ކަމަށެވެ. ބައްސާމް ވިދާޅުވީ ފިޔަވަޅު އެޅުމުގައި ވަކި ކުލަބަކަށް ނުބައްލަވާނެ ކަމަށާއި ކިތަންމެ ދުވަސްވީ ކުލަބަކުން ކަމަށްވިޔަ ކިތަންމެ ހަގު ކުލަބެއް ކަމަށްވިޔަސް ފިޔަވަޅު އެޅިގެން ދާނެ ކަމަށެވެ.

"އަޅުގަނޑު ގަބޫލު ކުރާ ހިތްއޮތީ ދެން ހުރި ކުލަބުތަކުން މިހާރަށް ވުރެ ރަނގަޅަށް ހަރުދަނާ ކަމާއެކީގައި މަސައްކަތް ކުރާނެ ކަމަށް،" ބައްސާމް ވިދާޅުވި އެވެ. "އަދި އަޅުގަނޑުމެންވެސް މި ކުލަބުތަކާއެކީގައި ވަރަށް ގާތުން މަސައްކަތް ކުރަމުންދާނަން، އަޅުގަނޑުމެންގެ ބޭނުމަކީ ކުލަބުތައްވެސް ހަރުފަނާކަންމަތީ ބޭއްވައިގެން ހަމަ ފުޓްބޯޅައަށް ކުރިއެރުން އައުން."

އެފްއޭއެމުން، ނިއު ރޭޑިއަންޓް ސަސްޕެންޑް ކުރީ އެ ޓީމުގެ 10 ކުޅުންތެރިޔަކަށް މުސާރައިގެ ގޮތުގައި ދޭން ޖެހޭ 3.8 މިލިއަން ރުފިޔާ ނުދީ އޮތުމުންނެވެ. އެފްއޭއެމުން ބުނީ ސަސްޕެންޑް ކުރުމުގެ ކުރިން ނިއު ރޭޑިއަންޓަށް އެތަކެއް ފުރުސަތުތަކެއް ދިފައި ވާނެ ކަމަށެވެ. ޕްލެއާ ސްޓެޓަސް ކޮމިޓީއަށް ޖަވާބު ދާރީ ވުމަށް ހާޒިރުވެ، ނިއު އިން ޖަވާބު ދީފައިވަނީ އެކިފަހަރު އެކި ގޮތަށް ކަމަށް ކޮމިޓީގައި ހިމަނިވަޑައިގެންނެވި އޮފިޝަލަކު ވިދާޅުވި އެވެ.

ޖަނަވަރީ މަހު ނިއު ރޭޑިއަންޓް ސަސްޕެންޑް ވުމާ ދިމާވި ވަގުތަކީ އެފްއޭއެމްގެ ލިޑާޝިޕް ބަދަލު ކުރުމަށް އެކުލަބުން އިސްނަގައިގެން މަސައްކަތް ކުރަމުންދިޔަ ވަގުތެކެވެ. އެވަގުތު އެފްއޭއެމްގެ އެކްސްކޯއިން ނިއު ރޭޑިއަންޓް ސަސްޕެންޑް ކުރުމުން، ސަސްޕެންޑް ކުރީ އެފްއޭއެމްގެ އިތުބާރު ނެތް ކަމަށް ހުށަހަޅަން މަސައްކަތް ކުރުމުން އެކަން ހުއްޓުވުމަށް ކަމަށް ބުނެ އެ ތުހުމަތު އެފްއޭއެމްގެ މައްޗަށް ކުރެވުނެވެ.

އެހެންނަމަވެސް، ބައްސާމް ވިދާޅުވީ އެފްއޭއެމްގެ ލީޑާޝިޕް ބަދަލު ކުރަން، ބައެއް ކުލަބުތަކުން މަސައްކަތް ކުރަމުންދާ ކަމަށް އޭނާއަށް ޚަބަރު ލިބުނީ ނިއު ރޭޑިއަންޓް ސަސްޕެންޑް ކުރި ފަހުން ކަމަށެވެ.

ބައްސާމް ވިދާޅުވީ، ރާއްޖޭގެ އެންމެ ދުވަސްވީ ކުލަބު ސަސްޕެންޑްވެގެން ދިއުމުން އިއްޔަ އަކީ ވަރަށް ހިތާމަވެރި ދުވަހެއް ކަމަށެވެ. ނިއު ރޭޑިއަންޓްގެ ސަސްޕެންޝަން ބާއްވަން ކުލަބުތަކުން ނިންމުމުން، އެ ސަސްޕެންޝަނާ މެދު އެހެން ގޮތެއް ކުލަބުތަކުން ނިންމުމުންނެވެ. ކުލަބުތަކުން އެކަމާ މެދު ގޮތެއް ނިންމާނީ، އެފްއޭއެމްގެ ކޮންގްރެސްއެއްގަ އެވެ.