އެފްއޭއެމް

ކުލަބުތަކަށް މާލީ އެހީ ދެން ދޭނީ ސީދާ އެފްއޭއެމުން

މިދިޔަ ދެ އަހަރު ސަރުކާރު ކުންފުނިތަކުން، ކުލަބުތަކަށް ދެމުން އައި ފައިސާގެ އެހީ މި ދެ އަހަރު ދޭނީ، ސީދާ އެފްއޭމުން ކަމަށް، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

ސްޓޭޓް އޯން އެންޓަޕްރައިސް 'އެސްއޯއީ' ގެ ދަށުން، ކުލަބުތަކަށް ފައިސާ ދިނުމަށް ކުންފުނިތަކާއެކު އެފްއޭއެމުން ފުރަތަމަ އެއްބަސްވީ ދެ އަހަރު ދުވަހަށެވެ. އެ އެއްބަސްވުން މިދިޔަ އަހަރުގެ ނިޔަލަށް ވަނީ ހަމަވެފަ އެވެ. ސަރުކާރުވެސް ބަދަލު ވުމާއެކު، ކުންފުނިތަކުގެ ބޯޑުވެސް ވަނީ ބަދަލު ވެފަ އެވެ.

ސަރުކާރު ބަދަލުވުމާއެކު، ކުންފުނިތަކުން ކުލަބުތަކަށް ފައިސާގެ އެހީތެރިކަން ދެން ނުލިބޭނެ ކަމަށް ވާހަކަ ދެކެވުނެވެ. އެފްއޭއެމް އާއި ސަރުކާރާ ދެމެދުވެސް ވަނީ ގުޅުން ގޯސްފަ އެވެ.

ޖަނަވަރީ މަހު އެފްއޭއެމުން ބުނެފައި ވަނީ، މިއަހަރު ސަރުކާރުގެ ކުންފުނިތަކުން ކުލަބުތަކަށް ފައިސާ ފޯރުކޮށްދޭން ސަރުކާރުން އެއްބެސްވެފައިވާ ކަމަށާއި އަންނަ އަހަރުގެ ފައިސާ އެފްއޭއެމުން ދޭނެ ކަމަށެވެ.

މިއަދު ބައްސާމް ވިދާޅުވީ ކުލަބުތަކަށް ފައިސާ ފޯރުކޮށްދޭން ގޮތަކާ މެދު ކޮންމެވެސް ވަރެއްގެ ކަންބޮޑުވުމެއް ހުރި ނަމަވެސް، މިހާރު ކުލަބުތަކަށް ފައިސާ ދޭނީ، ސީދާ އެފްއޭއެމުން ކަމަށެވެ.

ބައްސާމް ވިދާޅުވީ، މި މަހު 25 ވަނަ ދުވަހު ބާއްވާ ކޮންގްރެސްއަށް ހުށަހަޅާ ބަޖެޓްގައި އެ ފައިސާ ދިނުމަށް ހިމަނާފައި ވާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެ ފައިސާ ދޭނީ، އެފްއޭއެމްއަށް އެކިގޮތްގޮތުން ލިބޭ ސްޕޮންސާޝިޕްގެ އެހީގެ ދަށުން ކަމަށެވެ.

ނޮވެމްބަރު 2016 ގައި ބޭއްވި، އެފްއޭއެމް އިންތިހާބުގައި، ބައްސާމްގެ އެންމެ ބޮޑު ވައުދަކަށްވީ، ކުލަބުތަކަށް ފައިސާގެ އެހީ ފޯރުކޮށްދިނުމެވެ. އެގޮތުން ފުރަތަމަ ޑިވިޝަންގެ ކޮންމެ ކުލަބަކަށް އަހަރަކު ތިން މިލިއަން ރުފިޔާ، ދެ ވަނަ ޑިވިޝަންގެ ކޮންމެ ކުލަބަކަށް 500.000 ރުފިޔާ އަދި ތިން ވަނަ ޑިވިޝަންގެ ގަދަ ފަސް ކުލަބަށް، ކޮންމެ ކުލަބަކަށް 100،000 ރުފިޔާ އެވެ.