ޓެކްސީގެ ހިދުމަތް

ސަރުކާރުން ޓެކްސީ ހިދުމަތް ފަށަން ތައްޔާރުވަނީ

ސަރުކާރުން ޓެކްސީ ލައިނެއްގެ ހިދުމަތް ފެށުމަށް ނިންމައިފި އެވެެ.

ޓެކްސީ ލައިންގެ ހިދުމަތަކީ ޓްރާންސްޕޯޓް މިނިސްޓްރީން ރޭ އިފްތިތާހް ކުރި "މާލެ ފަހި ޕްރޮގްރާމް"ގައި ކުރަން ނިންމާފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި އަމަލުކުރަމުން ގެންދާގޮތަށް، ޒަމާނީ، ސަލާމަތީ ގޮތުން ރައްކާތެރި އަދި އިތުރުބާރު ހިފޭ ޓެކްސީ ލައިނެއް ތައާރަފްކޮށް ހިދުމަތް ދިނުމަކީ މުހިއްމު ކަމެއް ކަމަށް ސަރުކާރުން ދެކޭ ކަމަށެވެ.

ޓެކްސީ ލައިންގެ ކާރުތައް ފްރީލާންސް އުސޫލުން ވަކި އެޕްލިކޭޝަނެއް މެދުވެރިކޮށް ކޮންޓްރޯލްކޮށް، ދުއްވުމުގެ ފުރުސަތު އެކަމަށް ޝައުގުވެރިވާ ދިވެހިންނަށް ހުޅުވާލައިގެން ދިނުމަށްވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ.

"މިގޮތަށް ހަމަޖެއްސުމުން ޑްރައިވަރުންނާއި ޕަސިންޖަރުންނަށްވެސް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެގެންދާނެ،" މިނިސްޓްރީން ބުނެ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އިތުރަށް ބުނީ މި ޓެކްސީ ލައިނަކީ ތިމާވެށްޓާއި ރަށްޓެހި އިލެކްޓްރިކް އުޅަނދު (25 ޕަސަންޓް މަދުވެގެން) ބޭނުންކޮށްގެން ފަށާނެ ޓެކްސީ ލައިނެއްގެ ގޮތުގައި ހަމަޖެއްސުމަށްވެސް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

ސަރުކާރުން ޓެކްސީ ލައިނެއްގެ ހިދުމަތް ފެށުމަށް ނިންމާފައިވަނީ މާލޭގައި އަމިއްލަ ޓެކްސީ ސެންޓަރުތަކާ ގުޅިގެން ޓެކްސީ ކުރާ މީހުންނާއި ޕްރައިވެޓް ކާރުތަކުގައި ޓެކްސީ ކުރާ މީހުންގެ އެކިއެކި ޑިމާންޑްތައް ދޭތެރެދޭތެރެއިން ސަރުކާރަށް ހުށަހަޅައި ފިއްތުއްތައް ކުރިމަތިކުރުން އާންމުވެފައި ވަނިކޮށެވެ.