ޓެކްސީގެ ހިދުމަތް

މުޒާހަރާގެ ތެރެއިން ތިން ޑްރައިވަރުން ބަންދަށް

ސަރުކާރުން ޓެކްސީގެ ހިދުމަތް ދިނުމަށް ތައްޔާރުވަމުންދާތީ އެކަމާ ދެކޮޅަށް ޓެކްސީ ޑްރައިވަރުން ހުޅުމާލޭގައި ކުރަމުން ދިޔަ މުޒާހަރާގެ ތެރެއިން ބަޔަކު ހައްޔަރުކޮށްފި އެވެ.

އެ ސަރަހައްދުގައި ތިބި އަވަސްގެ ނޫސްވެރިން ބުނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވަމުން ދިޔަ ތިން ޑްރައިވަރުން ކަމަށެވެ.

އެ މީހުން ހައްޔަރުކުރީ ހުޅުމާލެ އިން ހައިވޭއަށް އަރަން އޮންނަ މަގު ބަންދުކުރުމުގެ ގޮތުން ހަތަރު ފުރޮޅުލީ އުޅަނދުތަކެއް އެތަނަށް ހުރަސް ކުރުމާ ގުޅިގެން ކަމަށްވެސް ބުންޏެވެ.

ޑްޑައިވަރުންގެ އިހްތިޖާޖުގެ ތެރެއިން ބަޔަކު ހައްޔަރު ކުރި ކަމަކަށް ފުލުހުން އަދި ނުބުނެ އެވެ.

ފުލުހުން ފަހުން ވަނީ އެ އުޅަނދުތައް އެ ތަނުން ނަގައި ހައިވޭ އިން ދަތުރުކުރެވޭ ގޮތް ހަދާފަ އެވެ.

ޓެކްސީ ޑްރައިވަރުން މިއަދު ހަވީރުން ފެށިގެން ގެންދަނީ ހުޅުމާލޭގައި މުޒާހަރާ ކުރަމުންނެވެ. އެމީހުން ގެންދަނީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވަގުތުން ވަގުތަށް އިސްތިއުފާ ދިނުމަށްވެސް ގޮވަމުންނެވެ.

ޓެކްސީ ޑްރައިވަރުން ބުނާ ގޮތުގައި ސަރުކާރުން ޓެކްސީގެ ހިދުމަތް ދޭން ފަށައިފިނަމަ އެ މީހުންގެ އާމްދަނީ އެއްކޮށް ހުއްޓި، އެތައް އާއިލާއެއް ބިކަވުމުގެ ފުރުސަތު އެބައޮތެވެ. އަދި ވެހިކަލް ރަޖިސްޓަރީ ކޮށްދިނުމާއި ޕާކިން މައްސަލައިގައި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ސަބަބުން ވަރަށް ބޮޑަށް ދަތިވަމުންދާ ކަމަށްވެސް ޓެކްސީ ޑްރައިވަރުން ބުންޏެވެ.