ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކުރުމަށް ހުށަހެޅުމުން ސަރުކާރުން އެގޮތަށް ހުއްދަ ދީފައި ނުވާތީ ގިނަ އަދަދެއްގެ ޓެކްސީ ޑްރައިވަރުން ދަތުރުތައް ހުއްޓާލައި އިހްތިޖާޖު ކުރަން ފަށައިފި އެވެ.
ޓެކްސީ ޑްރައިވަރުންގެ އިހްތިޖާޖު ކުރިއަށް ދަނީ ހުޅުމާލޭގެ ފަތާ ޓްރެކް ހިމެނޭ ރުއްގަނޑު ދޭއް ސަރަހައްދުގަ އެވެ.
ޑްރައިވަރުން ބުނީ އިހްތިޖާޖު ކުރަން ނިކުތީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމާ އެކު ރާއްޖޭން ވެސް ތެޔޮ ގަންނަ އަގު ބޮޑުވެ އެމީހުންގެ އާމްދަނީން ބޮޑު ހަރަދެއް ތެލަށް ކުރަންޖެހޭއިރު ދަތުރުތަކުގެ އަގަށް ސަރުކާރުން ބަދަލެއް ގެނެސްދޭން ދެކޮޅު ހަދާތީ ކަމަށެވެ.
ބައެއް މީހުން ބުނީ އެ މީހުން ޓެކްސީ ކުރަނީ ބައެއް ބޭންކުތަކުން ލޯނު ނަގައިގެން ގަނެފައިވާ ކާރު ބޭނުންކޮށްގެން ކަމަށެވެ. ތެޔޮ އަގު ބޮޑުވެ ލިބޭ އާމްދަނީ ދަށްވިއިރު ލޯނާ މެދު ވެސް ސަރުކާރުން ލުއި ގޮތްތަކެއް ހަދައިދީފައި ނުވާ ކަމަށެވެ.
ޕްރައިވެޓް ކާރުތަކުގައި ޓެކްސީ ކުރަން ހުއްދަ ދިނުމަކީ ވެސް ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުމެކެވެ. އެމީހުން ބުނީ ވަކިން ހާއްސަކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޓެކްސީ ކިޔުތަކަށް އަރައިގެން ޕްރައިވެޓް ކާރުތަކުން އެ މީހުންގެ އާމްދަނީ އަށް ހުރަސް އަޅަމުންދާ ކަމަށެވެ. އެ މައްސަލަ ހައްލުކޮށްދިނުމަށް ސަރުކާރުގައި ތަކުރާރުކޮށް އެދުނު ނަމަވެސް އެއްވެސް ކަމެއް ރަނގަޅު ކުރެވިފައި ނުވާ ކަމަށްވެސް ބުންޏެވެ.
"އަޅުގަނޑުމެންނަކަށް މިހާ ބޮޑެތި މައްސަލަތައް ހުރި އިރު އަދު ތެލުގެ އަގު ބޮޑުވެގެން ދިޔައިރު ދަތުރުތަކުގެ އަގު ބޮޑު ނުކޮށް އަޅުގަނޑުމެންގެ ދިރިއުޅުމުގެ ހަރަދުތައް މެނޭޖުކުރާނެ ގޮތެއްވެސް. އެކަމަކު ސަރުކާރަކުން އަޅައެއް ވެސް ނުލާ،" ޓެކްސީ ދުއްވާތާ 26 އަހަރުވީ ޑްރައިވަރަކު ބުންޏެކެވެ.
ޑްރައިވަރުން ބުނީ އެ މީހުން އިހްތިޖާޖު ކުރަން ނިކުމެ ތިބީ ހުއްޓާލާ ގޮތަކަށް ނޫން ކަމަށެވެ. އެ މީހުން އިހްތިޖާޖު ކުރަމުންދަނީ ކަންބޮޑުވުންތައް ބޯޑުތަކުގައި ލިޔެގެން ތިބެ އެވެ.
ޓެކްސީ ޑްރައިވަރުން ވަނީ އެ މީހުންގެ އަމިއްލަ އަގުތަކެއް ކަނޑައެޅުމަށްފަހު ސަރުކާރުން ހުއްދަ ނުދިން ނަމަވެސް މިއަދު ބޮޑު އަގުގައި ޓެކްސީ ދަތުރުކުރާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް އެގޮތަށް ޓެކްސީ ޑްރައިވަރުން އަމަލުކޮށްފިނަމަ ފިޔަވަޅު އަޅާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީއާއި ފުލުހުން އޮތީ އިންޒާރު ދީފަ އެވެ.