ހުޅުމާލެ

ހުޅުމާލެއިން 416 އުޅަނދެއް ޓޯ ކުރަނީ

ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ގަވައިދާ ހިލާފަށް ޕާކުކޮށްފައިވާތީ 416 އުޅަނދެއް ޓޯ ކުރަންޖެހޭ ކަމަށް އެޗްޑީސީން ހާމަކޮށްފި އެވެ.

ހުޅުމާލޭގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތައް ބަލައި އެޗްޑީސީން ހެދި ސާވޭގެ ރިޕޯޓުގައި ވަނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ޕާކުކޮށްފައި ހުރި ނަންބަރު ބޯޑު ނުޖަހާ ނުވަތަ ސުންބޯޑުގައި ހުރި އުޅަނދުތަކާއި ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ހުރި އުޅަނދުތަކުގެ މައުލޫމާތު އާންމުކޮށްފަ އެވެ.

އުޅަނދުތަކުގެ މައުލޫމާތު ހާމަކުރިއިރު އެ އުޅަނދެއް ޕާކު ކޮށްފައި އޮތް މަގުގެ ނަމާއި އުޅަނދުގެ ފޮޓޯވެސް އާންމު ކޮށްފައިވެ އެވެ.

އެޗްޑީސީން ފޮޓޯ އާންމުކުރި އުޅަނދުތަކުގެ ތެރޭގައި ނަންބަރު ބޯޑު ނުޖަހާ ނުވަތަ ސުންބޯޑުގައި ހުރި 370 އުޅަނދާއި ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ހުރި 46 އުޅަނދެއް ހިމެނެ އެވެ.

އެޗްޑީސީން ބުނީ މި އުޅަނދުތައް ޓޯ ކުރުމުގެ މަސައްކަތް ކަމާ ބެހޭ އިދާރާތަކާއި ގުޅިގެން ކުރަން ތައްޔާރުވަމުން އަންނަ ކަމަށެވެ.

އުޅަނދެއް ޓޯ ކުރުމުގެ ތެރޭގައި ލިބޭ ގެއްލުމަށް ޒިންމާ ނުވާނެ ކަމަށްވެސް އެޗްޑީސީން ވަނީ ބުނެފަ އެވެ.