މެކޭނިކަލް ޕާކިން ސިސްޓަމް

ހުޅުމާލޭގައި 15 ޕާކިން ބިލްޑިން އަޅަން އެއްބަސްވުމެއްގައި ސޮއިކޮށްފި

ހުޅުމާލޭގައި 15 ޕާކިން ބިލްޑިން އެޅުމަށް ޓްރާސްޕޯޓް މިނިސްޓްރީއާއި އެޗްޑީސީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އެވެ. އެޗްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު އެވެ.

ހުޅުމާލޭގައި އަޅާ ޕާކިން ބިލްޑިންތަކުގައި ޖުމްލަ 3،900 ޕާކިން ޔުނިޓް ހުންނައިރު މީގެތެރެއިން 10 އިންސައްތަ ޔުނިޓްތަކަކީ ވަގުތީ ގޮތުން ޕާކް ކުރަން ދޫކުރާ ޔުނިޓްތަކެވެ. ބާކީ ހުރި ޔުނިޓްތައް ވިއްކުމަށްފަހު ގަންނަ ފަރާތްތަކަށް އެ ޔުނިޓްތައް ރަޖިސްޓަރީ ކޮށްދިނުމަށް ވަނީ ނިންމާފަ އެވެ.

މިއިމާރާތްތަކުގެ މަސައްކަތް މިއަހަރު ފެށުމަށްފަހު ގިނަ ވެގެން އެއް އަހަރުގެ ތެރޭގައި ނިންމުމަކީ އަމާޒެއް ކަމަށް އެޗްޑީސީ އިން މައުލޫމާތު ދީފައިވެ އެވެ.

މި އިމާރާތްތައް ހެދުމަށް ނިންމާފައިވަނީ އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އިމާރާތުގައި ހުންނަ ސިސްޓަމްތައް މަސައްކަތް ކުރާ ގޮތަށެވެ.

ޕާކިން އިމާރާތްތަކުގައި އިލެކްޓްރިކް ވެހިކަލް ޗާޖުކުރާ ސްޓޭޝަންތައް ހެދުމަށް ނިންމާފައިވާއިރު އިމާރާތްތަކުގެ ޓެރަސް ވިޔަފާރި ބޭނުންތަކަށް ކުއްޔަށް ދިނުމާއި، ކެފޭ ރެސްޓޯރަންޓަށް ޖާގަ ދިނުމާއި ސްޕޯޓްސް އެރީނާތައް ހިންގުންވެސް ހިމެނެ އެވެ.

މާލެއަށް ދިމާވެފައިވާ ޕާކިން މައްސަލަ ހައްލުކުރުމަށްޓަކައި މާލެ އާއި ހުޅުމާލޭގައި ޕާކިން ބިލްޑިންތަކެއް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔުާސީ ވައުދެކެވެ.