މުހައްމަދު އަމީން

ޕާކިން ސިސްޓަމްތައް ހުޅުމާލެ ދެވަނަ ފިޔަވައްސަށް ބަދަލުކުރަނީ

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ގާއިމުކޮށްފައިވާ މެކޭނިކަލް ޕާކިން ސިސްޓަމްތައް ހުޅުމާލެ ދެވަނަ ފިޔަވައްސަށް ބަދަލުކުރަން ނިންމައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ އެޗްޑީސިގެ ބެލުމުގެ ދަށުގައި ހުރި ޕާކިން ސިސްޓަމްތައް އެ މިނިސްޓްރީގެ ބެލުމުގެ ދަށަށް ބަދަލުކޮށްފައިވާ ކަމަށާއި ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހުރި ޕާކިން ސިސްޓަމްތައް ހުޅުމާލެ ދެވަނަ ފިޔަވައްސަށް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހިން ޓްރާންސްޕޯޓް މިނިސްޓްރީއަށް ބިމެއް ލިބިފައިވާކަން ފާހަގަކުރައްވާ މިނިސްޓަރު އަމީން ވިދާޅުވީ ޕާކިން ސިސްޓަމްތައް އެ ބިމަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެ މަސައްކަތް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޕާކިން ސިސްޓަމްތައް ހުޅުމާލެ ދެވަނަ ފިޔަވައްސަށް ބަދަލުކުރުމަށްފަހު ވަރަށް ކުޑަ އަގެއްގައި ހުޅުވާލާނެ ކަމަށް އަމީން ވިދާޅުވި އެވެ.

ހުޅުމާލޭގައި ހަދާފައިވާ ވަރޓިކަލް މެކޭނިކަލް ޕާކިންގ ސިސްޓަމްތަކަކީ 2017 ވަނަ އަހަރު ގާއިމުކުރި ސިސްޓަމްތަކެކެވެ. މި ސިސްޓަމްތައް ހާއްސަކޮށްފައިވަނީ ހަތަރު ފުރޮޅުލީ އުޅަނދުތަކަށެވެ.