ގަރާޖު ނެތި ދައުރު ކުރަމުންދިޔަ ގަރާޖު ސިޓީތަކުގެ ބޭނުން މިހާރު ނުކުރެވޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
މާލޭގެ މަގުތަކަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމުގެ ގޮތުން ފެށި "މާލެ ފަހި" ޕްރޮގްރާމް އިފްތިތާހު ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އަމީން ވިދާޅުވީ މަގުތައް އަމާންކުރެވޭނީ އުޅަނދުތައް މަދުކޮށް ގާނޫނާއި ގަވާއިދާ ހިލާފަށް ހިންގާފައިވާ ކަންކަން ހުއްޓުވައިގެން ކަމަށެވެ.
އެ ގޮތުން މީގެ ކުރިން ގަރާޖު ނެތި ދައުރުކުރަމުންދިޔަ ގަރާޖު ސިޓީތައް މިހާރު ބޭނުން ނުކުރެވޭނެ ކަމަށް މިނިސްޓަރު އަމީން ވިދާޅުވި އެވެ.
ގާނޫނާއި ގަވާއިދާ ހިލާފަށް ވެހިކަލް ރަޖިސްޓްރީ ކޮށްދިނުމުގެ ސަބަބުން މާލެ ސަރަހައްދަށް އުޅަނދުތައް ގިނަވެފައިވާކަން އަމީން ވަނީ ފާހަގަކުރައްވާފަ އެވެ.
މާލެ ސަރަހައްދުގެ ގިނަ ގަރާޖުތަކުގެ ވެރިފަރާތަށް ނޭނގި އެ ގަރާޖުތަކަށް ގިނަ އަދަދަކަށް އުޅަނދު ރަޖިސްޓްރީކޮށްފައިވާއިރު ގަރާޖު ނެތް ގިނަ ގެތަކުގައި ގޭގެ ވެރިފަރާތަށް ނޭނގި ގިނަ އަދަދެއްގެ އުޅަނދު ވަނީ ރަޖިސްޓްރީކޮށްފަ އެވެ.
މިފަދަ މައްސަލަތަކެއް ޓްރާންސްޕޯޓް މިނިސްޓްރީއަށް ހުށަހަޅަމުންދާތީ އެ މިނިސްޓްރީން ވަނީ މި މައްސަލަތައް ބަލައި އަވަސް ހައްލެއް ހޯދައިދެވޭނެ އުސޫލުތަކެއް ކަނޑައެޅުމަށް ނިންމާފަ އެވެ.
މީގެ އިތުރުން ގަރާޖު ރެޖިސްޓްރޭޝަން އެއް ވިއުގައަކުން ގުޅާލުމަށް ވަނީ ނިންމާފަ އެވެ.
މިވަގުތު މާލޭގައި ގަރާޖު ރަޖިސްޓްރީ ކުރަމުންދަނީ މާލެ ސިޓީ ކައުންސިލުގަ އެވެ. މި ގޮތަށް ގަރާޖުގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށްފަހު ހަމަ އެޖާގައިގައި ފިހާރައެއް ނުވަތަ ގުދަނެއް ރަޖިސްޓްރީވުމުގައި އެއްވެސް ހުރަހެއް ނެތެވެ. އަދި މިކަން ބެލޭނެ ނިޒާމެއްވެސް މިވަގުތު ނެތެވެ.
މާލެ ސިޓީ ކައުންސިލުންނާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ގަރާޖެއްގެ ގޮތުގައި ރަޖިސްޓްރީކޮށްދޭ ޖާގަ އަދި އިކޮނޮމިކް މިނިސްޓްރީން ވިޔަފާރީގެ ގޮތުގައި ރަޖިސްޓްރީ ކޮށްދެވޭ ތަންތަނުގެ މައުލޫމާތު އެއް ވިއުގައެއްގެ ތެރެއިން ޓްރާންސްޕޯޓް މިނިސްޓްރީ އާއި މާލޭ ސިޓީ ކައުންސިލާއި އެޗްޑީސީ އަދި އިކޮނޮމިކް މިނިސްޓްރީއަށް ވަގުތުން ވަގުތަށް ހިއްސާކުރެވޭނެ ސިސްޓަމެއް ގާއިމުކުރަން ވަނީ ނިންމާފަ އެވެ.