އާރްޓީއެލްގެ ބަހުގެ ހިދުމަތް ދިނުމަށް މާލެއާއި ހުޅުމާލޭގައި ދުއްވަމުންދާ ބޮޑެތި ބަސްތަކުގެ ސައިޒު ކުޑަކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ނިންމައިފި އެވެ.
އާރްޓީއެލްގެ ބަހުގެ ހިދުމަތުގައި މިހާރު ބޭނުންކުރާ ބަސްތަކަކީ މާލެ ކަހަލަ މަގުތައް ހަނި އަދި ތޮއްޖެހިފައިވާ ތަނެއްގައި ދުއްވަން މާބޮޑެތި ބަސްތަކެއް ކަމަށް ބައެއް މީހުން ދެކެ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ބޮޑެތި ބަސް ތަކުގެ ސަބަބުން މަގުތަށް ތޮއްޖެހުމުގެ މައްސަލަ އިތުރަށް ގޯސްވެފައިވާ ކަމަށެވެ. އަދި ބަސްތައް ބޮޑެތި ވުމުން މަގުތަކުގައި ދުއްވަންވެސް ވަަރަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހޭ ކަންވެސް މިނިސްޓްރީން ފާހަގަކުރެ އެވެ.
މާލެ އާއި ހުޅުމާލޭގައި ދުއްވާ ބަސްތަކުގައި ސައިޒު ކުޑަކުރަން ނިންމާފައިވީ ނަމަވެސް އެކަން ކުރާނެ ވަކި ދުވަހެއް ސަރުކާރުން ނުބުނެ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން އިތުރަށް ބުނީ ބަސްތައް ބޮޑެތި ކަމުން ދަތުރުތައް ޝެޑިއުލާ އެއްގޮތަށް ކުރުމަށްވެސް ބައެއް ވަގުތުތަކުގައި ދަތިވާ ކަމަށެވެ. މިކަމުގެ ސަބަބުން ބަހުގެ ހިދުމަތް ހޯދާ މީހުންގެ އަދަދު ދަށަށްދާ ކަމަށާއި އެހެންކަމުން މައްސަލައަށް ހައްލު ހޯދުމަށްޓަކައި ބަސްތަކުގެ ސައިޒު ކުޑަކޮށް ރޫޓުތަކުގެ ފްރީކުއެންސީ އިތުރުކޮށް ގިނަ ދަތުރުތަކެއް ކުރެވޭ ގޮތަށް އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވެ އެވެ.
މާލެއާއި ވިލިމާލެއާއި ހުޅުމާލޭގައި މުޅިން އާ ބަސްތަކެއް ގެނެސް މާލެ ސަރަހައްދުގައި ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް ފެށީ ނިމިދިޔަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައެވެ.