މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލޭވިއޭޝަން

ރަޖިސްޓްރީ ނުކުރާ 1100 އުޅަނދު މަގުމަތީގައި

މާލެ އަދި ހުޅުމާލޭގެ މަގުތަކުގައި ރަޖިސްޓްރީ ނުކުރާ ހަތަރު ފުރޮޅުލީ 1،100 އަށްވުރެ ގިނަ އުޅަނދު ޕާކުކޮށްފައި އެބަހުރި ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ މާލޭގެ މަގުތައް އަމާން ރައްކާތެރި ތަނަކަށް ހެދުމުގެ ގޮތުން ރޭ އިފްތިތާހުކުރި "މާލެ ފަހި ޕްރޮގްރާމް" ގައި ހިމެނޭ ކަންކަމާ ގުޅޭ ގޮތުން އެ މިނިސްޓްރީން ތައްޔާރުކުރި ކަރުދާހުގަ އެވެ.

އެ މިނިސްޓްރީން ބުނީ ވިއްކާލެވެންދެން ނުވަތަ ރަޖިސްޓްރީ ކުރެވެންދެން މަގުމަތީގައި ގިނަ އުޅަނދުތަކެއް ބަހައްޓާފައިވާ ކަމަށެވެ.

އެގޮތުން އެފަދަ އުޅަނދުތައް ހުރި އަދަދު ދެނެގަތުމަށް ކުރި ސާވޭ އިން އެފަދަ 1،100 އަށްވުރެ ގިނަ އުޅަނދު މާލެ އަދި ހުޅުމާލޭގެ މަގުތަކުގައި ޕާކުކޮށްފައިވާކަން ފާހަގަކުރެވޭ ކަމަށް ބުނެފައިވެ އެވެ.

މިއީ ގަވާއިދާ ހިލާފަށް ހިންގަމުންދާ އަދި ވިޔަފާރި ކުރުމުގެ އުސޫލުތަކާވެސް ހިލާފަށް ކުރަމުންދާ ކަމެއް ކަމަށް އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ.

މި މައްސަލަ ހައްލުކުރުމަށް ވިޔަފާރި އުސޫލުން ވިއްކަމުން އަންނަ އުޅަނދުތައް މަގުމަތީގައި ގުދަންކުރުމުގެ ބަދަލުގައި ވިޔަފާރިކުރާ ފަރާތްތަކަށް ހާއްސަ ވަކި ސަރަހައްދަކުން ބިން ކަނޑައަޅައި ވިޔަފާރި އުސޫލުން ޖާގަ ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެ އެވެ.

މި ވިޔަފާރިއަކީ އެހެން ވިޔަފާރިތަކެކޭ އެއްފަދައިން ކަނޑައަޅާފައިވާ ގަވާއިދުތަކާއި އެއްގޮތަށް ކުރެވޭ ވިޔަފާރިއެއް ކަމުގައި ހަމަޖެއްސުމަށް ވަނީ ނިންމާފަ އެވެ.