އެޗްޑީސީ

ހުޅުމާލޭގައި 15 ޕާކިން ބިލްޑިން އަޅަނީ، 4000 އުޅަނދަށް ޖާގަ ލިބޭނެ

ހުޅުމާލޭގައި އެޅުމަށް ނިންމާފައިވާ 15 ޕާކިން ބިލްޑިންގައި ޖުމްލަ 4،000 އުޅަނދު ޕާކް ކުރެވޭނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއާއި ފުލުހުންނާ އެކު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޗްޑީސީ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވީ ހުޅުމާލޭގެ ތަރައްގީގެ ޕްލޭންގައި 15 ޕާކިން ބިލްޑިން އެޅުމަށް ހިމަނާފައިވާ ކަމަށެވެ.

"މިއަދު އަޅުގަނޑަށް ދަންނަވާލަން ކެރޭ ގާތްގަނޑަކަށް 4،000 ޕާކިން ފުރުސަތު ކުރިއަށް އޮތް ތަނުގައި ފަހިވެގެންދާނެ،" ފަޒުލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހުޅުމާލޭގައި އެޅުމަށް ހަމަޖެހިފައިވާ ޕާކިން ބިލްޑިންތަކުގެ މަޝްރޫއު ކުރިއަށް އޮތް ތިން މަސް ތެރޭގައި އިއުލާންކުރާނެ ކަމަށެވެ. މިމަޝްރޫއު ނިމުމާއެކު ޕާކިން ބިލްޑިންތަކުން ޖާގަ ބޭނުންވާ މީހުންނަށް ވިޔަފާރި އުސޫލުން ދާއިމީކޮށް ޖާގަ ލިބޭނެ ގޮތް ހަމަޖައްސާނެ ކަމަށްވެސް ވިދާޅުވި އެވެ.

ފަޒުލް ވިދާޅުވީ ހުޅުމާލޭގެ ބައެއް މަގުތަކުގައިވެސް ޕާކިން ހަމަޖައްސަން ޖާގަ ހުރުމާ އެކު އެފަދަ ތަންތަނުން ވެސް އަގެއް ދައްކައިގެންނާއި އަދި ހިލޭވެސް ޕާކް ކުރެވޭނެ ތަންތަން ހަދާނެ ކަމަށެވެ.

މާލެ ސަރަހައްދަށް ދިމާވެފައިވާ ޕާކިން މައްސަލަ ހައްލުކުރުމަށްޓަކައި މާލެއާއި ހުޅުމާލޭގައި ޕާކިން ބިލްޑިންތަކެއް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މިމަޝްރޫއަކީ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފެށުމަށް ނިންމި މަޝްރޫއެއް ނަމަވެސް ބަޖެޓުގެ ދަތިތަކާ ގުޅިގެން އަދިވެސް މިމަޝްރޫއު ފެށިފައެއް ނުވެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މާލެެއާއި ހުޅުމާލޭގައި މެކޭނިލަކް ޕާކިން ސިސްޓަމްތަކެއް ގާއިމުކުރި ނަމަވެސް އެ ސިސްޓަމްތައް އެއްވެސް ވަރަކަށް ބޭނުންކޮށްފައި ނުވާތީ މިހާރު ވަނީ ބައެއް ސިސްޓަމްތައް ހަލާކުވުމާ ގުޅިގެން ނަގާފަ އެވެ.