ހުޅުމާލެ

ހުޅުމާލޭގެ ބީޗް ސައިޑާއި ބީޗް ފްރަންޓުން އިތުރު 10 ބިން ވިއްކަނީ

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން އިތުރު 10 ބިން ވިއްކުމަށް ހުޅުވާލައިފި އެވެ.

ބީލަމުގެ އުސޫލުން ހަމައެކަނި ދިވެހިންނަށް ގަނެވޭ ގޮތަށް ވިއްކާ މި 10 ބިމުގެ ތެރޭގައި ހިމެނެނީ ބީޗް ފްރަންޓުން ވިއްކާ ތިން ބިމާއި ބީޗް ސައިޑުން ވިއްކާ ހަތް ބިމެވެ.

ބީޗް ފްރަންޓުން ވިއްކުމަށް ހުޅުވާލާފައިވަނީ 1559 އަކަފޫޓާއި 3250 އަކަފޫޓާ ދެމެދުގެ ބިންތަކެކެވެ. ބީޗް ސައިޑުން ހުޅުވާލާފައިވަނީ 1230 އަކަފޫޓާއި 1534 އަކަފޫޓާ ދެމެދުގެ ބިންތަކެކެވެ.

މި ބިންތަކަށް އުމުރުން 18 އަހަރުވެފައިވާ ކޮންމެ ދިވެރި ރައްޔިތަކަށް ވެސް ބީލަން ހުށަހެޅޭނެ އެވެ.

ބީލަން ހުށަހަޅަނީ ކުންފުންޏަކުންނަމަ، އެ ކުންފުންޏަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ 100 ޕަސަންޓް ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމުގައިވާންޖެހެ އެވެ.

ބީޗް ފްރަންޓް ބިންތަކުގެ ބީލަން ފެށޭ އަގަކީ 4500 ރުފިޔާ އެވެ. އަދި ބީޗް ސައިޑުން ވިއްކާ ބިންތަކުގެ ބީލަން ފެށޭ އަގަކީ 4000 ރުފިޔާ އެވެ. ކޮންމެ ފަރާތަކަށްވެސް އެއް ބިމަށްވުރެ ގިނަ ބިން ގަތުމަށް އެދި އީއޯއައި ހުށަހެޅުމުގެ ފުރުސަތު އޮވެ އެވެ.