އެޗްޑީސީ

ހުޅުމާލޭގައި ޑައިވް ސެންޓަރެއް ތަރައްގީކުރަން ހުޅުވާލައިފި

ހުޅުމާލޭ ފޭސް އެކެއްގައި ޑައިވް ސެންޓަރެއް ތަރައްގީކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

މި މަޝްރޫއު ހަވާލުކުރުމުގައި އިސްކަން ދޭން ނިންމާފައިވަނީ ލޭންޑް ލީސް މޮޑެލް އަށެވެ. ނަމަވެސް އެޗްޑީސީއަށް ހުށަހަޅާ އީއޯއައިތައް އެހެން މޮޑެލްތަކަށް ވެސް ހުށަހެޅިދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އީއޯއައިގައި ޑައިވް ސެންޓަރުގައި ހިމެނޭ އިކުއިޕްމަންޓްސްއާއި، ޑައިވް ސެންޓަރުގެ ކްލާސްތައް އަދި ޕެކޭޖްތަކުގެ ތަފްސީލްތައް ހިމަނަންޖެހެ އެވެ.

އެޗްޑީސީ އިން ބުނީ އެއް ފަރާތަށްވުރެ ގިނަ ފަރާތުން މި މަޝްރޫއަށް ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހަޅައިފިނަމަ މަޝްރޫއު ހަވާލުކުރާނީ އެންމެ ފުރިހަމަ ޕްރޮޕޯސަލް ހުށަހަޅާ ފަރާތަކަށް ކަމަށެވެ.

އީއޯއައިތައް އިވެލުއޭޓް ކުރުމުގައި ބަލާނެ ކަންތައްތަކުގެ ތެރޭގައި ހުށަހަޅާފައިވާ ބިޒްނަސް މޮޑަލްއާއި، އޮޕަރޭޓަރުގެ ތަޖުރިބާ އަދި އިޖުތިމާއީ ޒިންމާގެ ތެރެއިން ކުރަން ހިމަނާ ކަންކަން ހިމެނެ އެވެ.

މިމަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކުން އީމެއިލް މެދުވެރިކޮށް އީއޯއައި ހުށަހަޅަންޖެހެނީ މި މަހުގެ 29 ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިންނެވެ.