ހުޅުމާލެ މޮނިއުމަންޓްތައް ޑިޒައިން ކުރުމަށް ބޭއްވި މުބާރާތުން އެންމެ ރަނގަޅު ކަމަށް ހޮވުނު މޮނިއުމަންޓް ޑިޒައިންތައް އަލުން މުރާޖައާ ކުރަން ނިންމައިފި އެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މޮނިއުމަންޓް ޑިޒައިން ކުރަން ހުޅުވާލި ފުރުސަތުގައި ހަތް ޑިޒައިނެއް ލިބުނު ކަމަށެވެ.
އެޗްޑީސީއަށް ލިބުނު ހުށަހެޅުންތައް ޕްރޮޕެޝަނަލް ޕެނަލަކުން ދިރާސާކޮށް އެއްވަނަ ލިބުނު ހުށަހެޅުން ހޮވާ އިއުލާންވެސް ކުރި އެވެ. އޭގެފަހުން އެޗްޑީސީއަށް ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން އެ ކުންފުނިން ބުނީ ޑިޒައިންތައް އަލުން މުރާޖައާ ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
އެއްވަނައަށް ދިޔަ މޮނިއުމަންޓްގެ ޑިޒައިން އެޗްޑީސީ އިން ކުރިން އިއުލާންކުރީ މި މަހުގެ 24 ވަނަ ދުވަހު އެވެ. އެގޮތުން ހޮވުނީ އަބްދުﷲ ޝައިމާން ވަހީދާއި އިބްރާހީމް އިފާޒްގެ އާކޯސް ޓީމުން ހުށަހެޅި ޑިޒައިނެވެ.
ހުޅުމާލޭގައި ރައުންޑްއެބައުޓްސްތައް އިތުރުކުރަމުންދާއިރު ރާއްޖޭގެ ރީތިކަން ރަމްޒުކޮށްދޭ ފަދަ މޮނިއުމަންޓްތައް އެފަދަ ތަންތަނުގައި ބަހައްޓަން ނިންމައި، މޮނިއުމަންޓް ޑިޒައިން ކުރަން އެޗްޑީސީ އިން ހުޅުވާލީ މިދިޔަ ސެޕްޓެމްބަރު އެވެ.
އެންމެ ރީތި ޑިޒައިނަކަށް 100،000 ރުފިޔާގެ އިނާމެއް ދޭން އެޗްޑީސީ އިން ވަނީ ނިންމާފަ އެވެ.
އެޗްޑީސީން ޕްލޭންކޮށްފައި ވަނީ 11 ރައުންޑްއެބައުޓްސްގައި މޮނިއުމަންޓް ބަހައްޓާށެވެ. އެެއީ ހުޅުމާލޭގެ ފޭސް އެކެއްގެ ހަތަރު ރައުންޑްއެބައުޓްސް އާއި ފޭސް ދޭއްގެ 8 ތަނެއްގައެވެ.