އެޗްޑީސީ

ހުޅުމާލޭގައި މަތީ ފަންތީގެ ހޮޓެލް ތަރައްގީކޮށް ހިންގަން ހުޅުވާލައިފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އިންޓަގްރޭޓެޑް ޓޫރިޒަމް ޒޯން، އާބަން އައިލްގައި މަތީފަންތީގެ ތިން ހޮޓެލް ތަރައްގީކޮށް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

އެޗްޑީސީ އިން ބުނީ މި ހޮޓެލްތަކަކީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު ފެންވަރު ރަނގަޅު ހިދުމަތް ދެވޭ ގޮތަށް، ރާއްޖެ ޒިޔާރާތްކުރާ ފަތުރުވެރިންނަށް ހާއްސަކޮށްގެން ތަރައްގީކުރާ މަތީ ފަންތީގެ ހޮޓާ ތަކެއް ކަމަށެވެ.

މި މަޝްރޫއުން ބިން ދޫކުރުމުގައި އިސްކަން ދޭން ނިންމާފައިވަނީ ލޭންޑް ލީސް މޮޑެލް އަށެވެ. ނަމަވެސް ހުށަހަޅާ އީއޯއައިތައް އެހެން މޮޑެލްތަކަށް ހުށަހެޅިދާނެ ކަމަށްވެސް އެޗްޑީސީ އިން ބުންޏެވެ.

އެޗްޑީސީ އިން ބުނީ އެއް ފަރާތަށް ވުރެ ގިނަ ފަރާތުން މި މަޝްރޫއުތަކަށް ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހަޅައިފިނަމަ މަޝްރޫއު ހަވާލު ކުރާނީ އެންމެ ފުރިހަމަ ޕްރޮޕޯސަލް ހުށަހަޅާ ފަރާތަކަށް ކަމަށެވެ.

އީއޯއައިތައް އިވެލުއޭޓް ކުރުމުގައި ބަލާނެ ކަންތައްތަކުގެ ތެރޭގައި ޕްރޮޕޯޒް ކޮށްފައިވާ ބިޒްނަސް މޮޑަލްއާއި، އޮޕަރޭޓަރުގެ ތަޖުރިބާ ހިމެނެ އެވެ.

ހޮޓާ ތަރައްގީކޮށް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން އީމެއިލް މެދުވެރިކޮށް އީއޯއައި ހުށަހަޅަންޖެހެނީ މިމަހުގެ 29 ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިންނެވެ.