އެޗްޑީސީ

ހުޅުމާލޭގައި މެދުފަންތީގެ ހޮޓެލް ތަރައްގީކޮށް ހިންގަން ހުޅުވާލައިފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އިންޓަގްރޭޓެޑް ޓޫރިޒަމް ޒޯން -- އާބަން އައިލްގައި މެދުފަންތީގެ ތިން ހޮޓެލް ތަރައްގީކޮށް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

މި މަޝްރޫއަށް ބިން ދޫކުރުމުގައި އިސަކަން ދިނުމަށް ހަމަޖެހިފައިވަނީ ލޭންޑް ލީސް މޮޑެލް އަށެވެ. ނަމަވެސް އެޗްޑީސީއަށް ހުށަހަޅާ އީއޯއައިތައް އެހެން މޮޑެލްތަކަށް ހުށަހެޅިދާނެ ކަމަށްވެސް އެ ކުންފުނިން ބުނެ އެވެ.

އެއް ފަރާތަށް ވުރެ ގިނަ ފަރާތުން މި މަޝްރޫއަށް ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހަޅައިފިނަމަ މަޝްރޫއު ހަވާލުކުރަން ހަމަޖެހިފައިވަނީ އެންމެ ފުރިހަމަ ޕްރޮޕޯސަލް ހުށަހަޅާ ފަރާތަކަށެވެ.

އީއޯއައިތައް އިވެލުއޭޓް ކުރުމުގައި ބަލާނެ ކަންތައްތަކުގެ ތެރޭގައި ހުށަހަޅާފައިވާ ބިޒްނަސް މޮޑަލްއާއި، އޮޕަރޭޓަރުގެ ތަޖުރިބާ އަދި އިޖުތިމާއީ ޒިންމާގެ ތެރެއިން ކުރަން ހިމަނާ ކަންކަން ހިމެނެ އެވެ.

އާބަން އައިލްގައި ހޮޓެލް ތަރައްގީކޮށް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން އީމެއިލް މެދުވެރިކޮށް އީއޯއައި ހުށަހަޅަންޖެހެނީ މި މަހުގެ 29 ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިންނެވެ.