ޓެކްސީ ދަތުރުތަކުގެ އަގުތައް ބޮޑުކުރުމަށް އެދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށް ޑްރައިވަރުން ފޮނުވި ސިޓީއަށް ޖަވާބު ދިނުން ފަސްކޮށް ބޮޑު އަގުގައި ދަތުރުކުރާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދިނަސް ދަތުރުތަކުގެ އަގު ބޮޑު ކުރަން ނިންމައިފި އެވެ.
މާލެ ސަރަހައްދުގެ ހުރިހާ ޓެކްސީ ސެންޓަރުގެ އިސްވެރިންނާއި، ޓެކްސީ ހިދުމަތުގެ ދާއިރާގެ ކަންތައްތަކުގައި އިސްކޮށް ހަރަކާތްތެރިވާ ބައެއް މީހުންނާ އެކީގައި މިިދިޔަ މަހު 22 ވަނަ ދުވަހު ބައްދަލްވުމެއް ބާއްވާ ދަތުރުތަކުގެ އަގު ބޮޑުކުރަން ވަނީ ނިންމާފައެވެ.
ދިވެހި ޑައިވަރުން މިއަދު ބުނީ މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރަށް ޖަވާބެއް ދޭން ފުރުސަތު ދިނުމުންވެސް އެކަމަށް އިޖާބަ ދީފައިނުވާތީ ދަތުރުތަކުގެ އަގު ބޮޑުކުރަން ސެންޓަރުތަކުން އިއްތިފާގުވީ އަގުގައި ދަތުރު ކުރަން ނިންމާފައިވާ ކަމަށެވެ. އަދި ކާރުތަކުގައި ދަތުރުކޮށްދޭނެ އަގުތައް ފެންނަން ހުންނާނެ ކަމަށެވެ. އަދި ދަތުރުކުރާނީ އެ އަގާމެދު ހިތްހަމަޖެހޭ ކަސްޓަމަރުން ކަމަށެވެ.
ސެންޓަރުތަކުން ކަނޑައެޅި އަގުތައް:
- މާލޭ ސިޓީގެ އެތެރޭގެ ދަތުރުތައް - 30 ރުފިޔާ
- - ހުޅުމާލެ ފޭސް ދޭއްގެ އެތެރޭ ދަތުރުތައް - 25 ރުފިޔާ
- - ހުޅުމާލެ ފޭސް އެކެއްގެ އެތެރޭގެ ދަތުރުތައް - 25 ރުފިޔާ
- - ހުޅުމާލެ ފޭސް އެކަކުން ހުޅުމާލެ ފޭސް ދޭކަށް - 40 ރުފިޔާ
- - ހުޅުމާލެ ފޭސް ދޭކުން މާލެއަށް އަދި މާލެ އިން ހުޅުމާލެ ފޭސް ދޭކަށް - 120 ރުފިޔާ
- - މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް - 100 ރުފިޔާ
- - އެއާޕޯޓުން މާލެއަށް އަދި މާލެއިން އެއާޕޯޓަށް - 80 ރުފިޔާ
- - އެއާޕޯޓުން ހުޅުމާލެއަށް އަދި ހުޅުމާލެއިން އެއާޕޯޓަށް - 80 ރުފިޔާ
- - ހުޅުމާލެއިން ހުޅުލޭ އެއާޕޯޓްގެ ސީޕްލޭން ޓާމިނަލަށް - 100 ރުފިޔާ
- - މާލެއިން ހުޅުލޭ އެއާޕޯޓްގެ ސީޕްލޭން ޓާމިނަލަށް - 100 ރުފިޔާ
- - ހުޅުމާލެ ފޭސް ދޭކުން ހުޅުލެ ސީޕްލޭން ޓާމިނަލަށް - 120 ރުފިޔާ
ޓެކްސީ ސެންޓަރު ތަކުން ކަނޑައަޅާފައިވާ އަގުތަކަށް ހިދުމަތްދޭއިރު ރޭގަނޑު ދަންވަރު 12:00ގެ ފަހުން ކުރާ ކޮންމެ ދަތުރަކަށް އިތުރު ފަސް ރުފިޔާ ނެގުމަށް ނިންމާފައިވެ އެވެ.
މާލެ ސަރަހައްދުގައި ޓެކްސީގެ ހިދުމަތް ދެވޭނެ އަގުތަކުގެ ގޮތުގައި ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވަނީ މާލެ އާއި ހުޅުލެއަށް 60 ރުފިޔާ، ހުޅުމާލޭން ހުޅުލެ އަށް 60 ރުފިޔާ، މާލެ އިން ހުޅުމާލެ އަށް 75 ރުފިޔާ އަދި މާލެ އާއި ހުޅުމާލެ ތެރޭގައި 25 ރުފިޔާ އެވެ.
ޓެކްސީކުރަން ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ އަގުތަކަށްވުރެ ބޮޑު އަގު ނަގާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ވަނީ ދީފައެވެ. ފުލުހުންގެ ރޯޑް ޕޮލިސް ފޭސްބުކް ޕޭޖުގައި ފުލުހުން ވަނީ ޓެކްސީ ޑްރައިވަރުންނަށް ނެގޭނެ އަގުތައް ހާމަކުރުމަށްފަހު ޕޯސްޓެއް ކޮށްފަ އެވެ. އެ ޕޯސްޓްގައި، ޓެކްސީތަކުން ނަގަންޖެހޭ އަގުތައް ހަނދާންކޮށްދީފައިވެ އެވެ.
ފުލުހުންގެ ޕޯސްޓުގައި ބުނެފައިވަނީ ކަނޑައަޅާފައިވާ އަގުތަކުގެ އިތުރަށް ޓެކްސީތަކުގެ ޑިކީއަށް ނުވަތަ އެތެރެއަށް އަރުވާ ލަގެޖަށް އިތުރު އަގު ނެގުމަކީ މަނާ ކަމެއް ކަމަށެވެ.
ފުލުހުން އިންޒާރުދީފައިވާއިރު، ޓްރާންސްޕޯޓް މިނިސްޓްރީން ވެސް ވަނީ ބޮޑު އަގު ނަގާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފަ އެވެ.
ޓެކްސީ ކުރުމުގެ ގަވައިދުގައިވާ ގޮތުން އެ ގަވައިދާ ހިލާފުވާނަމަ ނަސޭހަތާއި އިންޒާރު ދެވިދާނެ އެވެ. އަދި ކުށުގެ އަދަބެއްގެ ގޮތުގައި ފުރަތަމަ ފަހަރަށްނަމަ 500 ރުފިޔާ އަދި ދެވަނަ ފަހަރުނަމަ 1،000 ރުފިޔާ އިން ޖޫރިމަނާކުރެވިދާނެ އެވެ. ކުށް ތަކުރާރުކޮށްފިނަމަ އެ ފަރާތެއްގެ ލައިސަންސް ބާތިލްކުރުމުގެ ބާރުވެސް މިނިސްޓްރީ އަށް ދީފައިވެ އެވެ.