ސަރުކާރުން ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑު އަގުގައި ޓެކްސީ ކުރާ ފަރާތްތަކުގެ ޝަކުވާ ހުށަހެޅުމަށް ހުޅުވާލުމުން ލިބުނު 57 ޝަކުވާގެ ތެރެއިން 15 މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިހެން ބުނެފައި މިވަނީ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހްލާއާ ލިޔުމުން ކުރެއްވި ސުވާލަކަށް ލިޔުމުން ފޮނުވި ޖަވާބެއްގަ އެވެ.
މިނިސްޓަރު ފޮނުއްވި ޖަވާބުގައި ވިދާޅުވީ ޝަކުވާ ހުށަހެޅުމަށް ހޮޓްލައިނެއް ގާއިމުކޮށް ލިބޭ ޝަކުވާތައް ބެލުމަށް ކޮމިޓީއެއް އުފައްދައިގެން
މަސައްކަތް ފެށި 57 ޝަކުވާ ލިބުނު ކަމަށެވެ. އޭގެތެރެއިން 15 މައްސަލަ ފުލުހުންނަށް ހުށަހެޅުމަށްފަހު ގަވައިދަށް ހިލާފަށް ދަތުރުކުރި ބައެއް ޑްރައިވަރުންގެ ބަޔާން ނެގުމަށްފަހު އެފަދަ ޑްރައިވަރުންނަށް ފިޔަވަޅު އަޅަން ޓެކްސީ ސެންޓަރުތަކަށް އަންގާފައިވާނެ ކަމަށެވެ. ނަމަވެސް އެއީ ކިހާ އަދަދެއްގެ ޑްރައިވަރުން ކަމެއް ހާމަކުރައްވާފައެއް ނުވެ އެވެ.
މިނިސްޓަރުގެ ޖަވާބުގައި ޓެކްސީ ހިދުމަތާ ގުޅޭ އިތުރު ބައެއް މައުލޫމާތުވެސް ހިއްސާކުރައްވާފައިވެ އެވެ. އެގޮތުން ވިދާޅުވީ އަގުބޮޑުކޮށް ދަތުރުކުރި މައްސަލަތައް ބެލުމުގެ އިތުރަށް ޓެކްސީ އެޕްލިކޭޝަންތައް ޑައުންކުރާ މައްސަލަ ޝަކުވާގެ ގޮތުގައި ލިބޭތީ އެކަން ނުކުރަން އަންގާފައިވާނެ ކަމަށެވެ. އަދި އެފަދަ އެޕްލިކޭޝަންތަކުގައި ޓްރާންސްޕޯޓް މިނިސްޓްރީއާއި ފުލުހުންނަށް ފެންނަން ހުންނަންޖެހޭ މައުލޫމާތު އެގޮތަށް އަޕްޑޭޓް ކޮށްދިނުމަށް އަންގާފައިވާނެ ކަމަށެވެ.
ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކުރުމަށް ޓެކްސީ ސެންޓަރުތަކާއި ބައެއް ޑްރައިވަރުން ހުށަހެޅުމުން ސަރުކާރުން އެގޮތަށް ހުއްދަ ދީފައި ނުވި ނަމަވެސް ބައެއް ޑްރައިވަރުން މިހާރު ދަތުރުކުރަމުން ގެންދަނީ ސަރުކާރުން ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑު އަގުގަ އެވެ.
ސެންޓަރުތަކުން މާޗް 11 އިން ފެށިގެން ދަތުރުކުރާ އަގުތައް:
- މާލޭ ސިޓީގެ އެތެރޭގެ ދަތުރުތައް - 30 ރުފިޔާ
- - ހުޅުމާލެ ފޭސް ދޭއްގެ އެތެރޭ ދަތުރުތައް - 25 ރުފިޔާ
- - ހުޅުމާލެ ފޭސް އެކެއްގެ އެތެރޭގެ ދަތުރުތައް - 25 ރުފިޔާ
- - ހުޅުމާލެ ފޭސް އެކަކުން ހުޅުމާލެ ފޭސް ދޭކަށް - 40 ރުފިޔާ
- - ހުޅުމާލެ ފޭސް ދޭކުން މާލެއަށް އަދި މާލެ އިން ހުޅުމާލެ ފޭސް ދޭކަށް - 120 ރުފިޔާ
- - މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް - 100 ރުފިޔާ
- - އެއާޕޯޓުން މާލެއަށް އަދި މާލެއިން އެއާޕޯޓަށް - 80 ރުފިޔާ
- - އެއާޕޯޓުން ހުޅުމާލެއަށް އަދި ހުޅުމާލެއިން އެއާޕޯޓަށް - 80 ރުފިޔާ
- - ހުޅުމާލެއިން ހުޅުލޭ އެއާޕޯޓްގެ ސީޕްލޭން ޓާމިނަލަށް - 100 ރުފިޔާ
- - މާލެއިން ހުޅުލޭ އެއާޕޯޓްގެ ސީޕްލޭން ޓާމިނަލަށް - 100 ރުފިޔާ
- - ހުޅުމާލެ ފޭސް ދޭކުން ހުޅުލެ ސީޕްލޭން ޓާމިނަލަށް - 120 ރުފިޔާ
ޓެކްސީ ސެންޓަރު ތަކުން ކަނޑައަޅާފައިވާ އަގުތަކަށް ހިދުމަތްދޭއިރު ރޭގަނޑު ދަންވަރު 12:00ގެ ފަހުން ކުރާ ކޮންމެ ދަތުރަކަށް އިތުރު ފަސް ރުފިޔާ ވެސް ބައެއް ޑްރައިވަރުން ނަގަމުންދެ އެވެ.
މާލެ ސަރަހައްދުގައި ޓެކްސީގެ ހިދުމަތް ދެވޭނެ އަގުތަކުގެ ގޮތުގައި ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވަނީ މާލެ އާއި ހުޅުލެއަށް 60 ރުފިޔާ، ހުޅުމާލޭން ހުޅުލެ އަށް 60 ރުފިޔާ، މާލެ އިން ހުޅުމާލެ އަށް 75 ރުފިޔާ އަދި މާލެ އާއި ހުޅުމާލެ ތެރޭގައި 25 ރުފިޔާ އެވެ.