ހަބަރު

ނަހުލާ ކޮމިޓީއަށް ހާޒިރު ނުކުރެވޭތީ މެންބަރުންގެ ނުރުހުން

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ހާޒިރުވާން އެކި ފަހަރު މަތިން އެންގުމުން ވެސް ހާޒިރު ވެފައި ނުވާތީ އެ ކޮމިޓީގެ މެންބަރުން އެ ކަމާ ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރައްވައިފި އެވެ.

ރަށްރަށުގެ ބަނދަރުތައް ބޭނުން ކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އެކުލާވަލާން ޖެހޭ ގަވާއިދުތަކާއި އުސޫލުތައް ފުރިހަމަ ނުވާ ކަމަށް ވިދާޅުވެ މިނިސްޓަރު ނަހުލާ ހާޒިރުކޮށްދޭން އެ ކޮމިޓީގައި އެދިވަޑައިގަތީ އެ ކޮމިޓީގައި ވެސް އިންނަވާ، ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ.

އެ ކޮމިޓީން ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މަނަދޫ ދާއިރާގެ މެންބަރު އަހުމަދު ހާރޫން ވިދާޅުވީ، އެހެން މިނިސްޓަރުން ހާޒިރުކުރި ގޮތަށް މިނިސްޓަރު ނަހުލާ ވެސް ހާޒިރު ކުރަން އެކި ފަހަރު މަތިން މަސައްކަތް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެކި ސަބަބުތައް ދެއްކުމަށް ފަހު މިހާތަނަށް ވެސް ހާޒިރުވެފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިނިސްޓަރުގެ އެކިއެކި އުޒުރުތަކުގައި ހެދި ހާޒިރު ނުވެ އޮތީ. މި ކަންތައްތަކަކީ ބެލެން ޖެހޭނެ ކަންތައްތަކެއް. މަޖިލީހުން މިނިސްޓަރަކު ޒިންމާދާރު ކުރަން ކުރާ މަސައްކަތަކީ އެ މިނިސްޓަރަށް ލުއި ފަސޭހަ ގަޑިއެއްގައި ފަސޭހަ ދުވަހަކުން ކުރާ ކަމެއް ކަމަށް ވަންޏާ މި މަޖިލީހުގެ ހައިބަތު ގެއްލިގެން އެ ދަނީ،" ހާރޫން ވިދާޅުވި އެވެ.

މިނިސްޓަރު ނަހުލާ ނިސްބަތްވާ ޖުމްހޫރީ ޕާޓީގެ މެންބަރު، ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވެސް ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރެއްވި އެވެ. ވިދާޅުވީ ވޭތުވެދިޔަ އަހަރު ދުވަހު އެ ކޮމިޓީއަށް ހާޒިރު ކުރަން ކުރި މަސައްކަތް ވެސް ކާމިޔާބުވެފައިނުވާ ކަމަށެވެ. އަދި ނަހުލާ ނިސްބަތްވާ މިނިސްޓްރީން ވެސް މާ ބޮޑު ކަމެއް ކުރާ ތަނެއް ނުފެންނަ ކަމަށެވެ.

"މި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު އައި ފަހުން ވެސް މިނިސްޓަރު މާ ބޮޑު މަސައްކަތެއް ކުރައްވާ މަންޒަރެއް ނުފެނޭ، އެހެންވީއިރު ކޮމިޓީއަށް ހާޒިރު ވާން ވަގުތު ދެވެން ޖެހޭނެ ކަމަށް އަޅުގަނޑު ދެކެނީ، މިއީ މިނިސްޓަރު ބޭނުންވާ އިރަކު ހާޒިރުވާ ގޮތަށް އޮންނަ އިދާރާއެއް ނޫން،" ވަރަށް ބޮޑަށް ނުރުހިފައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވި އެވެ.

މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެންބަރު އަހުމަދު ތޯރިގް (ޓޮމް) ވިދާޅުވީ ކޮމިޓީއަށް ނަހުލާ ހާޒިރުވާން ޖެހޭނީ އޭނާއަށް ފަސޭހަ ގަޑިއެއްގައި ނޫން ކަމަށެވެ. އަދި ކޮމިޓީން އަންގާ ގަޑިއަކަށް ހާޒިރު ވާން ޖެހޭނެ ކަމަށެވެ. އަދި ނަހުލާގެ އެއްބާރުލުން މި ކަމުގައި ނުލިބިއްޖެނަމަ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސަމާލު ކަމަށް ވެސް ގެންނަން ޖެހޭނެ ކަމަށެވެ.

"އެކްޓިވްކޮށް އުޅޭ މިނިސްޓަރެއް ވިއްޔާ އެބަ އެނގޭ މި ގަޑީގައި، ގޭގައި އެކަހެރިވި ބައެއް މިނިސްޓަރުން ވެސް އެކްޓިވްކޮށް އެބަ އުޅޭ، އެކަމަކު މާ ބޮޑު ޒިންމާއެއް އަދާ ނުކުރާ މިނިސްޓަރެއްގެ ގޮތުގައި ފާހަގަކުރެވެނީ ޓްރާންސްޕޯޓް މިނިސްޓަރަކީ،" ޓޮމް ވިދާޅުވި އެވެ.

މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީގެ އެ ބައްދަލުވުމުގައި ކޮމިޓީގެ މެންބަރުން ނިންމީ ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާއަށް ހާޒިރުވާން އިތުރު ނޯޓިސްއެއް ދިނުމަށެވެ. މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ކޮމިޓީއަކަށް މިނިސްޓަރަކު ހާޒިރުވާން އަންގާނަމަ ފަސް ދުވަހުގެ ނޯޓިސްއެއް ދޭން ޖެހެ އެވެ.