ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ މެންބަރުން މާދަމާ ހުވާކުރައްވާނެ

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މާދަމާ ހުވާކުރައްވާނެ އެވެ.

މެންބަރުން ހުވާ ކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 9:00 ގަ އެވެ. އަދި މަޖިލީހުގެ ރައީސާއި ނައިބު ރައީސް ހޮވާ ޖަލްސާ މާދަމާ ހެނދުނު 10:15 ގައި ބޭއްވުމަށް ވަނީ ތާވަލުކޮށްފަ އެވެ.

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ މެންބަރުންނަށް އިއްޔެ ވަނީ އިންޑަކްޝަން ޕްރޮގްރާމެއް ބާއްވާފަ އެވެ.

މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް ހޮވާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ އާންމު އިންތިހާބަށްފަހު ބާއްވާ ފުރަތަމަ ޖަލްސާގައި މަޖިލީހުގެ މެންބަރުންގެ ތެރެއިން މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް މަޖިލީހުގެ ސިއްރު ވޯޓަކުން އިންތިހާބުކުރަންޖެހޭނެ އެވެ.

މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް އިންތިހާބު ކުރެވެންދެން އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނީ އެ ޖަލްސާއަށް ހާޒިރުވެ ތިބި މެންބަރުންގެ ތެރެއިން މަޖިލީހުގެ މެންބަރުކަމުގައި މެދުނުކެނޑި އެންމެ ގިނަ ދުވަސްވީ މެންބަރު ކަމަށާއި މެންބަރުކަމުގައި މެދުނުކެނޑީ އެންމެ ގިނަ ދުވަސްވީ ގިނަ މެންބަރުންތަކެއް ތިބިނަމަ އެ މެންބަރުންގެ ތެރެއިން އުމުރުން އެންމެ ދޮށީ މެންބަރު ކަމަށް މަޖިލީހުގެ ގަވާއިދުވައިވެ އެވެ.

ސިޔާމް މިހާތަނަށް ވަނީ މަޖިލީހުގެ ހަތަރު ދައުރު ފުރިހަމަކުރައްވާފަ އެވެ.

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ފޮނަދޫ ދާއިރާގެ އިންތިހާބީ މެންބަރު އަބްދުއްރަހީމް އަބްދުﷲ އަދި ނައިބް ރައީސް ކަމަށް ދިއްގަރު ދާއިރާގެ އިންތިހާބީ މެންބަރު އަހްމަދު ނާޒިމު އިންތިހާބު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހުށަހަޅުއްވާފަ އެވެ.

މީގެ އިތުރުން ވެރިކަން ކުރާ ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރަކަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ހަމަޖެއްސުމަށް ވަނީ ނިންމާފަ އެވެ.

މިދިޔަ އޭޕްރީލް 21 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި 93 ދާއިރާއަށް މެންބަރުން ހޮވިއިރު ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވައިގެން 66 ބޭފުޅަކު ގޮނޑި ކާމިޔާބު ކުރެއްވި އެވެ.

އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރެއްވި ބޭފުޅުންގެ ތެރެއިން 11 ބޭފުޅުން ގޮނޑި ކާމިޔާބު ކުރެއްވިއިރު މި ބޭފުޅުންގެ ތެރޭގައިވެސް ގިނައީ ޕީއެންސީގެ ބޭފުޅުންނެވެ. އެގޮތުން އަމިއްލަ ގޮތުން ވާދަކުރައްވައިގެން އިންތިހާބު ކާމިޔާބު ކުރެއްވި ބައެއް ބޭފުޅުން ޕީއެންސީއަށް ސޮއިކުރައްވާފައިވާއިރު މަޖިލީހުގައި ޕީއެންސީ ތަމްސީލް ކުރައްވާނެ މެންބަރުންގެ އަދަދު މިހާރު މިވަނީ 75 އަކަށް އިތުރުވެފަ އެވެ.

މީގެއިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އާއި އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމް އާއި އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދާއި އެ ޕާޓީގެ ޓިކެޓްގައި ވެލިދޫ ދާއިރާއަށް ހޮވުނު އައްބާސް އަކީ ވެސް ޕީއެންސީއާ އެކު މަސައްކަތް ކުރައްވާނެ މެންބަރުންނަށް ވާތީ ސަރުކާރަށް ވަނީ މަޖިލީހުގެ ވަރަށް ސާފު އަގުލަބިއްޔަތެއް ލިބިފަ އެވެ. މަޖިލިސް އިންތިހާބުގައި އިދިކޮޅު އެމްޑީޕީއަށް ލިބުނީ އެންމެ 12 ގޮނޑި އެވެ.