ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް ކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމު ހޮވައިފި އެވެ.
މަޖިލީހުގެ ނައިބުރައީސް ކަމަށް ނާޒިމު އިންތިހާބުކޮށްފައިވަނީ މިއަދު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ކުރިއަށްދިޔަ ސިއްރު ވޯޓުގަ އެވެ.
މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދެވެ.
މަޖިލީހުގެ ނައިބުރައީސްގެ މަގާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ރިޔާސަތުން ހުޅުވާލުމުން މަޖިލީހުގެ ނައިބުރައީސް ކަމަށް ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ނާޒިމުގެ ނަން ހުށަހެޅުއްވީ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އެވެ.
މި ހުށަހެޅުމަށް ތާއީދު ކުރެއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު އެވެ.
މަޖިލީހުގެ ނައިބު ރައީސް ކަމަށް މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދުދީދީގެ ނަން ހުށަހެޅުއްވީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު އެވެ.
މި ހުށަހެޅުމަށް ތާއީދު ކުރެއްވީ މާވަށު ދާއިރާގެ މެންބަރު އަހުމަދު ޝާކިރު އެވެ.
މަޖިލީހުގެ ނައިބުރައީސް އިންތިހާބުކުރުމުގެ ސިއްރު ވޯޓުގައި ނާޒިމު އަށް 80 ވޯޓު ލިބިވަޑައިގެންނެވިއިރު އަހުމަދުދީދީ އަށް ލިބިވަޑައިގަތީ 12 ވޯޓެވެ.
ނާޒިމު މީގެ ކުރިން ވަނީ މ. އަތޮޅުގެ މެންބަރުކަމާއި ދިއްގަރު ދާއިރާގެ މެންބަރު ކަމާއި މަޖިލީހުގެ ނައިބުރައީސް ކަން ކުރައްވާފަ އެެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މަޖިލީހުގެ ރައީސްވެސް ހޮވާފަ އެވެ. މަޖިލީހުގެ ރައީސް އާއި މަޖިލީހުގެ ނައިބުރައީސް ހޮވުމުގެ ސިއްރު ވޯޓު ކުރިއަށް ގެންދިޔައީ ވަކިވަކިންނެވެ.
މަޖިލީހުގެ ރައީސް ކަމަށް އިންތިހާބުވި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަށް 71 ވޯޓު ލިބިވަޑައިގެންނެވިއިރު މަޖިލީހުގެ ރައީސް ކަމަށް ދެން ވާދަކުރެއްވި ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހީމް ނާޒިލް އަށް ލިބިވަޑައިގަތީ 14 ވޯޓެވެ. އަދި ހަތް ވޯޓެއް ވަނީ ބާތިލު ވޯޓުގެ ގޮތުގައި ކަނޑައަޅާފަ އެވެ.
މަޖިލީހުގެ ރައީސް އާއި ނައިބުރައީސް ހޮވުމަށް ބޭއްވި ސިއްރު ވޯޓުގެ ގުނުމުގެ މަސައްކަތް ކުރީ ފަސް މެންބަރުންގެ ކޮމިޓީއަކުންނެވެ.
މި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމްދީދީ އާއި ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުއްގަފޫރު މޫސާ އާއި މާމިގިލި ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެންބަރު ގާސިމް އިބްރާހީމް އާއި މާފަންނު އުތުރު ދާއިރާގެ އެމްއެންޕީ މެންބަރު މުހައްމަދު ނާޒިމް އަދި ވެލިދޫ ދާއިރާގެ އެމްޑީއޭގެ މެންބަރު މުހައްމަދު އައްބާސް އެވެ.