ރައްޔިތުންގެ މަޖިލިސް

20 ވަނަ މަޖިލީހުގެ މެންބަރުން ހުވާކުރައްވައިފި

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުވާކުރުމުގެ ރަސްމިއްޔާތު -- ފޮޓޯ: މަޖިލިސް
0%
0%
0%

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުވާކުރައްވައިފި އެވެ.

މެންބަރުން ހުވާކުރުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު 9:00ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގަ އެވެ.

މެންބަރުންނަށް ހުވާލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން އެވެ.

މަޖިލީހުގެ މެންބަރުކަމުގެ ހުވާ ކުރެއްވުމަށްފަހު މެންބަރުން ވަނީ ހުވާގެ އިގުރާރުގައި ސޮއިކުރައްވާފަ އެވެ.

މެންބަރުން ހުވާކުރުމުގެ ރަސްމިއްޔާތުގައި މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިޔުޝާ ވިދާޅުވީ 20 ވަނަ މަޖިލީހަކީ ކާމިޔާބު މަޖިލީހަކަށް ވާނެ ކަމަށް އުންމީދުކުރައްވާ ކަމަށާއި މަޖިލީހުގެ އިދާރާއިން ދޭންޖެހޭ އެއްބާރުލުން ދޭނެ ކަމަށެވެ.

ހުވާކުރުމުގެ ރަސްމިއްޔާތަށް ޕީއެންސީގެ މެންބަރުން މިއަދު މަޖިލީހަށް ވަޑައިގެންނެވީ ހޮޓެލް ޖެން އިން އެކުގައި ހިންގަވާފަ އެވެ.

ހުވާކުރުމުގެ ރަސްމިއްޔާތަށް ޕީއެންސީގެ މެންބަރުން ވަޑައިގަންނަވަނީ -- ފޮޓޯ: އަވަސް

މިދިޔަ އޭޕްރީލް 21 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި 93 ދާއިރާއަށް މެންބަރުން ހޮވިއިރު ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވައިގެން 66 ބޭފުޅަކު ގޮނޑި ކާމިޔާބު ކުރެއްވި އެވެ.

އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރެއްވި ބޭފުޅުންގެ ތެރެއިން 11 ބޭފުޅުން ގޮނޑި ކާމިޔާބު ކުރެއްވިއިރު މި ބޭފުޅުންގެ ތެރޭގައިވެސް ގިނައީ ޕީއެންސީގެ ބޭފުޅުންނެވެ. އެގޮތުން އަމިއްލަ ގޮތުން ވާދަކުރައްވައިގެން އިންތިހާބު ކާމިޔާބު ކުރެއްވި ބައެއް ބޭފުޅުން ޕީއެންސީއަށް ސޮއިކުރައްވާފައިވާއިރު މަޖިލީހުގައި ޕީއެންސީ ތަމްސީލް ކުރައްވާނެ މެންބަރުންގެ އަދަދު މިހާރު މިވަނީ 75 އަކަށް އިތުރުވެފަ އެވެ.

މީގެއިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އާއި އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމް އާއި އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދާއި އެ ޕާޓީގެ ޓިކެޓްގައި ވެލިދޫ ދާއިރާއަށް ހޮވުނު އައްބާސް އަކީ ވެސް ޕީއެންސީއާ އެކު މަސައްކަތް ކުރައްވާނެ މެންބަރުންނަށް ވާތީ ސަރުކާރަށް ވަނީ މަޖިލީހުގެ ވަރަށް ސާފު އަގުލަބިއްޔަތެއް ލިބިފަ އެވެ. މަޖިލިސް އިންތިހާބުގައި އިދިކޮޅު އެމްޑީޕީއަށް ލިބުނީ އެންމެ 12 ގޮނޑި އެވެ.

ވެރިކަންކުރާ ޕީއެންސީއަށް މަޖިލީހުގެ ސުޕަމެޖޯރިޓީ ލިބިފައިވާއިރު އެކަމުގެ ނާޖާއިޒު ފައިދާ ގޯސްކޮށް ނުނަގާނެ ކަމަށް ޕީއެންސީން ވަނީ ބުނެފަ އެވެ.

ހުވާކުރުމުގެ ރަސްމިއްޔާތަށް ޕީއެންސީގެ މެންބަރުން އެ މެންބަރުންގެ އާއިލާގެ ބޭފުޅުންނާއެކު ވަޑައިގަންނަވަނީ -- ފޮޓޯ: އަވަސް

ވިހި ވަނަ މަޖިލީހަށް 93 މެންބަރުން އިންތިހާބުކޮށްފައިވާއިރު ނިމިދިޔަ 19 ވަނަ މަޖިލީހަށް އިންތިހާބުކުރީ 87 މެންބަރުންނެވެ. ވިހިވަނަ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނު 10:15 ގަ އެވެ.

މި ޖަލްސާގައި މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް ހޮވާނެ އެވެ.

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އަދި ނައިބް ރައީސް ކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމު އިންތިހާބު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހުށަހަޅުއްވާފަ އެވެ.

މީގެ އިތުރުން ވެރިކަން ކުރާ ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރަކަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ހަމަޖެއްސުމަށް ވަނީ ނިންމާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345