އައިޝަތު ނަހުލާ

ވިދާޅުވި ގޮތަށް މިނިސްޓަރު ފޮޓޯ އާންމު ކުރައްވައިފި

މާލެ ސަރައްހައްދުގައި ހުއްދަ ދީފައިވާ ޓެކްސީ އާއި ޕިކަޕް ސެންޓަރުތަކުގެ އިސް ވެރިންނާއި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މިރޭ ބައްދަލު ކުރައްވައި އެކަން ކުރެއްވިކަން އަންގައި ދިނުމުގެ ގޮތުން އެކަމަނާ ފޮޓޯ އާންމު ކުރައްވައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލް ޓްވިޓާ އެކައުންޓުން މިރޭ ވަނީ އެކަމަނާގެ އެ ބައްދަލްވުމުގެ ދެ ފޮޓޯއެއް އާންމު ކޮށްފަ އެވެ.

ޓްރާންސްޕޯޓުން މި ފޮޓޯތައް އާންމު ކޮށްފައި ވަނީ އެކަމަނާ އާއި މިނިސްޓްރީން ކުރަމުންދާ މަސައްކަތް މާބޮޑަށް ނުފެންނަނީ ފޮޓޯ ނަގައި އާއްމު ނުކުރާތީ ކަމަށް ވެދާނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި އެކަމަނާ ވާހަކަފުޅު ދެއްކެވުމަށްފަހު އެވެ.

ޓްރާސްޕޯޓް މިނިސްޓަރުގެ މަސައްކަތެއް ނުފެންނަ ކަމަށް ވިދާޅުވެ އާންމުން ޝަކުވާ ކުރާކަމަށް ބައެއް މެންބަރުން ކޮމެޓީގައި ވިދާޅުވުމުން ހަމަ އެ ބައްދަލުވުމުގައި އެކަމަނާ ވަނީ ރައްދު ދެއްވާފަ އެވެ.

އަދި ކައުންސިލްތަކުގެ މެންބަރުންނާ އެކަމަނާ ބައްދަލް ނުކުރައްވާތީ އެކަމުގެ ކަންބޮޑުވުން ވެސް މެންބަރުން އެ ރޭ ޗފާޅު ކުރެއްވިއެވެ. އެހެންވެ އެރޭޗ އެ ކަމަނާ ވިދާޅުވީ މިދިޔަ ދުވަސްތަކުގައި ސަރުކާރު ބަންދު ނަމަވެސް ގިނަ ވަގުތު ހޭދަ ކުރެއްވީ އޮފީހުގެ މަސައްކަތްތަކުގައި ކަމަށެވެ.

ނަހުލާ ވިދާޅުވީ ވަގުތުވާ މިންވަރަކުން އަބަދުވެސް ކައުންސިލަރުންނާއި ބައްދަލު ކުރައްވާ ކަމަށެވެ. ނަމަވެސް ކޮންމެ ބައްދަލުވުމެއްގެ ފޮޓޯނަގާ އާންމު ނުކުރާތީ އެކަން ބައެއް ބޭފުޅުންނަށް އެނގިވަޑައިނުގަންނަވަނީ ކަމަށް ވެދާނެ ކަމަށެވެ. އަދ ކުރިޔަށް އޮތްތާ ބާއްވަވާ ބައްދަލްވުންތަކުގައި ފޮޓޯ ނަގައި ފެންނާނެ ގޮތަކަށް އާންމު ކުރައްވާނެ ކަމަށެވެ.

"ދަންނަވައިލަން ޖެހޭނީ އަޅުގަނޑަށް ހުރިހާ މީޓިންތަކުގެ ފޮޓޯ ނުނެގުނީމާ ވީގޮތް ކަންނޭނގޭއޭ މީ. ކުރިއަށް އޮތް ތާނގައި އަޅުގަނޑު އެ ފޮޓޯތައް ނަގާފައި މީޓީންތަކުގެ އަޕްޑޭޓްސް ތިޔަ ބޭފުޅުންނަށް ފެނިވަޑައިގަންނަވާ ގޮތަށް އަޕްޑޭޓް ވެސް ކުރަމުން ދާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

ޓްރާސްޕޯޓް މިނިސްޓްރީން މިރޭ ބުނީ މާލެ ސަރައްހައްދުގައި ހުއްދަ ދީފައިވާ ޓެކްސީ ސެންޓަރުތަކާއި ޕިކަޕް ސެންޓަރުތަކުގެ އިސް ވެރިންނާއި ބައްދަލްކުރައްވާ މިނިސްޓަރު ނަހުލާ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އެ މިނިސްޓްރީގެ ބައެއް އިސް ވެރިންވެސް ބައިވެރިވެވަޑައިގެންނެވި އޮންލައިން ބައްދަލްވުމުގައި މަޝްވަރާ ކުރެވުނީ ޓެކްސީ ސެންޓަރުތަކާއި ޕިކަޕް ސެންޓަރުތަކަށް މިދުވަސްވަރު ދިމާވެފައިވާ ދަތިތަކަށް އަވަސް ހައްލެއް ހޯދުމާއި ގުޅޭ ގޮތުން ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.